ސްޕެނިޝް ލަލިގާގައި ލަސް ޕަލްމާސްއަތުން 2-0 ގެ ނަތީޖާއަކުން މޮޅުވި ނަމަވެސް އަދިވެސް ޓީމުގެ ކުޅުން އިތުރަށް ރަނގަޅުކުރަން ޖެހޭކަމަށް ބާސެލޯނާގެ ކޯޗު ހެންސީ ފްލިކް ބުނެފިއެވެ.
އޭނާ މިހެން ބުނެފަވަނީ ހޮނިހިރު ދުވަހު ކުޅުނު މެޗުގައި ބާސެލޯއިން ދެއްކި ކުޅުމާއި މެދު ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އަދި އެ މެޗަކީ އިދިކޮޅު ޓީމުގެ ފަރާތުން ވަރުގަދަ ކުޅުމެއް ދެއްކި މެޗެއްކަމަށް ފްލިކް ބުންޏެވެ.
ލީގުގެ އެއްވަނައިގައި މިވަގުތު އޮތް ބާސެލޯނާއަށް މިމެޗުގައި ގިނަ ގޯލުތަކެއް ޖަހަން ލިބި ބޭކާރުވެގެން ދިޔަކަންވެސް ފްލިކް ފާހަގަކުރިއެވެ. މިމެޗްގައި ފެނިގެން ދިޔަ ދެ ގޯލުވެސް ޖަހާފައިވަނީ މެޗުގެ ފަހު ހާފުގައި ކުޅެންއެރި ޑެނީ އޮލްމޯއާއި ފެރަން ޓޮރޭސްއެވެ.
"މެޗާއި މެދު އެހާ ބޮޑަށް އަހަރެން ހިތްހަމައެއް ނުޖެހޭ. އެކަމަކު ތިން ޕޮއިންޓް ލިބިފައިވާތީ އެކަމާ އުފާކުރަން" މެޗަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަމުން ފްލިކް ބުންޏެވެ.
ފްލިކް އިތުރަށް ބުނެފައިވަނީ މެޗުގައި ފުރަތަމަ ހާފު ދިޔައީ ވަރަށް ހާސް ބޮޑުކޮށް ކަމަށާއި އެކަމަކު ފަހު ހާފުގައި ބާސެލޯނާއިން ކުރިއަށްވުރެ ކުޅުން ރަނގަޅުކޮށް، ކުޅުންތެރިން ހިތްވަރުކުރިތަން ފެނިގެން ދިޔަކަމަށެވެ.
"ހުރިހާ ކުޅުންތެރިން އެކުވެގެން ޓީމެއްގެ ގޮތުގައި މަސައްކަތްކުރެވޭނީ. މިހާރު ދަމަހައްޓަމުން މިއަންނަ ނަތީޖާގައި ހިފަހައްޓާލުން ވަރަށް މުހިންމު. ފުރަތަމަ ހާފުގައި ގޯލުޖަހަން ލިބުނު ވަރަށް ގިނަ ފުރުސަތުތަކެއް ގެއްލުނު. އެބަޖެހޭ ކުޅުން އިތުރަށް ރަނގަޅުކުރަން" ފްލިކް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ބުންޏެވެ.
އެހެން ނަމަވެސް ޖުމްލަގޮތެއްގައި އޭނާ ހުރީ މެޗާއި މެދު ހިތްހަމަޖެހިގެންކަމަށާއި މިވަގުތުވެސް ތާވަލުގެ އެއްވަނައިގައި އޮތުމަކީ ލިބޭ އުފަލެއްކަމަށްވެސް ފްލިކް ފާހަގަކުރިއެވެ. އަބަދުވެސް މަސައްކަތް ކުރަނީ ކުރިއަށް އޮތްތަނަށް ކުޅުން އިތުރަށް ރަނގަޅުކުރުމަށްކަމަށް ފްލިކް ބުންޏެވެ.
ސްޕެނިޝް ލަލީގާގައި ބާސެލޯނާ މިވަގުތު އޮތީ 54 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. އަދި ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 53 ޕޮއިންޓް ލިބިފައިވާއިރު، ރިއާލް މެޑްރިޑް 51 ޕޮއިންޓާއިއެކު އޮތީ ތާވަލުގެ ތިންވަނައިގައެވެ.