ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ 156 ވަނަ އެގްޒެކެޓިވް ބޯޑު ބައްދަލުވުމުގައި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދު ތަމްސީލުކުރުމަށް ސިއްހީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހިމް ސްވިޒަލޭންޑުގެ ޖެނީވާއަށް ފުރާވަޑައިގަންނަވައިފިއެވެ.
ވަޒީރު މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނީ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރެއްގެގޮތުގައެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ އެގްޒެކެޓިވް ބޯޑު ބައްދަލުވުމަކީ ދުނިޔޭގެ 34 ޤައުމަކުން، ޞިއްޙީ ދާއިރާގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާ ބައިނަލް އަޤްވާމީ މުހިއްމު ނިންމުންތަކެއް ނިންމާ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެންމެ މަތީ ފަންތީގެ ބައްދަލުވުމެކެވެ.
މިމަހުގެ 3 އިން 11 އަށް ކުރިއަށްދާ މި ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރު ޤައުމުތަކާއި އެހެން މެމްބަރު ޤައުމުތައްވެސް ހިމެނޭގޮތަށް ސްވިޒަރލޭންޑުގެ ޖެނީވާގައެވެ.
2022 ވަނަ އަހަރުގެ މެއި މަހުން ފެށިގެން 3 އަހަރުގެ މުއްދަތަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ އެގްޒެކްޓިވް ބޯޑުގައި، ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދު ތަމްސީލުކުރާ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ބައިވެރިވަމުން ގެންދާނެއެވެ. އަދި މިފަހަރުގެ ބައްދަލުވުމުގައި ދިވެހިރާއްޖެ ވައިސް ޗެއަރކަން ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ބައްދަލުވުމުގައި، މިދިޔަ އަހަރުގެ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ 6 ސަރަޙައްދުގައި ކުރިއަށް ގެންދިޔަ ރީޖަނަލް ކޮމިޓީ ބައްދަލުވުންތަކުގައި ނިންމި ނިންމުންތަކާއި، ޕްރޮގްރާމް، ބަޖެޓް އެންޑް އެޑްމިނިސްޓްރޭޓިވް ކޮމިޓީ ބައްދަލުވުމުގެ ރިޕޯޓުތަކާގުޅޭ މަޝްވަރާތަކާއި ގުޅޭގޮތުން ގޮތެއް ނިންމުމަށް ހަމަޖެހިފައިވެއެވެ. އަދި މި އަހަރުގެ 78 ވަނަ ވާލްޑް ހެލްތު އެސެމްބްލީގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ އެޖެންޑާތަކަށް އެގްޒެކަޓިވް މެމްބަރ ޤައުމުތަކުން މަޝްވަރާކޮށް ނިންމުންތައް ނިންމާނެއެވެ. މީގެ ތެރޭގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި ޤައުމުތަކުން ތައްޔާރުވެ އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމާއި ދެމެހެއްޓެނި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ކަނޑައަޅާފައިވާ ޔުނިވަރސަލް ހެލްތު ކަވަރޭޖް، މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ކަނޑައަޅާފައިވާ މުހިންމުކަންކަން ކުރިއަށް ގެންދިއުމުގެ މުހިއްމު ނިންމުންތަކަށް މަޝްވަރާކޮށް ނިންމުންތައް ނިންމޭނެއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ޤައުމުތަކަށް ފޯރުކޮށްދޭ އެހީތައް އެންމެ ފައިދާހުރި ގޮތެއްގައި ފޯރުކޮށްދިނުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށް އެކަމާގުޅޭ ކަންތައްތައް ހުށަހެޅުމަށް ހަމަޖެހިފައިވެއެވެ.
މި ފަހަރުގެ ބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ދޭދޭ ޤައުމުތަކާއެކު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ރާވާފައެވެ. މި ބައްދަލުވުންތަކުގައި ޞިއްޙީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި އާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތަށް އަދި ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރުމަށްވެސް ހަމަޖެހިފައިވެއެވެ.