ޚަބަރު

މިިދިޔަ ހަފްތާގައި މަސްވެރިންނަށް 34.7 މިލިއަން ރުފިޔާ


  • މިއީ އޭގެ ކުރީ ހަފްތާއާ އަޅާބަލާއިރު 10 އިންސައްތަ އިތުރު އަދަދެއް

މިފްކޯއިން ފެބްރުއަރީމަހުގެ ދެވަނަ ހަފްތާގައި މަސްވެރިން ކިރުވި މަހަށް ދޫކޮށްފައިވާ ފައިސާ އޭގެ ކުރީ ހަފްތާއާ އަޅާބަލާއިރު 10 އިންސައްތަ އިތުރުކަމަށް އެކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިފްކޯއިން މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު އިތުރުވެފައިވާއިރު މިދުވަސްވަރަކީ ދެކުނުގައި މަސްވެރިކަން އާދަޔާ ޚިލާފަށް ރަނގަޅު ދުވަސްވަރެއްކަމަށް މިފްކޯއިން ވިދާޅުވެއެވެ.

މިދިޔަ ހަފްތާގައި 218 މަސް ދޯންޏަކަށް މިފްކޯއިން 34.7 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއަދަދަކީ އޭގެ ކުރީ ހަފްތާގައި މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާގެ އަދަދާއި އަޅާބަލާއިރު 10.8 އިންސައްތަ އިތުރު އަދަދެކެވެ. ސަރުކާރުގެ މަސް ކުންފުނީގެ ތަފާސްހިސާބުތައް ދައްކާގޮތުން ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގައި 31.3 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި މިއަހަރުގެ ޖަނަވަރީ މަހު މަސްވެރިން ކިރުވާފައިވާ މަހަށް މިފްކޯއިން ވަނީ ޖުމްލަ 117 މިލިޔަން ރުފިޔާ ދޫކޮށްފައެވެ. މިއީ ހުސްވި ޑިސެންބަރުމަހާއި އަޅާބަލާއިރު 122 އިންސައްތައިގެ އިތުރުވުމެކެވެ. ޑިސެންބަރުމަހު މިފްކޯއިން މަސްވެރިންނަށް ދޫކޮށްފައިވަނީ 52 މިލިޔަން ރުފިޔާއެވެ.

މިދިޔަ ބުދަ ދުވަހަކީ ފަހުގެ ތާރީޙެއްގައި އެންމެ ގިނަ އަދަދަކަށް މިފްކޯއަށް މަސް ކިރުވި ދުވަހެވެ. އެގޮތުން އެދުވަހު 546 ޓަނުގެ މަސް ކިރުވާފައިވެއެވެ. އަދި އެދުވަހު، މިފްކޯއިން ވަނީ މަސްވެރިންނަށް 48 ދޯންޏަކަށް 7.6 މިލިޔަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައެވެ.

މިފްކޯއަށް ކިރުވާފައިވާ މަހުގެ އަދަދު އިތުރުވެފައިވާއިރު، މަސްވެރިން މަސް ކިރުވަން މިދިޔަ ހަފްތާގެ ތެރޭގައި މިފްކޯ ބަނދަރުތަކުގައި ކިއުވެސް ހެދިއެވެ. އަދި ހަފްތާ ބަނދުތެރޭގައި ކިއުއެއްކޮށް ވަނީ ހުސްކޮށްލާފައެވެ.

ރާއްޖޭގެ މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު މިފްކޯއަށް މަސް ކިރުވުމަށް ދޯނިތަކުން ކިއުގައި ޖެހެއެވެ. މިކަން ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާއިރު، މިދިޔަ ހަފްތާގައި މަސްވެރިކަމާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ މިމައްސަލަ ހައްލުކޮށްދެއްވާ މިއަހަރަކީ މިގޮތަށް މަސްވެރިން ކިއުގައި ޖެހޭނެ އެންމެ ފަހު އަހަރުކަމުގައި ވެގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޖުމްލަގޮތެއްގައި ސިނާޢަތަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތައް 3 އަހަރުގެ ތެރޭގައި ހައްލުކޮށްދެއްވާނެވެސް ވަޒީރު ވިދާޅުވިއެވެ.