ފިޠުރު ޢީދު ބަންދާއި ދިމާކޮށް ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކް ކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށްޓަވައިފިއެވެ.
މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްގެންދަވާ ދެ ދުވަހުގެ މި ޕްރޮގްރާމަކީ ޢީދު ބަންދުގައި ކަނޑުމަގުން ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާ ދުވަސްވަރަކަށްވުމާއެކު ދަތުރުކުރާ އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މިޕްރޮގްރާމްގެ ދަށުން އުޅަނދު ފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ބައްލަވާނެކަމަށް އެ ފަރާތުން މަޢުލޫމާތުދެއްވައެވެ.
އޭގެ ތެރޭގައި މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެލުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. އެމްއެންޑީއެފްއިން އިތުރަށް ވިދާޅުވީ މިޕްރޮގްރާމް ރޭ މާލޭ ބަނދަރު ސަރަޙައްދުގައި ފަށްޓަވާފައިވާ ކަމަށާއި، ގިނަ އަދަދެއްގެ އުޅަނދު ޗެކް ކުރައްވާފައިވާ ކަމަށެވެ. އަދި، މާލޭގެ ބަނދަރުން ފުރާ އުޅަނދުތަކާއި މާލޭގެ ބަނދަރަށް ވަންނަ އުޅަނދު ފަހަރު ޗެކްކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްއެންޑީއެފްއިން މަޢުލޫމާތުދެއްވައެވެ.