ޚަބަރު

ޤާނޫނު އަސާސީއަށް ގެނައި އިޞްލާހު ބާޠިލުކުރަން ހުށައެޅި މައްސަލައިގެ އިތުރު އަޑުއެހުމެއް މާދަމާ


  • އެންޓި ޑިފެކްޝަންގެ ބިލު ފާސްކުރީ އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހުން

  • އެންޓި ޑިފެކްޝަންގެ ބައި ފަހުން ވަނީ ޤާނޫނު އަސާސީގައި ހިމަނާފައި

  • މިއީ ރައްޔިތުންގެ އަތްމައްޗަށް ދިން ބާރެއްކަމަށް ގިނަ މެންބަރުން ސިފަކުރޭ

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ އެ މެންބަރަކު ޕާޓީން ވަކިކޮށްފިނަމަ ނުވަތަ އަމިއްލަ މެމްބަރަކު ޕާޓީއަކާއި ގުޅިއްޖެނަމަ މަޖިލީހުގެ މެންބަރުކަން ގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ގެނައި އިޞްލާހު ބާޠިލުކުރަން ހުށައެޅި މައްސަލައިގެ އިތުރު އަޑުއެހުމެއް މާދަމާއަށް ތަޢާވަލުކޮށްފިއެވެ.

މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް ޤާނޫނު އަސާސީއަށް ގެނައި އިޞްލާހު ބާޠިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށައެޅީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޙުސައިންއެވެ. އޭނާ ހުށައެޅުއްވީ ޤާނޫނު އަސާސީއަށް ގެނައި އިޞްލާހު މިހާރުގެ މަޖިލިސް މެންބަރުންނަށް ނުހިނގާނެކަމަށް ކަނޑައެޅުމަށެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ވަނީ ބާއްވާފައެވެ. މި މައްސަލާއި މިއަދު ބޭއްވި އަޑުއެހުމުގައި ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު ވިދާޅުވީ އެއީ ސުޕްރީމް ކޯޓަށް ބެލުމުގެ އިޚްތިސާސް އޮތް މައްސަލައެއް ނޫން ކަމަށެވެ. ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު ވިދާޅުވީ ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތަކަކީ ގާނޫނުއަސާސީގެ ބައެއްކަމަށާއި، މާނަކުރަންޖެހޭނީ އެގޮތަށްކަމަށެވެ. އަދި އެއީ ޚާއްޞަ އިޖުރާޢަތެއްގެ ދަށުން ޚާއްޞަ އުސޫލަކުން ފާސްކުރާ އެއްޗެއްކަމާއި، ގާނޫނެއްގެ ދަރަޖަ ދޭނަމަ އިޖުރާއީ ބޮޑެތި މައްސަލަތައް ނުކުމެދާނެކަމަށް ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލް ވިދާޅުވިއެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ނިންމާލައްވަމުން އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަސިމް އަދުނާން ވަނީ މާދަމާ ހެނދުނު 09:00 ޖަހާއިރު އިތުރު އަޑުއެހުމެއް ބާއްވާނެކަމަށް ވިދާޅުވެފައެވެ. މި މައްސަލައަށް އެމްޑީޕީން ވަނީ ތަދައްޚުލްވެފައެވެ. އަދި މާދަމާ އެޕާޓީއަށް ފުރުޞަތު ދެއްވާނެކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.

މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭގޮތަށް ޤާނޫނު އަސާސީއަށް ގެނައި އިޞްލާހު ބާޠިލުކުރުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށައަޅާފައިވާއިރު، މެންބަރުން ޕާޓި ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭގޮތަށް އެންޓި ޑިފެކްޝަނުގެ ބިލު ފާސްކުރީ އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުންނެވެ. އެ ބިލު އޭރު ފާސްކުރީ ރިޔާސީ އިންތިޚާބަށްފަހު މަޖިލީހުގެ އިންތިޚާބުގެ ކުރިންނެވެ. އޭރު އެ ބިލު ފާސްކުރީ އެމްޑީޕީގެ ގިނަ ޢަދަދެއްގެ މެންބަރުން ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގަތުމުން، އެޕާޓީގެ އިތުރު މެންބަރުންވެސް ޕާޓީ ބަދަލުކޮށްފާނެކަމުގެ ބިރު އޮތުމުންނެވެ.

އެމްޑީޕީގެ އަޣްލަބިއްޔަތު އޮތް މަޖިލީހުން އެންޓި ޑިފެކްޝަންގެ ބިލު ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީޤްކުރެއްމަށްފަހު ސަރުކާރުން ވަނީ 'އެންޓި ޑިފެކްޝަން'ގެ ބައި ޤާނޫނު އަސާސީގައި ހިމަނާފައެވެ. ޤާނޫނު އަސާސީއަށް ގެނައި އެބަދަލާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ އެއީ ރައްޔިތުންގެ އަތްމައްޗަށް ބާރު އަނބުރާ ދިނުމަށް ގެންނެވި އިސްލާހެއް ކަމަށެވެ. އެގޮތުން، މަޖިލީހުގެ އިންތިޚާބުގައި ރައްޔިތުން ވޯޓުލަނީ އެ ކެންޑިޑޭޓެއް ހުރި ސިޔާސީ ފިކުރަކަށް ބަލައިގެން ކަމަށާއި، ނަމަވެސް މެމްބަރުކަމަށް ހޮވުމަށްފަހު އެކި ސަބަބުތަކާހުރެ އެ ފިކުރު ބަދަލުކުރުމަކީ ރައްޔިތުން ވޯޓު ދިން ގޮތާ ޚިލާފުވުންކަމަށެވެ.