ޚަބަރު

ޖަނަވަރީ މަހު އިޤްތިސާދުގެ މައިގަނޑު 2 ސިނާއަތަށްވެސް ކުރިއެރުން


  • އެންމެ ގިނައިން ފަތުރުވެރިން އައީ ޗައިނާއިން

  • ޖަނަވަރީ މަހު މަސްވެރިން ކިރުވި މަހަށް 100 މިލިޔަން ރުފިޔާ ދޫކުރި

މިއަހަރުގެ ޖަނަވަރީ މަސް ނިމުނު އިރު ރާއްޖޭގެ އިޤްތިސާދުގެ މައިގަނޑު 2 ސިނާޢަތްކަމުގައިވާ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތަށް ކުރިއެރުން ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖަނަވަރީ މަހު ރާއްޖޭގެ ފަތުރުވެރިކަން %8 ކުރިއެރުމެއް ހޯދާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިއަހަރުގެ ޖަނަވަރީ މަހު މުޅިން އަލަށް ރާއްޖެއަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ފަތުރުވެރިކަމާބެހޭ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖަނަވަރީ މަހު ރާއްޖެއަށް 207،798 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ ޖަނަވަރީ މަހު ރާއްޖެއަށް އައިސްފައިވަނީ 192،385 ފަތުރުވެރިންނެވެ. އެހެންކަމުން މި ޖަނަވަރީ މަހު ރާއްޖޭގެ ފަތުރުވެރިކަން ވަނީ %8 ކުރިއަރާފައެވެ.

ޖަނަވަރީ މަހު އެއް ދުވަހެއްގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޖަނަވަރީ 31 ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެއަށް 9،495 ފަތުރުވެރިން ވަނީ އައިސްފައެވެ.

ޖަނަވަރީ މަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ 3 ޤައުމު:

ޗައިނާ: 36،169 ފަތުރުވެރިން
ރަޝިއާ: 22،124 ފަތުރުވެރިން
އިޓަލީވިލާތް: 20،686 ފަތުރުވެރިން

މަސްވެރިކަމުގެ ސިނާއަތައް ބަލާލާއިރު މިފްކޯއިން މަސްވެރިން ކިރުވާފައިވާފައިވާ މަހުގެ އަދަދުވަނީ ޖަނަވަރީ މަހު އިތުރުވެފައެވެ. އެގޮތުން ޑިސެންބަރު މަހު މިފްކޯއަށް ކިރުވާފައިވާ މަހަށް ދޫކޮށްފައިވަނީ ގާތްގަނޑަކަށް 68 މިލިޔަން ރުފިޔާއެވެ. މި އަދަދު މި ނިމުނު ޖަނަވަރީ މަހު ވަނީ %47 އިތުރުވެފައެވެ. އެގޮތުން ޖަނަވަރީ މަހު މިފްކޯއަށް 1750 ދޯންޏަކުން ކިރުވާފައިވާ މަހަށް 100 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތައް ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެވެ. މި ވައުދު ފުއްދަން ފަށާފައިވަނީ މިދިޔަ މަސްވެރިންގެ ދުވަހުއެވެ. އަދި މިހާތަނަށް އޮޑިވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ގަވާއިދުން ދަނީ ފައިސާ ދޫކުރަމުންނެވެ.