ކުޅިވަރު

އިންޑިއާ އާއި ޕާކިސްތާން ކުޅުންތެރިން މާ ބޮޑަށް ރަށްޓެހިވުން ކަމަކުނުދޭ: މޮއީން ޚާން


ކްރިކެޓް ދަނޑުން މިހާރު ފެންނަމުންދަނީ ޕާކިސްތާނުގެ ކުޅުންތެރިން އިންޑިއާގެ ކުޅުންތެރިންނާ މާ ބޮޑަށް ރަށްޓެހިކަން ބާއްވާތަން ކަމަށާއި، އެކަމާމެދު ހިތްހަމަނުޖެހޭ ކަމަށް ޕާކިސްތާނުގެ ކުރީގެ ކުޅުންތެރިން ބުނަން ފަށައިފިއެވެ.

ޗެމްޕިއަންސް ޓްރޮފީގެ ކުރިން މި ވާހަކަ ދައްކަން ފެށި ކުޅުންތެރިއަކީ ކުރީގެ އެއްވަނަ ވިކެޓް ކީޕަރު އަދި ބެޓްސްމަން މޮއީން ޚާން އެވެ.

އޭނާ ބުނީ ދަނޑުމަތީގައި ރައްޓެހިކަން އޮންނަންޖެހޭނީ ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށެވެ.

"އެކަމަކު މިހާރު އިންޑިޔާ ކުޅުންތެރިންނާއެކު މި ފެންނަ މަންޒަރުތަކުން އަހަރެން ވަރަށް ދެރަވޭ. އަހަރެން ވެސް އިންޑިޔާ ކުޅުންތެރިންނާއެކު ބޭއްވީ އިހްތިރާމީ ގުޅުމެއް. ހާއްސަކޮށް އަހަރުމެން މެޗު ލީޑްކުރާނަމަ އެމީހުން ވެސް އަހަރުމެން ވަރަށް ބޮޑަށް ދުރުކޮށްލާ. ހާއްސަކޮށް ސީނިއާ ކުޅުންތެރިންނާއި ކެޕްޓަނުން މި ގޮތަށް އަމަލުކުރާނެ،" މޮއީން ޚާން ބުންޏެވެ.

އޭނާ ބުނީ މެޗުތަކުގައި އިންޑިޔާގެ ކުޅުންތެރިންނާ ދުރުކަން ބެހެއްޓުމަކީ ޖިސްމާނީ ގޮތުން ލިބިދާނެ އަނިޔާއަކުން ވެސް ސަލާމަތްވުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"މާބޮޑަށް ވަކި މީހަކާ ނުވަތަ ވަކި ކުޅުންތެރިއަކާ ރަހުމަތްތެރިވެވިއްޖެނަމަ އެ މީހުން އަހަރުމެން ސީރިއަސްކޮށް ނުނަގާނެ. މީގެ ސަބަބުން ނަފްސާނީ ގޮތުން ވަރަށް ބޮޑަށް ބަލިކަށިވާނެ،" މޮއީން ޚާން ބުންޏެވެ.

އޭނާ އަދި ބުނީ އޭނާގެ މި ވާހަކަތަކާމެދު ޕާކިސްތާނުގެ ކުރީގެ ކެޕްޓަން ވަސީމް އަކްރަމާއި ބާރު އުކުންތެރިޔާ ޝުއައިބް އަޚްތަރާއި ވަގާރު ޔޫނުސް ފަދަ ކުޅުންތެރިން އެއްބަސްވާ ކަމަށެވެ. އަދި މި ފަދަ ލެޖެންޑުން ކުޅުނުއިރު އަމަލުކުރި ގޮތް ބަލައި މިހާރުގެ ކުޅުންތެރިން އެ އާދަތައް ހިފަހައްޓަން ޖެހޭ ކަމަށެވެ.

"އަހަރުމެން ކުޅުނުއިރު ދަނޑުމަތީގައި އަހަރުމެން ގޮސް އިންޑިޔާގެ ކުޅުންތެރިންގެ ބެޓް ޗެކެއް ނުކުރާނެ. އެ ބެޓް ރީތިތޯ ނުބަލާން. އެމީހުންނާއެކު ދަނޑުމަތީގައި ސެލްފީ ނަގަން ހުއްޓިގެން ނުތިބޭނެ. ނަމަވެސް އަހަރުމެން ކުޅުންތެރިންނަށް މިހާރު ނޭނގި ނަމަވެސް ނުވަތަ ގަސްތަކާ ނުލައި ނަމަވެސް މިކަހަކް ނޭދެވޭ މެސެޖްތައް އެބަދެވޭ. މިއީ މައްސަލައެއް. މިއީ ސީރިއަސްކޮށް ވިސްނައި ހައްލު ކުރަންޖެހޭ ކަމެއް، މޮއީން ޚާން ބުންޏެވެ.

އޭނާ ބުނީ މެޗަކުން މޮޅުވާން ބޭނުންވާނަމަ އަބަދުވެސް ސީރިއަސް ވާން ޖެހޭނެ ކަމަށާއި ބޭކާރު ކަންކަމާ ދުރުވާން ވެސް ޖެހޭ ކަމަށެވެ.

ޕާކިސްތާނުގައި މި މަހުގެ 19ގައި ފެށި ޗެމްޕިއަންސް ޓްރޮފީ މުބާރާތް ކުޅެން އިންޑިޔާ އެ ގައުމަށް ދަތުރު ނުކުރާނެ އެވެ. އެއީ ސިޔާސީ ގޮތުން ދެ ގައުމުގެ ދެމެދުގައި އޮތް ހަތުރުވެރިކަމެއްގެ ސަބަބުން އިންޑިޔާ ސަރުކާރުން އެ ގައުމުގެ ޓީމު ޕާކިސްތާނަށް ދިއުން 2012އިން ފެށިގެން މަނާކޮށްފައިވާތީ އެވެ. މިހެންވެ މި ދެ ގައުމުގެ މެޗާއި މުބާރާތުގައި އިންޑިޔާ ކުޅޭ މެޗުތައް ކުޅެން ހަމަޖައްސާފައިވަނީ ޑުބާއީގަ އެވެ. މި ދެ ގައުމުގެ އިތުރުން ގްރޫޕް އޭގައި ހިމެނެނީ ނިއުޒީލޭންޑާއި ބަނގްލަދޭޝް އެވެ.

މި ދެ ގައުމު މިއަދުގެ މެޗަށް ނުކުންނައިރު ބަލިވެއްޖެނަމަ ޕާކިސްތާން މުބާރާތުން ކަޓާނެ އެވެ. މޮޅުވެގެން އިންޑިޔާ ސެމީ ފައިނަލަށް ދާނެ އެވެ.