ކުޅިވަރު

އޯޕަން ޓޭޕްބޯލް: މެރީ ކޯނަރ އާއި އެމްއޭސީއެލްއަށް މޮޅެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފުރަތަމަ މުބާރާތް ކަމަށްވާ އޯޕަން ޓޭޕްބޯލްގައި މިއަދު ކުޅުނު މެޗުތަކުން އެމްއޭސީއެލް އާއި މެރީ ކޯނަރ މޮޅުވެއްޖެއެވެ.

މި ފަހަރުގެ ރަމަޟާން ކްރިކެޓް ކާނިވަލުގައިވެސް ތިން މުބާރާތެއް ކުރިއަށްދާނެއެވެ. އެއީ ދިވެހީންނަށް ހުޅުވާލެވިފައިވާ އޯޕަން ޓޭޕްބޯލް މުބާރާތުގެ އިތުރުން އޮފީސް ޓޭޕްބޯލް އާއި ކޮމްޕެނީ ޓޭޕްބޯލް މުބާރާތެވެ. މި ކާނިވަލްގެ އޯޕަން މުބާރާތުގައި 12 ޓީމެއް ވާދަކުރަމުން އަންނައިރު، މި މުބާރާތް ކުރިއަށްދަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ.

ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުރިއަށްދާ އޯޕަން ޓޭޕްބޯލް މުބާރާތުގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ވާދަކުރީ ގްރޫޕް ޑީގައި ހިމެނޭ އެމްއޭސީއެލް އާއި ކަރުދާސް ކްރިކެޓް ކުލަބެވެ. މި މެޗު އެމްއޭސީއެލްއިން ކާމިޔާބުކޮށްފައިވަނީ 47 ލަނޑުންނެވެ.

މި މެޗުގެ ގުރުދިމާވުމުން އެމްއޭސީއެލް އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު އެންމެ ކުޅުންތެރިއަކު ނުބައިވެގެން ވަނީ 146 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 19 ބޯޅައިން 36 ލަނޑު ހެދި ލީމް ޝަފީގާއި، 10 ބޯޅައިން 34 ލަނޑު ހަމަކުރި އާދަމް ނާސިފް އުމަރުގެ އިތުރުން 11 ބޯޅައިން 31 ލަނޑު ހެދި އިސްމާޢީލް އަނިލްއެވެ. ޖަވާބުގައި ކަރުދާސް ކްރިކެޓް ކުލަބު ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 99 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 16 ބޯޅައިން 21 ލަނޑު އެއްކުރި އަޙްމަދު ހައިޝަމްއެވެ.

މީގެ އިތުރުން މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ޑީގެ ދެވަނަ މެޗުން މެރީ ކޯނަރ މޮޅުވީ ސަންކުއިކް ލިލީ އަތުން 34 ލަނޑުންނެވެ.

މި މެޗުގެ ގުރުދިމާވުމުން މެރީ ކޯނަރ އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ދެ ކުޅުންތެރިން ނުބައިވެގެން ވަނީ 136 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 21 ބޯޅައިން 38 ލަނޑު ހެދި އަޙްމަދު އަރަފާތެވެ. ޖަވާބުގައި ސަންކުއިކް ލިލީ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 102 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 11 ބޯޅައިން 40 ލަނޑު އެއްކުރި މަބްސަރު އަބްދުﷲ އިބްރާހީމެވެ.