ދ. ރިނބުދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވައި ދެއްވައިފިއެވެ.
އެމަނިކުފާނު މި އޭޓީއެމް ހުޅުއްވައި ދެއްވީ ނިލަންދެ އަތޮޅު ދެކުނުބޫރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރިނބުދޫއަށް ވަޑައިގެންނެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މި ނިނެމެވުމާ އެއްގޮތަށް ރިނބުދޫގައި އޭޓީއެމް ޚިދުމަތް މިވަނީ ޤާއިމްކޮށްފައެވެ. މި އޭޓީއެމްގެ ޚިދުމަތް ފަށްޓަވައި ދެއްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އެމަނިކުފާނުގެ އަރިހުގައި ބޭންކް އޮފް މޯލްޑިވްސް ސީއީއޯ މުހައްމަދު ޝަރީފް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އަދި އޭޓީއެމް ޚިދުމަތް ފެއްޓެވުމަށް ފަހު ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާއި ވަނީ ހަވާލުކުރައްވާފައެވެ. ރިނބުދޫ ކައުންސިލުގެ ފަރާތުން މިކާޑާއި ހަވާލުވެވަޑައިގެންނެވީ ކައުންސިލުގެ ރައީސް، އަޙްމަދު އިޤްބާލްއެވެ.
ރިނބުދޫގައި އޭޓީއެމްގެ ޚިދުމަތް ފަށާފައިވާއިރު، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަހަރު ނިމުމުގެ ކުރިން އޭޓިއެމްތައް ބެހެއްޓުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މިމަސައްކަތުގެ ދަށުން މިހާރުވެސް ބައެއް ރަށްތަކުގައި އޭޓީއެމް ބަހައްޓާފައެވެ. އެގޮތުން ދ. އަތޮޅުގެ މާއެނބޫދޫގައި މިއަދު އޭޓީއެމް ޚިދުމަތް ވަނީ ފަށާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ދ. ކުޑަހުވަދޫގައި މިއަހަރު ނިމުމުގެ ކުރިން ޑޮލަރު އޭޓީއެމްއެއް ޤާއިމް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސްގެ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ދ. ރިނބިދޫގައި އަލަށް އިމާރާތްކުރާ ކައުންސިލް އިދާރާގެ ބިންގާ އަޅައިފިއެވެ.
މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު ޢާދަމް ޝަރީފް ޢުމަރުއެވެ. މި މަޝްރޫޢު ކުރިއަށްގެންދަނީ ސަރުކާރުގެ ބަޖެޓުން ޚަރަދުކުރާގޮތަށް، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުންނެވެ.
މި ޕްރޮޖެކްޓްގައި ހިމެނޭ މަސައްކަތައް ނިންމުމަށް ކަނޑައަޅާފަވަނީ 2 އަހަރާ 6 މަސް ދުވަހުންނެވެ. މި އިމާރާތްތައް ވެގެންދާނީ ޖާގަ ތަނަވަސް އަދި ކައުންސިލަރުންނާ އިދާރީ މަސައްކަތްތަކަށްވެސް ފަހިވާނެގޮތަށް، ޖާގައާއި ވަސީލަތްތައް ހަމަ އިމާރާތްތަކަކަށެވެ.