ޚަބަރު

ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް މާލޭ ސަރަހައްދުގައި ބަހަން ފަށައިފި


  • މާލޭ ސަރަޙައްދުގައި 5 ތަނަކުން މަސްދަލު ކޭސް ބަހާނެ

  • މިމަހުގެ 27 ހަމައަށް މަސްދަޅު ކޭސް ބަހާ ނިންމަން ވަނީ އަމާޒު ހިފާފަ

ރަމަޟާން މަހަށް ގޭބިސީތަކަށް ސަރުކާރުން ދެއްވާ މަސްދަޅު ކޭސް މާލޭ ސަރަޙައްދުގައި ބަހަން ފަށައިފިއެވެ. މަސްދަޅު ބަހަން ފަށާފައިވަނީ މިރޭ 20:30ގައެވެ.

މިގޮތުން މަސްދަޅުތައް ބަހަން ފެށުމުގެ ގޮތުން މިފްކޯގެ އޮފީސް ކޮމްޕައުންޑުގައި ބޭއްވި ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރާއި އެސްޓީއޯގެ ސީއީއޯ ޝިމާދު އިބްރާހިމްގެ އިތުރުން މިފްކޯގެ ސީއީއޯ ޑރ. ވިޓާލީ ލޫބުމޮވްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މާލޭ ސަރަހައްދުގައި މަސްދަޅު ކޭސް ބަހަން ހަމަޖެހިފައިވަނީ މިމަހުގެ 27 ގެ ނިޔަލަށް ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކުއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ދެތިން އަތޮޅު ފޮޔާވާ ހުރިހާ އަތޮޅަކަށް މަސްދަޅު ކޭސް ބެހުމަށް މިހާރު ފޮނުވާފައިވާކަމަށެވެ. ވަޒީރު ވިދާޅުވީ ރޯދަމަސް ފެށުމުގެ ކުރިން މަސްދަޅު ބަހާ ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށާއި، ރޯދަމަސް ފެށުނުނަމަވެސް މަސްދަޅު ބެހުމުގެ ކަންކަން ކުރިއަށްދާނެކަމަށެވެ.

"މިހާތަނަށް އައިރު ވަރަށް ގިނަ އަތޮޅުތަކުގައި ބަހާ ނިމެއްޖެ. ކޮންމެވެސް ވަރަކަށް ރިޕޯޓް ލިބޭ ދެތިން ރަށުގައި ބޭނުންވާ އަދަދަށް ނެތްކަމަށް. ނަމަވެސް މިހާރު ފުރުތަމަ ބުރު ނިމުނީމަ، މަދުވާތަންތަނަށްވެސް މަސްދަޅު ކޭސްތައް ފޯރުކޮށްދިނުމުގެ ކަންކަން ކުރިއަށްގެންދާން. އެއްވެސް ތަފާތު ކުރުމެއް ނެތި." ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު ޢާދަމް ޝަރީފް ވިދާޅުވިއެވެ.

އެސްޓީއޯގެ ސީއީއޯ ޝިމާދު އިބްރާހިމް ވިދާޅުވީ މިދިޔަ އަހަރު ރައްޔިތުންނަށް ހަދިޔާއެއްގެ ގޮތުން ކާޑުގެ ބާވަތްތައް ދިންނަމަވެސް މިފަހަރު ރައީސް ނިންމެވީ ދިވެހި އުފެއްދުމެއް ރައްޔިތުންނަށް ދިނުމަށްކަމަށެވެ.

"ރޯދަމަހުގެ ކުރިން މިބަލަނީ ހުރިހާ ގޭބިސީއަކަށް ފޯރުކޮށްދެވޭތޯ. އެކަމު އެހެން ނުވެއްޖެއާ ރޯދަމަސްތެރޭގައިވެސް އެކަން ކުރިއަށްދާނެ. އަޅުގަނޑުމެންގެ ޕްލޭން މިއޮތީ ގޭބިސީތަކަށް ކަރަންޓު މީޓަރު ނަންބަރަށް މަސްދަޅު ކޭސް ދިނުމަށް." އެސްޓީއޯގެ ސީއީއޯ ޝިމާދު އިބްރާހިމް ވިދާޅުވިއެވެ.

މިފްކޯގެ ސީއީއޯ ޑރ. ވިޓާލީ ލޫބުމޮވް ވިދާޅުވީ، ރައީސްގެ ޚާއްސަ އިސްނެންގެވުމަކަށް ސަރުކާރުން ރޯދަ ހަދިޔާ ބެހުމަށް ކުރާ މަސައްކަތުގައި އެކުންފުނިން ބައިވެރިވުމަކީ ލިބޭ ފަޚުރެއްކަމަށެވެ. އަދި ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ހުރިހާ ގޭބިސީއަކަށްވެސް ބޭނުންވާ މިންވަރަށް މަސްދަޅު އުފައްދާ ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.

"ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ގޭބިސީތަކަށް ބޭނުންވާ މަސްދަޅު ކޭސް އުފައްދާ ފޯރުކޮށްދިނުމަށް އަޅުގަނޑުމެންގެ ޕްރޮޑަކްޝަން ފަޅިން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައި. ބޭނުންވާ މިންވަރަށް ފޯރުކޮށްދެވޭނެކަމުގެ ޔަޤީންކަން އެބައޮތް." މިފްކޯގެ ސީއީއޯ ޑރ. ވިޓާލީ ވިދާޅުވިއެވެ.

މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ބެހުމަށް ނިންމާފައިވާ ގަޑިތައް:

* 20 ފެބުރުވަރީ ރޭގަނޑު 20:30އިން 23:00އަށް
* 22 ފެބުރުވަރީ ހެނދުނު 10:00އިން ހަވީރު 16:00އަށް
* 22 ފެބުރުވަރީ ރޭގަނޑު 20:30އިން 23:00އަށް
* 23 ފެބުރުވަރީ އިން 27 ފެބުރުވަރީއަށް މެންދުރު 14:30އިން 18:00އަށް
* 23 ފެބުރުވަރީ އިން 27 ފެބުރުވަރީއަށް ރޭގަނޑު 20:30އިން 23:00އަށް

މާލޭ ސަރަހައްދުގައި މަސްދަޅުކޭސް ބަހާ ތަންތަން:

* މިފްކޯ އޮފީސް ކޮމްޕައުންޑް
* ހެންވޭރު އެމްޓީސީސީ ސޯމިލް
* ވިލިމާލޭ ވެމްކޯ ސައިޓް
* ހުޅުމާލެ ފޭސް-1ގެ އުމަރު ޒާހިރު ބިލްޑިންގ
* ހުޅުމާލެ ފޭސް-2، ހިޔާ ފްލެޓް ޓަވަރ 10ގެ ޔޫތު ސެންޓަރު

މަސްދަޅު ކޭސް ދޫކުރާނީ ހަމައެކަނި ދިވެހީންނަށް ކަމަށާއި، މަސްދަޅުކޭސް ބަލާ ދާ މީހާގެ އައިޑީކާޑު ބޭނުންވާނެކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ. އަދި މަސްދަޅު ކޭސް ބަލާދާއިރު އެ ގޭބީސީއެއްގެ ކަރަންޓް ބިލުގެ އެންމެ ފަހު ތިން މަހުގެ ބިލުގެ ތެރެއިން ކަރަންޓް މީޓަރު އެނގޭނެ ފަދަ ލިޔުމެއް ގެންނަން ޖެހޭނެކަމަށެވެ.

ކުރިއަށް އޮތް ރަމަޟާންމަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވީ، ސަރުކާރަށް އެއް އަހަރުފުރުމުގެ ކާމިޔާބީ ފާހަގަކުރުމަށް މިދިޔަ ނޮވެންބަރު މަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރަމަޟާންމަހަށް ޚާއްޞަކޮށްގެން ގޭބީސީތަކަށް ބަހަނީ އާންމުކޮށް ބޭނުންކުރާ 180 ގްރާމްގެ 48 ދަޅުގެ މަސްދަޅު ކޭހެވެ. ރަމަޟާން މަސް ފެށުމުގެ ކުރިން މަސްދަޅު ކޭސްތައް ބަހައި ނިމޭނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.