ޚަބަރު

ބޭންކް އޮފް މޯލްޑިވްސްގެ ކުޑަހުވަދޫ ގޮފީގެ އައު އިމާރާތުގެ ބިންގާ އަޅައިފި


  • ބީއެމްއެލް އިންވަނީ ކުޑަހުވަދޫގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ޚިދުމަތްވެސް ފަށާފައި

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން ދ. ކުޑަހުވަދޫގައި ދެމުންދާ ޚިދުމަތް ފުޅާކުރުމަށް މިއަދު ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ޚިދުމަތް ފަށައި، އެބޭންކުގެ އައު ގޮފީގެ ބިންގާ އަޅައިފިއެވެ.

ބީއެމްއެލް ކުޑަހުވަދޫ ގޮފީގެ އައު އިމާރާތުގެ ބިންގާ އެޅީ ރައީސުލްޖުމްހޫރިއްޔާ ދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޑަހުވަދޫގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައެވެ. ބީއެމްއެލްގެ ކުޑަހުވަދޫ ގޮފީގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ބީއެމްއެލްގެ ޗެއަރޕާސަން އަޙުމަދު ޢަލީ ޙަބީބާއި، ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފެވެ.

މިހާރު ކުޑަހުވަދޫގައި ހުރި އޭޓީއެމްގެ އިތުރުން، އަލަށް ގާއިމުކުރެވުނު އޭޓީއެމުން ކަސްޓަމަރުންނަށް އިތުރު ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދެވޭނެކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ހާމަކުރެއެވެ. މީގެ ތެރޭގައި ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި، ފައިސާ ޓްރާންސްފަރ ކުރުމާއި، ކާޑުތަކަށާއި ލޯނުތަކަށް ފައިސާ ދެއްކުން ހިމެނެއެވެ. އަލަށް ގާއިމްކުރެވުނު އޭޓީއެމްއާއެކު ކަސްޓަމަރުންނަށް ކުޑަހުވަދޫގެ އެބޭންކްގެ ގޮތްޕަށް ޒިޔާރަތް ނުކޮށް 24 ގަޑިއިރު ބޭންކިންގ ގިނަ މުޢާމަލާތްތައް ކުރެވޭނެއެވެ.

"ކުޑަހުވަދޫގައި ޚިދުމަތް ފުޅާކުރެވުމަކީ އަޅުގަނޑުމެންގެ މުޖުތަމަޢާ ވީހާވެސް ގާތުން ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ ހެއްކެއް. އައު ބްރާންޗް ނިމުމުން، ދ. ކުޑަހުވަދޫ އަދި މި ސަރަޙައްދުގެ ރައްޔިތުންނަށް އަޅުގަނޑުމެންގެ ހުރިހާ ބޭންކިންގ ޚިދުމަތްތަކެއް މިހާރަށްވުރެ ފަސޭހަކޮށް ލިބިގެންދާނެ." ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

ކުޑަހުވަދޫގައި ގާއިމުކުރި އޭޓީއެމްގެ ޚިދުމަތާއި ކުޑަހުވަދޫ ގޮފީގެ އައު އިމާރާތުގެ ބިންގާ އެޅުމާއެކު ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލް އިން ދެމުންދާ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް އެބޭންކުން ހާމަކުރެއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ގޮފި، 95 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 153 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.