ޚަބަރު

އަންހެނުންގެ ދައުރާއި ވާގިވެރިކަން ނެތި އެއްވެސް ޤައުމެއް ދެމި ނޯންނާނެ: ރައީސް


  • ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތަކީ، މުޖުމަތަޢުގައި އަންހެން ދަރީންނަށް އޮތް ފުރުޞަތުތައް އިތުރަށް ފަހިކޮށްދިނުން

  • މުޖުތަމަޢުގެ ދެމިއޮތުމާއި ކުރިމަގަށް މުހިންމު މައިދާންތަކުގައި ގިނައީ އަންހެން ޚިދުމަތްތެރީން

އަންހެނުންގެ ދައުރާއި ވާގިވެރިކަން ނެތި އެއްވެސް ޤައުމެއް އަދި ވަޠަނެއް ދެމި ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރަމުންދާ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވެވި ހާއްސަ ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ތަޢުލީމާއި، ޞިއްޙަތާއި، އިޖްތިމާޢީ އަދި އެނޫން ޚިދުމަތްތަކާއި، ވެރިކަން ހިންގުމާއި، ވިޔަފާރިއާއި އިޤްތިޞާދީ މަސައްކަތްތަކާއި މުޖްތަމަޢެއްގެ ދިރުމާއި ކުރިއެރުމާއި ގުޅިފައިވާ ކޮންމެ ކަމެއްވެސް ހިނގަމުންދާނީ އަދި ކާމިޔާބުވެ ކުރި އަރާނީ، އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއެކުގައި ކަމަށެވެ. އަދި އަންހެނުންގެ ދައުރާއި ވާގިވެރިކަން ނެތި އެއްވެސް ޤައުމެއް އަދި ވަޠަނެއް، ދެމި ނޯންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހި ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތަކީ، މުޖުމަތަޢުގައި އަންހެން ދަރީންނަށް އޮތް ފުރުޞަތުތައް އިތުރަށް ފަހިކޮށްދީ، ސަރުކާރު ހިންގުމުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމާއެކު އަންހެނުންނަކީ ފުދުންތެރި، ބާރުވެރި ބަޔަކަށް ހެދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހި ތާރީޚުގެ އެންމެ އެވޭލާ ލިޔެކިޔުންތަކުގައިވެސް ދިވެހި އަންހެނުންގެ ހީވާގިކަމާއި، މުރާލިކަމާއި، ގެވެހިކަމާއި، ސާފުތާހިރުކަމަށް ލޯބިކުރުމާއި، ޤައުމީ އަދި އިޖްތިމާޢީ ކަންކަމުގައިދޭ ބޮޑު އަހައްމިއްޔަތުގެ ވާހަކަތައް ފެންނާން އެބަހުރިކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި އަންހެނުންނަކީ، ދިވެހި އުންމަތް، ސިލްމާ ސަލާމަތުގައި އެތައް ހާސް އަހަރަކު ދެމެހެއްޓި ދަރިކޮޅުތަކުގެ މަންމައިންގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އަންހެނުންނަކީ ދިވެހި ޢާއިލާތަކަށް އޯގާތެރިކަމާއެކު ހޭހަންކުރާ މަދަދުގާރުންތަކެއް ކަމަށާއި، ދިވެހި އުންމަތުގެ ތަރައްޤީއާއި ތަމައްދުނަށްޓަކައި މިހާތަނަށް ކުރެވުނު ކާމިޔާބު ކޮންމެ މަސައްކަތެއްގައިވެސް އަންހެނުންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ލިބިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން ދިވެހި އަންހެން ދަރީންނަށްޓަކައި ދިވެހި ޤައުމު އަބަދުވެސް ފަޚުރުވެރިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ދިވެހިރާއްޖޭގައި ޞިއްޙީ ޚިދުމަތާއި، ތަޢުލީމީ ދާއިރާފަދަ، މުޖުތަމަޢުގެ ދެމިއޮތުމާއި ކުރިމަގަށް މުހިންމު މައިދާންތަކުގައި ގިނައީ އަންހެން ޚިދުމަތްތެރީންކަމަށާއި ކުޅިވަރުގެ މައިދާނުގައި ދިވެހި އަންހެން ކުޅުންތެރީން ހާސިލުކުރާ އަރުތަ ގިނަގުނަކަން ފާހަގަކުރެއްވިއެވެ. "އަންހެނަކަށް އުނގަންނައިދިނުމަކީ ޖީލަކަށް އުނގަންނައިދިނުން" ކަމަށް ބުއްދިވެރި ބަހެއްގައި ބުނާކަން ފާހަގަކުރައްވަމުން، ސާނަވީ އަދި މަތީ ސާނަވީ އާއި ޔުނިވަރސިޓީ ތަޢުލީމުގެ މަރުޙަލާގައިވެސް ދިވެހި އަންހެން ކުދީން ގިނައިން އުނގެނޭއިރު، މަތީ ނަތީޖާ ހޯދާ ގިނަ ދަރިވަރުންނަކީވެސް އަންހެން ދަރީންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެ މަނިކުފާނު ވަނީ މިއީ ދިވެހި ޤައުމުގެ ކުރިމަގަށް އޮތް ހެޔޮ ފާލެއް ކަމަށްވެސް ވިދާޅުވެފައެވެ.

ދިވެހިންނަކީ މުސްލިމުންކަމަށް ވާ ހިނދު، އަންހެނުންގެ ޙައްޤުތައް އެންމެ ހެޔޮ ގޮތުގައި ކަނޑައަޅައިދީ، މުޖްމަތަމަޢުގައި އަންހެނުންގެ ޤަދަރާއި ޢިއްޒަތާއި މަޤާމް މަތިވެރިކޮށްދިނީ މާތްވެގެންވާ އިސްލާމްދީން ކަމަށް، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އިންސާނާ އެންމެ ހެޔޮކޮށް ހިތައި އޯގާތެރިވާން ޖެހޭނެ އެއްވަނަ މީހަކީވެސް، ދެވަނަ މީހަކީވެސް، އަދި ތިންވަނަ މީހަކީވެސް އޭނާގެ މަންމަކަމުގައި މުޅި އިންސާނިއްޔަތަށް އިރުޝާދު ދެއްވީ މާތް ރަސޫލާ މުޙައްމަދު صلى الله عليه وسلم ކަމާއި، އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމުގެ ކުރީން އެންމެ ފަހަށް ވަޞިއްޔަތްޕުޅު ކުރެއްވި އެއްކަމަކީ، އަނބީންނަށް އޯގާތެރިވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ހަނދުމަކޮށްދެއްވިއެވެ.

މީގެއިތުރުން މުއުމިނުތަކުންގެ މައިކަމަނާއިން ކަމުގައިވި، ރަސޫލާ މުޙައްމަދު صلى الله عليه وسلم ގެ އަނބިއަނބިކަނބަލުންގެ ބައެއް ޚިދުމަތްފުޅުތައްވެސް، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.