ޚަބަރު

ފެރީ ސްޓޮޕްތައް ތިން މަސްދުވަހުގެ ތެރޭގައި ކައުންސިލްތަކާ ހަވާލުކުރެވޭނެ: ވަޒީރު އާދަމް ޝަރީފް


  • ފެރީ ސްޓޮޕްތައް ކައުންސިލްތަކަށް ހަވާލުކުރާނީ އިޖްރާޢަތްތައް ފުރިހަމަކުރުމަށްފަހު

ފެރީ ސްޓޮޕްތައް ތިން މަސްދުވަހުގެ ތެރޭގައި ކައުންސިލްތަކާ ހަވާލުކުރެވޭނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު އާދަމް ޝަރީފް މިހެން ވިދާޅުވީ، އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް މަޝްރޫޢުގެ ދަށުން އިމާރާތްކޮށްފައިވާ 21 ފެރީ ސްޓޮޕެއް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅާއެކު، ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރުވެގެންދިޔަ މުހިންމު ވަސީލަތެއްކަމަށެވެ.

އާރްޓީއެލްގެ ޒޯން 1 ހިމެނޭ ހއ، ހދ އަދި ށ އަތޮޅުގައި ޤާއިމްކޮށްފައިވާ 21 ފެރީ ސްޓޮޕްވަނީ އިދާރީ ދާއިރާތަކާއި ބެހޭ ވުޒާރާއާ ހަވާލުކުރައްވާފައެވެ. ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ފެރީ ސްޓޮޕް، ތިން މަސްދުވަހުގެ ތެރޭގައި ކައުންސިލްތަކާ ހަވާލުކުރެވޭނެ ކަމަށެވެ.

"އަމާޒަކީ އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް ތިންމަސްދުވަހުގެ ތެރޭގައި މިތަންތަން ކައުންސިލްތަކަށް ހަވާލުކުރާނީ އިޖްރާޢަތްތައް ފުރިހަމަކޮށްގެން، އިޖްރާޢަތްތައް ފުރިހަމަކުރަންޖެހެނީ މިކަންކަން މިގޮތަށް ތަރުތީބުކުރެވިގެންދާއިރު އެޓަރނީ ޖެނެރަލް އޮފީހުންވެސް ކޮމެންޓް ހޯދައިގެން އަޅުގަނޑުމެން އެގްރީމެންޓެއްގައި ސޮއިކުރަން ޖެހޭނެ. އެމަރުހަލާ ފުރިހަމަ ކުރުމަށްޓަކައި ނަގާ މުއްދަތާއެކީގައި ގިނަވެގެން އިރާދަކުރެއްވިއްޔާ ތިން މަސްދުވަހުގެ ތެރޭގައި ކައުންސިލްތަކަށް މި ތަންތަން ހަވާލުކުރާނަން." ވަޒީރު އާދަމް ޝަރީޕް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ މިފެރީ ޓަރމިނަލް ނުވަތަ ފެރީ ސްޓޮޕްތައް ހެދިފައިވާ މަޤްޞަދާ އެއްގޮތަށް ކައުންސިލްތަކުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.

"އެއީ ވަރަށް ބޮޑު ޚަރަދުތަކެއް ކުރެވިގެން މިއޮތްހާދުވަހު ނިންމިފައި ހުރި ތަންތަން ރައްޔިތުންނަށް ޚިދުމަތް ނުދީ ވަރަށް ގިނަ ސަބަބުތަކާހުރެ ފަންގްޝަން ނުފެއްޓިފަ އޮތް ފެރީ ސްޓޮޕް ތަކަކަށް ވާތީ. ވުމާއެކު އަޅުގަނޑު ޤަބޫލުކުރަނީ ކުޑަ މުއްދަތެއްތެރޭގައި މިދެންނެވި 21 ފެރީ ސްޓޮޕުން ރައްޔިތުންނަށް ޚިދުމަތް ލިބިގެންދާނެކަމަށް." ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.

ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްދަނީ 6 ޒޯނަކަށް ބަހާލައިގެނެވެ. އެންމެ ފަހުން މިޚިދުމަތް ފެށީ ނ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށެއްގައެވެ. މިއާއެކު ރާއްޖޭގެ 9 އަތޮޅެއްގެ 81 ރަށް އާރުޓީއެލް ފެރީގެ ޚިދުމަތުން ގުޅާލެވުނީއެވެ. އަދި ދެން އެންމެ އަވަހަށް މި ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ރ އަދި ބ އަތޮޅުގައެވެ. މިދެއަތޮޅުގައި ޖުލައި މަސް ނިމުމުގެ ކުރިން ޚިދުމަތް ފެށުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.