ޚަބަރު

ރެފުރީންނާ ދެބަސްވުން ހުއްޓާލަން އެބަޖެހޭ: ފްލިކް


މެޗް އޮފިޝަލުންނާއި މެދު ބޭއަދަބީކޮށް އަމަލުތައް ނުބެހެއްޓުމަށް ބާސެލޯނާގެ ކޯޗު ހެންސީ ފްލިކް ބުނެފިއެވެ.

އޭނާ މިހެން ބުނެފަވަނީ ރެއާލް މެޑްރިޑާއި އޮސަސޫނާ ބައްދަލުކުރި މެޗުގައި ރެއާލް މެޑްރިޑްގެ ޖޫޑް ބެލިންހަމްއަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެންނެވެ. 1-1 ގެ ނަތީޖާއަކުން އެއްވަރުވި މި މެޗްގައި ބެލިންހަމްއަށް ރަތްކާޑު ދައްކާފައިވަނީ މެޗުގައި ރެފްރީ އާއި ދެބަސްވެ، ނުރުހުން ފާޅުކުރުމުގެ ސަބަބުންނެވެ.

ހޮނިހިރު ދުވަހު ކުޅެވުނު މިމެޗަށްފަހު ބެލިންހަމް ބުނެފައިވަނީ އޭނާ އެކަންކުރީ ރެފްރީއަށް ބޭއަދަބީވުމުގެ ގޮތުން ނޫންކަމަށާއި އެއީ ހާލަތުގެ ގޮތުން އެރި އޮޅުމެއް ކަމަށެވެ. އަދި ޖެހިގެން އައި އާދިއްތަ ދުވަހު އޭނާ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެކަމަށް މަޢާފަށްވެސް އެދިފައެވެ.

"އަހަރެންގެ ޓީމު މެމްބަރުން މިކަހަލަ ހާލަތަކަށް ވައްޓާލެވުނުކަމަށްޓަކައި މައާފަށް އެދެން" ބެލިންހަމް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓްގައި ވެއެވެ.

ބާސެލޯނާގެ ދަނޑުގައި މެޑްރިޑްގެ ރައްޔޯ ވައްޔެކާނޯ އާއި ހޯމަ ދުވަހު ބައްދަލުކުރަން ހަމަޖެހިފައިވާ މެޗްގެ ކުރިން އޭނާގެ ޓީމާއި ވާހަކަދައްކަމުން ފްލިކް ވަނީ މެޗް އޮފިޝަލުންނާއި ދެބަސްވެ ހަމަނުޖެހުން ހިންގުމާއި ދުރުވެ ތިބުމަށް އިރުޝާދު ދީފައެވެ.

"އަހަރެން ޤަބޫލުކުރާ ގޮތުގައި އެއީ އިހްތިރާމް ނުކުރުން. އެއީ އަހަރެން ދެކޭގޮތް. އެކަމު މިކަމަށް ދޭނެ އަދަބެއް ކަނޑައަޅާނީ އަހަންނެއް ނޫން" އާދީއްތަ ދުވަހު މީޑިއާއާއި ވާހަކަދައްކަމުން ފްލިކް ބުންޏެވެ.
އަދި މިފަދަ ކަންކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި، މިފަދަ ކަންކަމުން ދުރުހެލިވެ ތިބުމުގެ މުހިންމުކަމާއި ގުޅޭގޮތުން ޓީމުގެ ކުޅުންތެރިންނަށް ހަނދާންކޮށްދީފައިވާނެ ކަމަށްވެސް ފްލިކް ބުންޏެވެ.

"މިފަދަ ކަންކަން ކުރުމުން ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލީމަ ހުރިހާ ގެއްލުމެއް ލިބޭނީ ޓީމަށް. އެންމެ ކުޅުންތެރިއަކު މަދު ވިޔަސް އެއީ މުޅި ޓީމަށް ލިބޭ ބަލި ކަށިކަމެއް. ހަނދާން ބަހައްޓަންވީ ކަމަކީ މެޗް ކުރިއަށްދާއިރު ރެފްރީ އާއި މަޝްވާރާކުރަން ޖެހިއްޖެ ނަމަ އެކަން ކުރާނީ ކެޕްޓަން ކަން. އެކަން ވާނެ ކުޅުންތެރިން ޤަބޫލުކުރަން" ނޫސްވެރިންނާއި ވާހަކަދައްކަމުން ފްލިކް އިތުރަށް ބުނެފައިވެއެވެ.

ހޯމަ ދުވަހު ރައްޔޯ އާއި ދެކޮޅަށް ކުޅެވޭ މި މެޗުން ނެރޭ ނަތީޖާއިން ސްޕެނިޝް ލަލީގާގެ އެއްވަނަ އަށް އެރުމުގެ ފުރުސަތު ބާސާއަށް ލިބޭނެއެވެ. އެޓީމު މިވަގުތު އޮތީ ތާވަލުގެ ތިން ވަނައިގައެވެ.