ޚަބަރު

ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤަށް ރުހުންދިނުމަށް މަޖިލީހުން ފާސްކޮށްފި


  • ޠާރިޤަށް ރުހުންދެއްވީ 69 މެންބަރުންގެ ވޯޓުން

  • މެންބަރުން ވަނީ ވަޒީރު ޠާރިޤު މަޤާމުގެ މަސްޢޫލިއްޔަތު ފުރިހަމައަށް އަދާކުރައްވާނެކަމަށް ވިދާޅުވެފައި

ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމަށް ރުހުންދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ. ވަޒީރު ޠާރިޤަށް ރުހުން ދެއްވުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ އިއްތިފާޤުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފަތުރުވެރިކަމާބެހޭ ވުޒާރާއާއި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވުޒާރާ އެއްކުރައްވައި އެ ވުޒާރާގެ ވަޒީރަކަށް ޠާރިޤް އިބްރާހީމް، އައްޔަން ކުރެއްވީ މި މަހުގެ 1ވަނަ ދުވަހުއެވެ. އޭރު ވަޒީރު ޠާރިގު ހުންނެވީ ތިމާވެށްޓާބެހޭ ވަޒީރުގެ މަގާމުގައެވެ.

ވަޒީރު ޠާރިޤަށް ރުހުންދިނުމާ ގުޅޭ މައްސަލަ ދިރާސާކުރެއްވި ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީންވެސް ފާސްކޮށްފައިވަނީ އެމަނިކުފާނަށް ރުހުން ދިނުމަށް ފެންނަކަމަށެވެ.

ކޮމިޓީގެ ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ވާހަކަދެއްކި ސަރުކާރަށް ތަޢީދުކުރާ މެންބަރުންނާއި، އިދިކޮޅު އެމްޑީޕީގެ މެންބަރުންވެސް ވަނީ، ވަޒީރު ޠާރިޤަކީ އެ މަޤާމަށް އެންމެ އެކަށީގެންވާ ބޭފުޅާކަމަށް ވިދާޅުވެ ތާޢީދުކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ވަޒީރުކަމުގައި ނަތީޖާ ނެރެދެއްވާނެކަމަށް ޔަޤީންކުރައްވާކަމަށްވެސް މެންބަރުން ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވުޒާރާ އަދި ފަތުރުވެރިކަމާބެހޭ ވުޒާރާ އެއްކޮށްލާފައިވަނީ ފަތުރުވެރިކަމާބެހޭ ވަޒީރުގެ މަޤާމުގައި ހުންނެވި އިބްރާހީމް ފައިޞަލް އެ އެމަޤާމުން މިދިޔަ މަހު ވަކިކުރެއްވުމާއި ގުޅިގެންނެވެ.

ޤާނޫނުގައިވާގޮތުން ވަޒީރުންގެ މަޖިލީހަށް ބޭފުޅަކު އައްޔަން ކުރެއްވުމަށްފަހު އެ ވަޒީރުންނަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވަން ހުށަހަޅަންޖެހެއެވެ. ވަޒީރުންނަށް ޤާނޫނީ ބާރުވެރިން ލިބިވަޑައިގަންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ.

މި ބަދަލާ ގުޅިގެން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާބެހޭ ވުޒާރާގެ ދަށުން ހިނގަމުންދިޔަ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއާއި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއާއި، މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް އޮފީހަކީ ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާގެ ދަށުން ހިންގަމުންދާ ތަންތަނުގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ.