ނިމިގެންދިޔަ 2024 ވަނަ އަހަރަކީ ކުޅިވަރުގައި އިންގިލާބީ ކާމިޔާބީތަކެއް ލިބުނު އަހަރެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ކުޅިވަރު ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ބައިނަލް އަޤްވާމީ މައިދާނުގައި ދިވެހިރާއްޖެއިން މީގެ ކުރިން ހޯދި ކާމިޔާބީތަކަށް އައު އުއްމީދަކާއި ހިތްވަރެއް ލިބުނީ 2024ގެ އޮލިމްޕިކްސްއިން ކަމަށެވެ.
"2024ގެ ޕެރިސް އޮލިމްޕިކްސްއަށް ޓޭބަލް ޓެނިހުން ފާތިމަތު ދީމާ އަލީ ކޮލިފައިވުމަކީ ދިވެހިރާއްޖޭގެ ކުޅިވަރަށް ލިބުނު ބޮޑު ކާމިޔާބީއަކާއި ޝަރަފެއް" ކުޅިވަރުގެ ތާރީޚުގައި ދީމާ ހޯދި ކާމިޔާބީ ފާހަގަކޮށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ފާއިތުވެ ދިޔަ އަހަރުގެ އޮލިމްޕިކްސްގައި ޓޭބަލް ޓެނިސް، އެތުލެޓިކްސް، ފެތުން އަދި ބެޑްމިންޓަން އެތުލީޓުން ވާދަކުރުމަކީވެސް ދިވެހި ކުޅިވަރު ކުރިއަރައިގެންދިޔަ މިންވަރު ފެންނަ އަލިގަދަ މިސާލެއްކަމަށް ވަޒީރު ސިފަކުރެއްވިއެވެ.
އަދި މި ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ އެމް.އޯ.ސީއިން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކުރައްވާފައެވެ. މިގޮތުން ކުޅިވަރުގެ ހަރަކާތްތައް ރާއްޖޭގައި ފުޅާކުރުމަށް އެމް.އޯ.ސީއިން ހިންގާ ހަރަކާތްތަކުގެ ސަބަބުން ކުޅިވަރަށް މީހުން ހޭލުންތެރިވެ، ދުޅަހެޔޮ ދިރިއުޅުމަކަށް މީހުންނަށް ހިތްވަރު ލިބިގެންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އެމް.އޯ.ސީގެ ހަރަކާތްތަކުގެ ތެރެއިން މިދިޔަ އަހަރު ރާއްޖޭގައި ފާހަގަކުރި އޮލިމްޕިކް ދުވަހުގެ ހަރަކާތްތަކަކީ ފާހަގަކޮށްލެވޭ ހަރަކާތްތަކެއް" ރާއްޖޭގެ އެކި ހިސާބުތަކުގައި އޮލިމްޕިކް ދުވަހާއި ގުޅިގެން ކުރިއަށް ދިޔަ ހަރަކާތްތަކަށް އަލިއަޅުވާލާ ވަޒީރު ވިދާޅުވިއެވެ.
ފާއިތުވެ ދިޔަ އަހަރު ކޮމަންވެލްތު ގޭމްސް ފެޑެރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި ބޭއްވިގެން ދިއުމަކީވެސް ދުނިޔޭގެ ބޮޑެތި ފެޑެރޭޝަންތަކުން މި ކުޑަ ދިވެހިރާއްޖެ ބަލައިގެންފިކަމުގެ އަލިގަދަ ހެއްކެއް ކަމަށްވެސް ވަޒީރުވަނީ ވިދާޅުވެފައެވެ.
އަދި މިއީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އިތުރު ފުރުސަތުތައް ފަހިވަމުން އަންނަ ކަމުގެ އުއްމީދީ މަންޒަރެއްކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާ ކުރިއަށް ދިޔައީ ހ. މީރުމާގައެވެ.