ޞިއްޙީ ޚިދްމަތް ފުޅާކުރެއްވުމަށް ސަރުކާރުން ކުރިޔަށް ގެންދަވާ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ މަސައްކަތަކީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި މަލްޓި-ސްޕެޝަލިޓީ ޚިދްމަތް ޤާއިމްކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތެވެ. މިކަމަށް މަގުފަހިކުރެއްވުމުގެ ގޮތުން އައި.ޖީ.އެމް.އެޗްގައި، "ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރެއް" ޤާއިމްކުރެއްވުމަށް ކުރިޔަށް ގެންދަވާ މަޝްރޫއް ފާހަގަކޮށްލެވެއެވެ.
25 ބުރިއަށް އިމާރާތް ކުރައްވާ، ނެޝަނަލް ޑައިގްނޯސްޓިކް ސެންޓަރުން، އައި.ޖީ.އެމް،އެޗުން މިހާރު ދެމުންއަންނަ ހުރިހައި އައުޓް ޕޭޝަންޓް ޚިދްމަތާއި، ރާއްޖޭގައި ފަރުވާ ދިނުމަށް ބޭނުންވާ ބަލިތަކުގެ މުހިންމު ހުރިހައި ތަޙްލީލްތަކެއް ހެދޭނޭ އިންތިޒާމް ޤާއިމްކުރެވިގެންދާނެއެވެ. ހަމަ އެއާކު، ޕްރިމިއަމް ހެލްތު ސާވިސްގެ ޚިދްމަތް ތަޢާރަފް ކުރެވި، ޤައުމީ އަދި ޞިއްޙީ ދާއިރާއާއި ގުޅުންހުރި މުހިންމު، ކޮންފަރެންސްތައް ބޭއްވޭނޭ އިންތިޒާމް މި ސެންޓަރުގައި ހަމަޖެހިގެންދާނޭކަމަށް އައި.ޖީ.އެމްއެޗުން ވިދާޅުވެއެވެ.
ރާއްޖޭގެ މާޙައުލާ ވީހާވެސް ގުޅޭގޮތަކަށް ނެޝަނަލް ޑައިގްނޯސްޓިކް ސެންޓަރުގެ ޢިމާރާތް ފަރުމާ ކުރައްވާފައިވާއިރު، އާ ޢިމާރާތުގެ އެންމެ ތިރީގެ ކޮމްޕައުންޑް ފަރުމާކުރައްވާފައިވަނީ ކާރިސާއެއް ކުރިމަތިވާ ޙާލަތްތަކުގައި ބަލި މީހުންނަށް ފަރުވާދެވޭ ގޮތަށެވެ.
އިމާރާތުގެ މަސައްކަތް ކުރިޔަށްދާ ގޮތައް ބަލާއިރު، މިހާރު ކުރިޔަށްދަނީ އިނީޝިއަލް ސްޓޭޖްގެ ޕައިލިންގް މަސައްކަތެވެ. މިމަސައްކަތް މިމަހުގެ ނިޔަލަށް ނިންމާލެއްވޭނޭކަމަށް އައި.ޖީ.އެމް.އެޗުން ވިދާޅުވެއެވެ.
" މިހާރު ކުރިޔަށް މިދަނީ އިނީޝިއަލް ސްޓޭޖުގެ ޕައިލިންގް ކުރުމުގެ މަސައްކަތް. މިހާރު 169 ޕައިލް މިވަނީ ޖަހާ ނިމިފައި. މިހާރު ބާކީ އިނީ 225 ޕައިލް. މަސައްކަތް ކުރާ ޓެކްނިކަލް ޓީމުން އަންދާޒާ ކުރާ ގޮތުގައި މިމަހުގެ ނިޔަލަށް ޕައިލިންގްގެ މަސައްކަތް ނިންމާލެވޭނެ. ޕައިލްގެ މަސައްކަތް ނިމުމާއެކު އިމާރާތުގެ އެހެން މަސައްކަތް ފަށްޓާނެ. އިމާރާތް ކުރުމަށް ބޭނުންވާ ހިލައާއި ހިލަވެލި ރާއްޖެ ގެނައުމުގެ މަސައްކަތް ވަނީ ފަށާފައި. އިރާދަ ކުރެއްވިއްޔާ މިމަހުގެ ފަންސަވީސް ހާތާގައި މި ސާމާނު ސައިޓަށް ގެނެވޭވަރުވާނެ " އައި.ޖީ.އެމް އެޗްގެ ޑިރެކްޓަރ ޕްރޮޖެކްޓް ރިފާތު ޢަލީ ޖަލީލް ވިދާޅުވިއެވެ.
މިހާރު އައިޖީއެމްއެޗް ހިންގަވާ ޢިމާރާތުގައި ހުރި ހުރިހާ ޑައިގްނޯސްޓިކް ފެސިލިޓީއެއް އާ ޢިމާރާތަށް ބަދަލުކުރެއްވުމަށްފަހު މިހާރު ހުރި ޢިމާރާތުގައި ބަލި މީހުންނަށް އެނދު އިތުރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޢިމާރާތް ނިމުމުން ސަރުކާރުގެ އަމާޒު ކަމަށްވާ 500 އެނދުގެ ޓާރޝަރީ ހޮސްޕިޓަލަކަށް އައިޖީއެމްއެޗް ބަދަލުވެގެންދާނެއެވެ.
ނެޝަނަލް ޑައިގްނޯސްޓިކް ސެންޓަރުގެ މި އާ ޢިމާރާތަކީ، ރާއްޖޭގައި މިހާތަނަށް އިމާރާތްކުރާ އެންމެ އަގުބޮޑު އެއް ޢިމާރާތެވެ. ޖުމްލަ 140 މިލިއަން ޑޮލަރު ޚަރަދުކުރައްވައިގެން އަޅުއްވާ 25 ބުރީގެ މި ޢިމާރާތް ނިންމަވައި 2018 ވަނަ އަހަރު ބޭނުންކުރައްވަން ފެށޭނެކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ. މިޢިމާރާތް ނިމުމުން ރާއްޖޭގެ ސިއްޙީ ދާއިރާއަށް މިހާރު ކުރިމަތިވެފައިވާ ދަތިތައް ޙައްލުވެ، މިދާއިރާއަށް ބޮޑު އިންޤިލާބެއް ގެނުވާނެއެވެ.
ނެޝަނަލް ޑައިގްނޯސްޓިން ސެންޓަރުގެ މަސައްކަތް ނިމޭއިރު ހުޅުމާލެއާއި މާލޭގެ އާބާދީގެ އެއް ލައްކަ ތިރީސް ހާހެއްހާ މީހުންނަށް ފަރުވާ ދެވޭ ވަރުގެ ތަނަކަށް އައި.ޖީ.އެމް.އެޗް. ވެގެންދާނެކަމުގައި ސަރުކާރުން ލަފާ ކުރައްވައެވެ. އަދި މާލޭގެ އިތުރުން އަތޮޅު ތެރެއިންވެސް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ލިބޭނެ ގޮތް ހެއްދެވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.