ޚަބަރު

ދަނގެތީގައި ދެމުންދާ ކަރަންޓުގެ ޚިދުމަތް ޔަޤީންކުރުމަށް އިތުރު ޖަނަރޭޓަރެއް


  • އެ ރަށަށް ފޯރުކޮށްދީފައިވަނީ 400 ކިލޯވޮޓުގެ ޖަނަރޭޓަރެއް

  • މާލެ ސަރަހައްދަށް 13 ޖަނަރޭޓަރސެޓެއް ގެނައުމަށް ވަނީ ނިންމާފަ

އަރިއަތޮޅު ދެކުނުބުރި ދަނގެތީގައި ދެމުންދާ ކަރަންޓުގެ ޚިދުމަތް އިތުރަށް ޔަޤީންކުރުމަށްޓަކައި އެރަށުގައި އިތުރު ޖަނަރޭޓަރެއް ބަހައްޓައި އެ ޖަނަރޭޓަރު ބޭނުން ކުރަން ފަށައިފައިވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމެޕެނީ، ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން ވިދާޅުވީ، މިއަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން އދ. ދަނގެތީގައި 400 ކިލޯވޮޓުގެ އިތުރު ޖަނަރޭޓަރެއް ބަހައްޓައި އެ ޖަނަރޭޓަރު ކޮމިޝަން ކުރެވި، މިހާރު ބޭނުން ކުރަން ވަނީ ފަށާފައިފައެވެ.

ސްޓެލްކޯއިން ވިދާޅުވީ، އެ ރަށަށް ޖަނެރޭޓަރު ސެޓުތައް ފޯރުކޮށްދީފައިވަނީ އިތުރުވަމުން އަންނަ ކަރަންޓުގެ ޑިމާންޑާ އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައިކަމަށެވެ. އަދި އެ ރަށަށް އަލަށް ފޯރުކޮށްދިން ޖަނެރޭޓަރާއެކު ދެވޭ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުރިހަމަވެގެންދާނެކަމަށްވެސް އެކުންފުނިން ވިދާޅުވިއެވެ.

ސްޓެލްކޯއިން ވިދާޅުވީ، މި އަހަރުގެ ރަމަޟާން މަސް ދިމާވަނީ ހޫނު މޫސުމާއި ސްކޫލް ބަންދު ދުވަސްވަރަކަށްވުމުން އެ މަހު ކަރަންޓް ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވާނެކަމަށް އަންދާޒާކުރެވޭކަމަށެވެ. އަދި ޑިމާންޑަށް ކޭޓަރ ކުރުމަށް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށްވެސް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.

އެގޮތުން ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް މާލެ ސަރަހައްދަށް އަލަށް 13 ޖަނަރޭޓަރ ސެޓް ގެނައުމަށް ސްޓެލްކޯއިން ވަނީ ނިންމާފައެވެ. އޭގެތެރެއިން ބައެއް ޖަނަރޭޓަރސެޓް ވަނީ މާލެ ގެނެސްފައެވެ. އަދި މާލެ ސަރަހައްދަށް އަލަށް ގެންނަ ޖަނެރޭޓަރު ސެޓުތަކާއެކު ކަރަންޓު އުފައްދާ މިންވަރު ގާތްގަނޑަކަށް 20 މެގަވޮޓަށް އިތުރުކުރެވޭނެކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

ރަމަޟާން މަހާ ދިމާކޮށް ކަރަންޓުގެ ޚިދުމަތް އިތުރަށް ކަށަވަރުކުރުމަށްޓަކައި މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށަށްވެސް ޖަނަރޭޓަރު ސެޓްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ. އަދި މި އިތުރުކުރެވޭ ޖަނެރޭޓަރުތަކާއެކު އެއްވެސް ޝޯޓޭޖެއްނެތި ރަމަޟާން މަހު ޑިމާންޑާ އެއްވަރަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭކަމަށްވެސް ސްޓެލްކޯއިން ވިދާޅުވިއެވެ.