ބަރަކާތްތެރި ރަމަޟާން މަހުގެ ފެށުމާއި ނިމުން ގުޅިފައިވަނީ ހަނދުބެލުމާއެވެ. ކުރިން ބުރަ މަސައްކަތްތަކެއްކޮށް އަދި ހަނދު ފެނިއްޖެނަމަ ވަށަވަށައިގެންވާ ރަށްތަކަށް ހަނދު ފެނިއްޖެކަން ދައްކަން ބޮޑެތި ހުޅުޖަހައި ޚަބަރު ފޮނުވި ދުވަސްވަރެއްވެސް ދިޔައެވެ. އެއް ޤައުމެއްގެ އެއް ބަޔަކަށް ހަނދު ފެނި އަނެއް ބަޔަކަށް ހަނދު ނުފެނުމުން އެއް ބަޔަކު ރޯދަ ހިފައި އަނެއް ބަޔަކު އަނެއް ދުވަހު ރޯދަ ހިފި ދުވަސްތައް މާޒީވެއްޖެއެވެ.
ޒަމާން ބަދަލުވެ ހަނދުބެލުމަކީ ޢާއްމު ފަރުދަކަށް މިހާރު ބޮޑު ކަމަކަށްނުވި ނަމަވެސް އެ ކަން ކުރިން ކުރި އުޞޫލުން ކުރަމުންދާ އެތައް ބަޔަކު އަދިވެސް ދަނީ ޝައުޤުވެރިކަމާއެކު ކުރާހިތުން އެ ކަންކުރަމުންނެވެ. ޢާއްމު ފަރުދަކަށް ހަނދުބެލުމުގެ ތަކުލީފުން ސަލާމަތްވެ ފޯނަށް އަންނަ މެސަޖަކުން ނޫނީ ޓީވީން ކޮށްލާ އިޢުލާނަކުން މުލަރޯދަ ދުވަހަކީ ކޮބައިގެން ފަސޭހައިން އެނގެނީ ހަނދުބެލުމުމުގެ ފަންނުވެރިންގެ ސަބަބުންނެވެ.
ހަނދު ބެލުމުގައި ސަޢުދީ ޢަރަބިއްޔާއިން ނިންމާ ނިންމުންތަކަށް އިސްލާމީ ޤައުމުތަކުން އަބަދުވެސް ބަލައެވެ. އޭގެ ތެރޭގައި ރަމަޟާން މަސް ފެށޭ ދުވަހާއި ނިމޭ ދުވަހާއި ޙައްޖު ދުވަހާއި ޢީދު ދުވަސްތައްފަދަ މުޙިއްމު އިސްލާމީ ދުވަސްތައް ހިމެނެއެވެ. ސަޢުދީ ޢަރަބިއްޔާގެ ނިންމުންތަކަށް އިސްލާމީ ޤައުމުތަކުން ބެލި ނަމަވެސް އެންމެ ފަހުގެ ނިންމުން ނިންމަންވާނީ އެ ޤައުމުތަކުގެ އަމިއްލަ ހަނދު ސާބިތުކުރާ މަޖިލިސްތަކުންނެވެ.
ރާއްޖޭގައިވެސް ހަނދު ސާބިތުކުރަނީ މިގޮތަށެވެ. ރާއްޖޭގައި މިކަން ކުރަނީ ހެކިބަސް ނަގައިގެންނެވެ. މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ބެލުމަށްޓަކައި މިމަހުގެ 28ވާ ހުކުރު ދުވަހުގެ ހަވީރު 5:30އިން ފެށިގެން ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކާއި ކައުންސިލް އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ ވިދާޅުވެފައެވެ.
ހަނދު ފެނުނުކަމުގެ ހެކިބަސް ދިނުމަށް މީހަކު ނުވަތަ ބަޔަކު އައުމުން އެކަން މަޢުލޫމާތަށްޓަކާ ވަގުތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އެންގެވުމަށާއި، ހަނދު ފެނުނުކަމުގެ ހެކިބަސް ހޯދާއިރު، ހަނދު ފެނުނުއިރު ގާތްގަނޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، މިންވަރު ފަދަ މަޢުލޫމާތު ދޭންވާނެއެވެ.
ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ މާރޗްމަހުގެ ފުރަތަމަ ދުވަސްވާ ހޮނިހިރުދުވަހެވެ. މިއަހަރު ރޯދަމަހުގެ ހަނދު ސާބީތުކުރުމަށް ތައްޔާރުވަމުންދާއިރު މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ ކަލަނޑަރުގައި ވާ ގޮތަށް މާރިޗު މަހުގެ 1 ވާ ހޮނިހިރު ދުވަހަށް ވުމުގެ ފުރުސަތު ބޮޑު ކަމަށް ފަލަކީ ޢިލްމުވެރިން ވިދާޅުވެއެވެ. އަދި ހަނދު ފެނުމުގެ އެންމެ ފުރުސަތު ބޮޑީ ދެކުނަށް ކަމަށް ވެއެވެ.
މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމަށްޓަކާ ރަމަޟާންމަހުގެ ހަނދު ފެނުނު މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައި ނަމަ މާލޭ ކޯޓެއްގެ ޤާޟީއެއްގެ ކުރިމަތީގައެވެ. އަދި އަތޮޅުތަކުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓެއްގެ ކުރިމަތީގައެވެ. މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ ހެކިބަސްދޭނީ އެވަގުތަކު ރަށު ކައުންސިލް އިދާރާ ހިންގެވުމާ ހަވާލުވެ ހުންނެވި ވެރިޔާގެ ކުރިމަތީގައެވެ.
މި އަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ މިރޭ އޮންނާނެއެވެ. މި ޖަލްސާ އޮންނާނީ މިރޭ 20:00 ގައެވެ. އެގޮތުން ރަމަޟާން މަހުގެ ހަނދާ ގުޅޭގޮތުން ނެރޭ ބަޔާން 20:15 އެހައިކަށްހާއިރު އިއްވުމަށް ވަނީ ހަމަޖެހިފައެވެ.