ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމްގެ އަތުލިޔުއްވުން އަސްލަކަށް ބަލައިގެން އުފައްދާފައިވާ ތާނަ ފޮންޓު، "މައުމޫން" ލޯންޗްކޮށްފިއެވެ.
މި ފޮންޓު ލޯންޗްކުރުމަށް މާލޭ އާރޓް ގެލަރީގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ފޮންޓު ލޯންޗުކޮށްފައިވަނީ މައުމޫން ފައުންޑޭޝަނާއި އަކުރު ޓައިޕް ގުޅިގެންނެވެ.
މި ފޮންޓް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ، މި ފޮންޓް ނެރެވިގެން މިދަނީ ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހުކަމަށެވެ. އަދި ދިވެހިންގެ މާދަރީ ބަހަކީ ރީތި ދިވެހި ބަސްކަމަށާއި، ދިވެހި ބަސް ކުރިއަރުވާ ދިރުވަން މިއަދުވެސް މަސައްކަތްކުރަންޖެހޭކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ ބަހަކީ ޤައުމުގެ ދޫކަމަށާއި ޤައުމު ރަމްޒުކޮށްދޭ އެއްޗަކީ ޤައުމުގެ ބަސްކަމަށެވެ. އަދި ޤައުމު ތަރައްޤީވާނީ ބަސް ތަރައްޤީވެގެންކަންވެސް ކުރީގެ ރައީސް މައުމޫން ފާހަގަކުރެއްވިއެވެ.
"މިއީ ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއް. ކޮންމެ ގޮތެއްގައިވެސް އަޅުގަނޑުމެންގެ ބޭނުމަކީ ޤައުމަށް ކުރިއެރުން ހޯދައިދިނުން. ތަރައްޤީ ހޯދައިދިނުން. ކޮންމެ މީހަކަށްވެސް އެމީހެއްގެ މަޤާމުގައި އެމީހެއްގެ ގޮޅީގައި އެމީހަކު ހުރިތަނެއްގައި ހުރެގެން ޤައުމަށް ޚިދުމަތް ކުރުމަކީ އެމީހެއްގެ ވާޖިބަކަށް ހަދަންޖެހޭ. އެކަން އަޅުގަނޑު ހިތުން މިހާރު ދަނީ ވަރަށް ރަނގަޅަށް ކުރެވެމުން. އޭގެ އެއް ހެއްކެއް މިރޭ އަޅުގަނޑުމެންނަށް މި ފެންނަނީވެސް". މައުމޫން ވިދާޅުވިއެވެ.
ނަމަކަށް "މައުމޫން" ދީފައިވާ މި ފޮންޓް ދައްކާލުމަށް ހޮނިހިރު ދުވަހު މާލެ އާޓް ގެލަރީގައި މައުރަޒެއް އޮންނާނެއެވެ. އަދި ހެނދުނު 10:00 އިން ރޭގަނޑު 11:00 އަށް މި މައުރަޒަށް އާއްމުންނަށް ޒިޔާރަތްކުރެވޭނެކަމަށް މައުމޫން ފައުންޑޭޝަނުން ވިދާޅުވެއެވެ.
ރައީސް މައުމޫނަކީ ވަރަށް މޮޅު ކެލެގްރާފަރެކެވެ. ދިވެހިންނާއި އަރަބީން ވަރަށް ރީތިކޮށް ލިޔުއްވާ ބޭފުޅެކެވެ. އިސްލާމީ މަރުކަޒުގެ މިހުރާބުގޭގައިވާ ފިލާގައި ވަނީ ރައީސް މައުމޫންގެ އަތުލިޔުއްވުމެވެ. އިސްލާމީ މަރުކަޒުގެ ނަން ބޯޑް ވެސް ލިޔުއްވާފައި ވަނީ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމްއެވެ.