ޚަބަރު

އިސްލާމީ މާލީ ނިޒާމަށް ހޭލުންތެރިކަން އިތުރުކުރުމަށް އެމްއެމްއޭއިން ޚާއްސަ ޕްރޮގްރާމެއް


  • މި ދާއިރާއިން މީހުން ތަމްރީނުކުރުމަށް ހަމަޖެހިފައިވޭ

  • މީހުން ތަމްރީނުކުރުމަށް ޚާއްސަކޮށް ވަނީ ކެޕޭސިޓީ ޑިވެލޮޕްމަންޓް ފަންޑެއް ވެސް އިއުލާންކޮށްފަ

އިސްލާމީ މާލީ ނިޒާމަށް ހޭލުންތެރިކަން އިތުރުކޮށް އެ ދާއިރާއިން މީހުން ތަމްރީނުކުރުމަށް ޚާއްސަކޮށްގެން އެމްއެމްއޭ ތަމްވީލް އިސްލާމިކް ފައިނޭންސް އިނިޝިއޭޓިވް އިފްތިތާހުކޮށްފިއެވެ.

'ތަމްވީލް އިސްލާމިކް ފައިނޭންސް އިނިޝޭޓިވް' އިފްތިތާހުކޮށްދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.

އެމްއެމްއޭ އިސްލާމިކް ފައިނޭންސް އިނިޝިއޭޓިވްގެ ދަށުން ދެ މަސައްކަތެއް ކުރިއަށް ގެންދިޔުމަށް ހަމަޖައްސާފައިވާއިރު އިސްލާމީ މާލީ ނިޒާމަށް ރާއްޖޭގައި ހޭލުންތެރިކަން އިތުރުކުރުމާއި މި ދާއިރާއިން މީހުން ތަމްރީނުކުރުމަށް ހަމަޖެހިފައިވެއެވެ.

'ތަމްވީލް އިސްލާމިކް ފައިނޭންސް އިނިޝޭޓިވް' އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް ވަނީ އެމްއެމްއޭއިން ކުރުމަށް ރާވާފައިވާ މަސައްކަތްތަކަށް ތައުރީފުކުރައްވައި އަދި އިސްލާމީ ވުޒާރާގެ އެހީތެރިކަން އެމްއެމްއޭއަށް ލިބިގެންދާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ އިސްލާމީ މާލީ ނިޒާމު ކުރިއެރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނެ ބަޔަކީ މަރުކަޒީ ބޭންކު ކަމަށެވެ. އެ ގޮތުން މެލޭޝިއާ ފަދަ ގައުމުތަކުގައި މި ނިޒާމަށް ކުރިއަރައިގެން ދިޔައީ އެ ތަންތަނުގެ މަރުކަޒީ ބޭންކުތަކުން އިސްނަގައި ކުރި މަސައްކަތްތަކުން ކަމަށް ވިދާޅުވިއެވެ.

އެމްއެމްއޭގެ ގަވަރުނަރު މުނައްވަރު ވިދާޅުވީ އިސްލާމީ މާލީ ނިޒާމާ ބެހޭގޮތުން މީހުން ހޭލުންތެރިކުރުމަށާއި އެ ދާއިރާއިން މީހުން ތަމްރީނުކުރުމަށް އެމްއެމްއޭއިން އިސްނަގައިގެން މުހިއްމު މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށެވެ.

ތަމްވީލް އިނިޝިއޭޓިވްގައި މި ދާއިރާއިން މީހުން ތަމްރީނުކުރުމަށް ޚާއްސަކޮށް ވަނީ ކެޕޭސިޓީ ޑިވެލޮޕްމަންޓް ފަންޑެއް ވެސް އިއުލާންކޮށްފައެވެ. އެމްއެމްއޭއިން ފަސް މިލިއަން ރުފިޔާއާއެކު ފެށި މި ފަންޑުގެ ދަށުން އިސްލާމީ މާލީ ނިޒާމާ ގުޅޭ އެކިއެކި ކޯސްތަކާއި ތަމްރީނު ޕްރޮގްރާމްތަކަށް ސްޕޮންސާ ލިބިގެންދާނެކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ އަދި މިއަދުގެ ރަސްމިއްޔާތުގައި މެލޭޝިއާގެ އިންޓަނޭޝަނަލް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ޔުނިވާސިޓީއިން ވަނީ މި ދާއިރާއިން މީހުން ބިނާކުރުމުގައި އެ ޔުނިވާސިޓީގެ އެހީތެރިކަން އެމްއެމްއޭއަށް ލިބޭނެކަން ހާމަކޮށްފައެވެ.

އިސްލާމީ މާލީ ނިޒާމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތަކުގެ ތެރެއިން މި ރޯދަމަހު ޓީވީ އިން ތަމްވީލްގެ ނަމުގައި ޕްރޮގްރާމެއް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތަމްވީލް ކުއިޒް މުބާރާތެއް ވެސް ޓީވީއެމްގައި ގެނެސްދިނުމަށް ވަނީ ނިންމާފައެވެ. މިގޮތުން ކޮންމެ ދުވަހަކު ހުށަހެޅޭ އިސްލާމީ މާލީ ނިޒާމާ ގުޅޭ ސުވާލަކަށް ރަނގަޅު ޖަވާބުދޭ ފަރާތްތަކުގެ ތެރެއިން ކޮންމެ ދުވަހަކު ވެސް ގުރުއަތުން ހޮވޭ ބޭފުޅަކަށް ބީއެމްއެލް އިސްލާމިކްގެ ފަރާތުން 1000 ރުފިޔާގެ ގިފްޓްކާޑެއް އަދި އެންމެ ގިނަ ޖަވާބު ދިމާކުރައްވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް 2 ބޭފުޅެއްގެ އުމްރާ ދަތުރެއް ވެސް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އެމްއެމްއޭ ތަމްވީލް އިސްލާމިކް ފައިނޭންސް އިނިޝިއޭޓިވްގެ ޓީވީ ޕްރޮގްރާމާއި ކުއިޒަކީ ރާއްޖޭގެ އިސްލާމީ މާލީ އިދާރާތަކާއި ޕީއެސްއެމް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. އެގޮތުން ބައިވެރިވާ އިދާރާތަކުގެ ތެރޭގައި ބީއެމްއެލް އިސްލާމިކް، މޯލްޑިވްސް އިސްލާމިކް ބޭންކް، އެލައިޑް އިންޝުއަރެންސް އަދި މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ކޯޕަރޭޝަން ހިމެނެއެވެ.