ފޭސްބުކްގައި އޮޅުވާލައިގެން ވިޔަފާރި ކުރާ މާކެޓްޕްލޭސް ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުން އެދިވަޑައިގެންފިއެވެ. ސައިބަރ ކްރައިމް ސެންޓަރުން ދާދި ފަހުން ވަނީ އޯޓީޕީ އޮތެންޓިކޭޝަންގެ ބަދަލުގައި އިތުރު އޮތެންޓިކޭޝަން މެތަޑެއް ތަޢާރަފްވެފައިވާކަން ހާމަކުރައްވާފައެވެ.
ޝައްކު އުފެދޭ ލިސްޓިންގ އަދި ޕޯސްޓްތަކަށް ސަމާލުވުމަށް އެދި ސައިބަރ ކްރައިމް ސެންޓަރުން ވަނީ ލިސްޓްކޮށްފައިވާ އެއްޗެއްގެ އަގުހެޔޮ ކަމަށް ފެނުނަސް ނުވަތަ ރަނގަޅު ޑީލެއްހެން ހީވިޔަސް އެ އެއްޗެއް ގަތުމުގެ ކުރިން އިތުރަށް ދިރާސާ ކުރުމަށް އެދިވަޑައިގެންފައެވެ.
އޮޅުވާލައިގެން ހިންގާ ވިޔަފާރި ޕޭޖުތައް ކަށަވަރުކުރުމުގައި ބެލިދާނެ ކަންކަމުގެ ތެރޭގައި، ޕޭޖު ހަދާފައި އިން ތާރީޚު ޔަގީންކުރުމާއި، ޕްރޮފައިލްގެ މަޢުލޫމާތު ޙިއްސާކޮށްފައި ހުންނަ މިންވަރާއި އަދި އެޕޭޖުތަކަށް ފޮލޯކޮށްފަ ހުންނަ މީހުންނާއި ފްރެންޑްސް ލިސްޓުގައި ހިމެނޭ މީހުންގެ އަދަދުތަކުންވެސް އެކަން ދެނެގަނެވޭނެކަމަށް ފުލުހުން އެސެންޓަރުން ވިދާޅުވެއެވެ. އަދި ޕޭމަންޓް ހެދުމުގައި ވެސް، ޑެލިވަރީ ކުރުމުން ފައިސާ ހަވާލުކުރާ ގޮތްތަކަށް ވިޔަފާރިކުރުންވެސް ޚިޔާރު ކުރެވިދާނެކަމަށް ވިދާޅުވެއެވެ. މީގެއިތުރުން ދެ ފަރާތުގެ ރުހުމާއެކު ވިޔަފާރި ފުރިހަމަ ކުރުމަށްވެސް ސައިބަރ ކްރައިމް ސެންޓަރުން ވަނީ އެދިވަޑައިގެންފައެވެ.
އޯޓީޕީގެ ބަދަލުގައި ފްލޭޝް ކޯލްސް ތަޢާރަފްވެފައިވާއިރު ގިނަ ކުންފުނިތަކުން މި އޮތެންޓިކޭޝަން މެތަޑަށް ކަސްޓަމަރ އޮތެންޓިކޭޝަން މިހާރު ބަދަލު ކުރަމުން އަންނަ ކަމަށް ސައިބަރ ކްރައިމް ސެންޓަރުން މީގެ ކުރިން ވަނީ ހާމަކުރައްވާފައެވެ. ނަމަވެސް ފްލޭޝް ކޯލްސްއަކީ ކީއްކުރާ، ކޮންގޮތަކަށް މަސައްކަތްކުރާ އެއްޗެއްކަން ގިނަ ބަޔަކަށް ނޭނގުމުގެ ސަބަބުން ފްލޭޝް ކޯލް ސްކޭމްގެ ޝިކާރައަކަށް ވަމުންދާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ފްލޭސް ކޯލަކީ ކަސްޓަމަރުގެ ފޯނަށް ޚިދުމަތްދޭ ކުންފުނިން ކުރާ ފޯން ކޯލެކެވެ. ނުވަތަ ފޮނުވާ މިސް ކޯލެކެވެ. ގުޅާ ނަންބަރު ނުވަތަ މިސް ކޯލް ލިބޭ ނަންބަރުގެ ފަހު އަކުރުތަކަކީ އޮތެންޓިކޭޝަން ކޯޑެވެ. މިކޯޑު އިތުރު އެއްވެސް ފަރާތަކާއި ހިއްސާކޮށްފިނަމަ ހިއްސާ ކުރެވެނީ ހަމަ އޯޓީޕީއާއި އެއްވަރުގެ ކޯޑެކެވެ.
ސްކޭމްތަކުން ރައްކާތެރިވުމަށް، އެއްވެސް އިތުރު ފަރާތަކަށް ތިމާގެ ފޯނަށް ލިބޭ ކޯޑާއި، ގުޅާފައި ހުންނަ ނަންބަރެއްވެސް އަދި މިސްކޯލެއް ލިބިފައިއިން ނަންބަރެއްވެސް ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.
ފްލޭޝް ކޯލްސްއަކީ ކޮބައިކަން އާޢިލާ މީހުންނާއި ރަޙްމަތްތެރިންނަށް ކިޔައިދީ ފްލޭޝް ކޯލްސްއާއި މެދު ހޭލުންތެރި ބަޔަކަށް އެންމެންވެސް ހެދޭތޯ ފަރުދީ ޙައިސިއްޔަތުން ކުރެވެންހުރި ހުރިހާ ކަމެއް ކުރުމަކީ ސައިބަރ ކްރައިމް ސެންޓަރުންވަނީ އެދިވަޑައިގެންފައެވެ.