ސިއްހަތު

ތެލެސީމިއާއަށް ޓެސްޓްކުރުމަށް ދޭ ސަމާލުކަން އަދިވެސް ކުޑަ


ތެލެސީމިއާގެ ކުދިން އުފަންވާކަން ދިވެހިންނަށް ޢާންމުކޮށް ފާހަގަކުރެވެންފެށީ މީގެ ސާޅީސް އަހަރު ކުރިންނެވެ. މިއީ ދިގުމުއްދަތަކަށް ލޭ އަޅަންޖެހޭ ބައްޔަކަށްވުމާއެކު، މިކަމާމެދު އާންމުން ހޭލުންތެރިކަން އިތުރުކުރެއްވުމަށް ސަރުކާރާއި އަމިއްލަ ޖަމްޢިއްޔާތަކުން ތަފާތު ޕްރޮގްރާމްތައް ހިންގަވަމުން ގެންދަވައެވެ. ތެލެސީމީއަށް ސްކްރީންކުރުމުގެ ޚިދުމަތް ރާއްޖޭގައި ފެށީ ނަވާރަ ސަތޭކަ ނުވަދިހަ ފަސްވަނަ އަހަރުން ފެށިގެނެވެ. އެހެންނަމަވެސް އެކަށީގެންވާ މިންވަރަށް ރާއްޖޭގައި ތެލެސީމީއާ ޓެސްކުރުމަށް ދެވޭ ސަމާލުކަން ކުޑަ ކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސް އިން ވިދާޅުވެއެވެ.

ރާއްޖޭގައި ތެލެސީމީއާ ބަލި ކޮންޓްރޯލްކުރެއްވުމުގެ ގޮތުން ދެހާސް ބާރަވަނަ އަހަރު ވަނީ ތެލެސިމީއާ ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނެއް ހައްދަވައި އެއަށް ޢަމަލުކުރަން ފަށްޓަވާފައެވެ.  ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނުގައި، ދިވެހި ކޮންމެ ދަރިޔަކު އުމުރުން އަށާރަ އަހަރުވުމުގެ ކުރިން ތެލެސީމިއާއަށް ޓެސްޓުކޮށް، ނަތީޖާ ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ ބެލެނިވެރިންގެ ޒިންމާއެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ.

ޕީއެސްއެމްއަށް ނިއުސްއަށް ދެއްވި އިންޓަރވިއެއްގައި މޯލްޑިވްސް ބްލަޑް ސަރވިސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއަޓްރިކްސް ޑރ. އަޙުމަދު ޢުމަރު ވިދާޅުވީ، ކައިވެނި ކުރުމުގެ ކުރިން ތެލެސީމިއާއަށް ޓެސްޓުކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށާއި، އެހެންނަމަވެސް ގިނަ ފަހަރަށް ތެލެސީމީއަށް ޓެސްޓުކުރެވެނީ ކައިވެނީގެ މަރުޙަލާގައި ކަމަށެވެ.

ޑރ. އުމަރު ވިދާޅުވީ، ދިމާވާ ސަބަބަކާހުރެ ދެ ކެރިއަރުން ކައިވެނީގެ ގޮތުން ގުޅުމަކީ މައްސަލައެއް ނޫން ކަމަށާއި އެހެންނަމަވެސް ލޭ އަޅާ ކުއްޖަކު ދުނިޔެއަށް އުފަން ނުވާ ގޮތަށް ކުރެވޭނެ ވަރަށް ގިނަ މަސައްކަތްތަކެއް ފަރުދީ ފެންވަރުގައި ހުންނަނަކަމަށާއި އެކަމާ ގުޅޭ ގޮތުން އޮތް ފުރުޞަތާ ބެހޭ މަޢުލޫމާތު އެނގުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސް އިން ވިދާޅުވީ، ލޭ އަޅާ ކުއްޖަކު ދުނިޔެއަށް އުފަންނުވާ ގޮތަށް މުޅި މުޖުތަމަޢު ޙޭލުންތެރިވާން ޖެހޭ ކަމަށެވެ. ޚާއްސަކޮށް ސްކޫލް ދަރިވަނުންނާއި މީޑިޔާ ތަކުން ޢާންމުން ޙޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

ރާއްޖޭގައި ތެލެސީމިއާގެ ސަބަބުން ލޭ އަޅަންޖެހޭ ކުދިންގެ ދަފްތަރުގައި އަށްސަތޭކަ ސާޅީސް ހަތަރު ކުއްޖަކު ރަޖިސްޓްރީވެފައި އެބަތިއްބެވެ. މީގެ ތެރެއިން ހަތޭކަ އެކާވީސް ކުދިން ދުނިޔޭގައި އެބަތިއްބި އަދި ގާތްގަނޑަކަށް މަހެއްގެ މައްޗަށް ދެ ކުދިން އިތުރުވަމުންދާކަން މޯލްޑިވިއަން ބްލަޑް ސަރވިސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިއަހަރުގެ މިހާތަނަށް އަށް ކުއްޖަކު މުޅިން އަލަށް ތެލަސީމިއާއަށް ރަޖިސްޓްރީކޮށްފައިވެއެވެ.

ތެލެސީމިއާ ކުދިންގެ ފަރުވާއަށް ބޭނުންވާ ހުރިހާ ޚިދުމަތެއް ސަރުކާރުން ފޯރުކޮށްދެއްވަނީ މުޅިން ހިލެއެވެ. އޭގެ ތެރޭގައި އެކުދިންނަށް ބޭނުންވާ ބޭސްފޯރުކޮށްދިނުންވެސް ހިމެނެއެވެ.