ޚަބަރު

އަމާޒަކީ ޑިޖިޓަލް ވަޞީލަތްތަކާއެކު ދެވޭ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުން: ވަޒީރު ނާޡިމް


  • ރާއްޖޭގެ ޑިޖިޓަލް ހެލްތު ބްލޫޕްރިންޓް ފްރޭމްވަރކް ވަރަށް އަވަހަށް އިފްތިތާޙުކުރެވޭނެކަމަށް ވިދާޅުވި

  • ޑިޖިޓަލް ނިޒާމެއްގެ ތެރެއިން މަޢުލޫމާތުތައް ރައްކާތެރިކަމާއެކު ބެލަހައްޓަންޖެހޭނެކަމަށް ވިދާޅުވި

ސަރުކާރުގެ އަމާޒަކީ ޑިޖިޓަލް ވަޞީލަތްތަކާއެކު ރާއްޖޭގައި ދެވޭ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުންކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އިންޑިޔާގެ މަލްޓިނޭޝަނަލް ހޮސްޕިޓަލް ހިންގާ ކުންފުންޏެއްކަމަށްވާ އެޕޯލޯ ހޮސްޕިޓަލްސްގެ ފަރާތުން ބޭއްވި 12 ވަނަ އިންޓަރނޭޝަނަލް ޕޭޝަންޓް ސޭފްޓީ ކޮންފަރެންސްގެ ތެރެއިން ކުރިއަށްދިޔަ ގްލޯބަލް ހެލްތު ޑަޔަލޮގްގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ ޑިޖީޓަލް ޞިއްހީ ނިޒާމެއްގެ ތެރެއިން ރައްކާތެރި އަވަސް ޞިއްހީ ނިޒާމެއް ޤާއިމްކުރެވޭ ކަމަށެވެ. އަދި އިންސާނުންނަށް ކުރެވޭ ބައެއް ކުށްތައް މަދުކޮށް، ފެންވަރު ރަނގަޅު ފަރުވާއެއް ދިނުމުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ވަޞީލަތްތައް މުހިންމު ދައުރެއް އަދާކުރާކަމަށް ވަޒީރު ވިދާޅުވިއެވެ.


ވަޒީރު ވިދާޅުވީ، ރާއްޖޭގައިވެސް ޑިޖިޓަލް ވަޞީލަތްތައް ޤާއިމުކޮށް ޞިއްހީ ނިޒާމު ހަރުދަނާކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އެ ގޮތުން ރާއްޖޭގެ ޑިޖިޓަލް ހެލްތު ބްލޫޕްރިންޓް ފްރޭމްވަރކް ވަރަށް އަވަހަށް އިފްތިތާޙުކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ފްރޭމްވަރކް ފަރުމާކޮށްފައިވާނީ ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ޞިއްޙީ ގިނަ ޚިދުމަތްތަކެއް ގިނަ ބަޔަކަށް ލިބޭނެ މަގު ފަހިވާނެ ގޮތްތައް ހިމަނައިގެން މަގުޗާޓެއްގެ ސިފައިގައިކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު ވަނީ ޕްރައިމަރީ ހެލްތު ކެއަރއާއި ވެކްސިނޭޝަންއާ ގުޅުހުން ހުރި ޑިޖިޓަލް ޕްލެޓްފޯމްތައް ވަނީ ޤާއިމްކޮށްފައި. މި ފިޔަވަޅުތަކާއެކު ރާއްޖެއަކީ ޑިިޖިޓަލް ޞިއްހީ ނިޒާމެއް ޤާއިމްކުރުމުގެ ދާއިރާގައި ސަރަހައްދީ ގޮތުން ފާހަގަކޮށްލެވޭ ޤައުމެއް." ވަޒީރު ވިދާޅުވިއެވެ.


ވަޒީރު ވިދާޅުވީ، ޑިޖިޓަލް ޞިއްހީ ނިޒާމެއްގެ ސަބަބުން ގިނަ ފައިދާތަކެއްވި ނަމަވެސް، އެފަދަ ނިޒާމަކުން ދިމާވާ ދަތިތަކާމެދުވެސް ވިސްނާލަންޖެހޭ ކަމަށެވެ. އެގޮތުން ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ހުންނަ މަޢުލޫމާތު ރައްކާތެރިކަމާއެކު ބެލެހެއްޓުމާ މެދު ވިސްނަންޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިކަން ކުރެވޭނީ ސައިބަރ ސެކިޔުރިޓީ ފްރޭމްވަރކްތައް ހަރުދަނާކޮށް، އަބަދުވެސް ސިސްޓަމްތައް މޮނިޓަރކޮށްގެންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އިންޓަނޭޝަނަލް ޕޭޝަންޓް ސޭފްޓީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ޞިއްހީ ވަޒީރު އިންޑިޔާއަށް ދަތުރުފުޅު ފެށްޓެވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި އާދިއްތަ ދުވަހު ވަޒީރުގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.