ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ކުޅިވަރާ ބެހޭ ވުޒާރާގައެވެ.
މިދިޔަ ހަފުތާގައި ބޭއްވި މި ބައްދަލުވުމުގައި ދެ ބޭފުންވަނީ ގިނަ މަޝްވަރާތަކެއް ކުރައްވާފައެވެ. އެގޮތުން ދެ ގައުމު ގުޅިގެން ކުޅިވަރު ކުރިއެރުވުމުގެ ދާއިރާއިން ކުރެވިދާނެ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި މަޝްވަރާތައް ކުރިއަށް ގެންދެވިއެވެ.
އަދި ދެ ގައުމު ގުޅިގެން ކުޅިވަރުގައި ހޯދިދާނެ ފުރުސަތުތަކަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ކުޅިވަރު ކުރިއެރުވުމަށް ބޭނުންވާ އުމްރާނީ ތަރައްގީ އާއި، ތަމްރީނު ޕްރޮގްރާމުތަކާއި، އަދި މީގެ އިތުރުންވެސް ރާއްޖޭގައި ކުޅިވަރު ފުޅާކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.
ޖަޕާނަކީ ރާއްޖޭގެ ކުޅިވަރު ދާއިރާގައި އެކި ރޮނގުރޮނގުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގައުމެކެވެ. އެގޮތުން ކުޅިވަރު ވަސީލަތްތައް ފޯރުކޮށްދިނުމާއި، ރާއްޖޭގެ އެކި ކުޅިވަރުތަކުގައި ޖަޕާނުގެ ކޯޗުން އަންނަނީ އެހީތެރިވަމުންނެވެ.