އިންޑޯ ފުޓްސަލް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ބޭއްވޭ ފުޓްސަލްގެ އެންމެ ބޮޑު މުބާރާތްކަމަށްވާ ގޯލްޑަން ފުޓްސަލްގެ މިއަހަރުގެ ފައިނަލް މެޗަށްފަހު ޕީއެސްއެމް ނިއުސްއާއި ވާހަކަދައްވަމުން ވަޒީރު ވިދާޅުވީ ރާއްޖޭގެ ކުޅުންތެރިންގެ ކިބައިގައި ހުނަރު އެބަހުރިކަމަށާއި ބައިނަލް އަޤްވާމީ މުބާރާތްތަކުގައި ބައިވެރިވެ މެޑަލެއް ހޯދިދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އިންޓަނޭޝަނަލް މުބާރާތްތައް ކުޅެވޭ ކަހަލަ މާހައުލެއް މިބޭނުންވަނީ. އަޅުގަނޑުމެންގެ އެ ޓެލެންޓް ދައްކަން. އެހެންވީމާ މިއަހަރު ތެރޭގައި ބަޖެޓުގައިވެސް ހިމެނިފައި މިއޮތީ އިންޑޯ ފުޓްސަލް ކޮމްޕްލެކްސް. އޭގެ މަސައްކަތް މިހާރު އަޅުގަނޑުމެން ކުރަމުން މިދަނީ. އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގައި އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް އަޅުގަނޑު އުއްމީދުކުރަނީ" ރާއްޖޭގައި ފުޓްސަލްއަށް އޮތް ކުރިމަގާއި ގުޅޭގޮތުން ވަޒީރު ވިދާޅުވިއެވެ.
އަދި މި ކޮމްޕްލެކްސްގެ މަސައްކަތްނިމި ބޭނުންކުރެވެން ފެށުމުން ދިވެހި ކުޅުންތެރިންގެ ޙަޤީޤީ ހުނަރުވެރިކަން ބައިނަލް އަޤްވާމީ ދުނިޔެއަށް ދައްކާލުމުގެ ފުރުސަތު ބޮޑުވެގެންދާނެކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
"ދެން އިރާދަކުރެއްވިއްޔާ ވާހަކަދެއްކުން މަދުކޮށްފަ ދެން އޮތީ އަމަލީ ގޮތުން އިރާދަކުރެއްވިއްޔާ މިކަން ކުރުން" ފުޓްސަލް ކުރިއެރުވުމަށް ސަރުކާރުން ރާވާފައިވާ ރޭވުންތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވިއެވެ.
ފުޓްސަލް މިހާ ހަލުވި ދުވެލީގައި ކުރިއަރަމުން، ހުނަރުވެރި އައު ކުޅުންތެރިންތަކެއް އުފެދެމުން ދިއުމުގައި ގޯލްޑަން ފުޓްސަލް މުބާރާތް ބޮޑު ދައުރެއް އަދާކުރާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން މި މުބާރާތް ބޭއްވޭއިރު، އެއް އަހަރަށްވުރެ އަނެއް އަހަރު ބައިވެރިވާ ރަށްތަކުގެ ޢަދަދު އިތުރުވަމުން އަންނަކަމަށާއި މިއީ އުފާވެރި މަންޒަރެއްކަމަށާއި މިކަމުން ވެސް ދައްކުވައިދެނީ ރާއްޖޭގައި މިކުޅިވަރަށް އޮތް ފޯރި ކަމުގައިވެސް މިނިސްޓަރ ރާފިއު ފާހަގަކުރެއްވިއެވެ. އަދި ކޮންމެ އަހަރަކުވެސް ހުނަރުވެރި ޒުވާން އެތައް ތަރިންތަކެއް މުބާރާތުން ފާހަގަކުރެވިގެންދާއިރު، އުންމީދަކީ ބައިނަލް އަޤްވާމީ މައިދާނުގައި މިކުޅުންތެރިންނަށް ވާދަކުރެވޭނެ ފަދަ މާހައުލެއް ތަރައްޤީކޮށް މިހުނަރު ދުނިޔެއަށް ދައްކާލުންކަމަށްވެސް ވަޒީރުގެ ފާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ކަންކޮޅުތަކަށް ފުޓްސަލް ފެތުރިގެން ދިއުމުގައި ފުޓްސަލް ޗެލެންޖް އިންތިޒާމުކުރައްވާ ފަރާތްތަކުގެ ދައުރު ބޮޑުކަން ފާހަގަކުރައްވަމުން މި މުބާރާތް އިންތިޒާމުކުރައްވާ ފަރާތްތަކަށް ވަޒީރުގެ ވާހަކަކޮޅުގައި ޝުކުރު އަދާކުރެއްވިއެވެ. ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިޟްވާން މޫސާގެ ނަން ވަކިން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ މި މުބާރާތް އެއް އަހަރަށްވުރެ އަނެއް އަހަރު ފުޅާކޮށް ފޯރިގަދަކުރުމަށް އޭނާ ކުރައްވާ މިންނެތް މަސައްކަތަށް ޚާއްސަ ޝުކުރެއް ދަންނަވާކަމަށެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ފެނިގެން ދިޔައީ އެކުވެރިކަމާއި އެކު ކުޅިވަރު އަޚްލާޤުގައި ހިފަހައްޓާ، ވާދަވެރިކަމާއިއެކު ކުޅެވުނު މެޗުތަކެއް ކަމަށާއި، ކުޅުންތެރިންނެކޭ އެއްގޮތަށް ޓީމުތަކަށް ފޯރިދޭން ދަނޑަށް ދިޔަ ފަރާތްތަކުންވެސް ދައްކުވައިދިނީ މިކުޅިވަރަށް ރާއްޖޭގެ އެކި ހިސާބުތަކުގައި އޮތް ލޯތްބާއި، ޖޯޝުކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި ސަރުކާރުން އަބަދުވެސް ތިބީ ކުޅުންތެރިންނާއި އެކު ކަމަށާއި، ކުޅިވަރުތައް ކުރިއެރުވުމަށް ހުރި ޕްލޭންތަކާއި އެއްގޮތަށް މަސައްކަތްކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.