މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖު (އެމް.އެސް.އީ) އިން، ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ލިސްޓުކޮށްފައިވާ، ސެކިއުރިޓީޒް ޓްރޭޑު ކުރުމަށް އޮންލައިން އޮޓޮމޭޓަޑް ޓްރޭޑިންގ ނިޒާމެއް ތައާރަފްކޮށްފިއެވެ.
މި އޮންލައިން އޮޓޮމޭޓަޑް ޓްރޭޑިންގ ނިޒާމު ރަސްމީ ސިފައިގައި އާއްމުންނަށް ހުޅުވާލައިފައިވަނީ އެކުންފުނީ ގެ 17 ވަނަ އަހަރީ ދުވަހާ ދިމާކޮށް، މި ނިމުނު ޖަނަވަރީ މަހުގައެވެ.
އެމް.އެސް.އީ އިން މާކެޓަށް އަލަށް ތައާރަފްކުރި އޮޓޮމޭޓަޑް ޓްރޭޑީންގ ނިޒާމަކީ ސެކުއިރިޓީޒް މާކެޓުގައި ރަޖިސްޓްރީ ކޮށްގެން ބޮރޯކަރުންގެ ޚިދުމަތް ދެމުންދާ ކުންފުނިތަކަށް ސްޓޮކް އެކްސްޗޭންޖް ލައިވްކޮށް އިންވެސްޓަރުންގެ އޯޑަރުތައް ފޮނުވުމަށް މަގުފައިކޮށްދޭނެ ނިޒާމެކެވެ. އަދި އޯޑަރުތައް މާކެޓުގައި ޓްރޭޑިންގ ބޯޑަށް ވަގުތުން ފޮނުވުމަށާއި، އޮޓޮމޭޓަޑް ޓްރޭޑިންގ ނިޒާމުގެ ތެރެއިން ގުޅުވާލަދޭ ޒަމާނީ ޓެކްނޮލޮޖީގެ ޒަރީއާއިން މަގުފަހިކޮށްދިނުމުގެ ގޮތުން، "އޯޑަރ މެނޭޖްމަންޓް ސިސްޓަމް (އޯ.އެމް.އެސް)" ގެ ނަމުގައި ބްރޯކާރ ބެކް އޮފީސް ވެބް އެޕްލިކޭޝަނެއްވެސް ވަނީ ހިމެނިފައެވެ.
ޕީއެސްއެމް ނިއުސްއަށް ދިން ބަސްދީގަތުމެއްގައި އެމް.އެސް.އީގެ ސީއީއޯ އައުޝަން ލަތީފް ވިދާޅުވީ، އޮޓޮމޭޓަޑް ޓްރޭޑިންގ ނިޒާމަކީ، އިންވެސްޓަރުންނަށް ފަސޭހަކަމާއެކު ޓްރޭޑު ކުރުމުގެ މަގު ފަހިކޮށްދިނުމަށް ޤާއިމްކުރެވިފައިވާ ވަސީލަތެއްކަމަށެވެ. އަދި އިންފިނިޓީގެ ޓްރޭޑް ކަނެކްޓް މެދުވެރިކޮށް މާކެޓްގެ އެންމެ ފަހުގެ މަޢުލޫމާތާއި، އަގުތަކަށް އައިސްފައިވާ ބަދަލުތަކާއި، އޯޑަރ ބުކްގެ ތަފްސީލުތައް އިންވެސްޓަރުންނަށް ފަސޭހަކަމާއެކު ލިބެން ހުންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މީގެ ސަބަބުން، މާކެޓުގެ ޓްރާންސްޕޭރަންސީ އިތުރުވެ، އިންވެސްޓަރުންނަށް އެކަށީގެންވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސީއީއޯ އައުޝަން ވިދާޅުވީ އެ ކުންފުނިން ތަޢާރަފްކޮށްފައިވާ އޮޓޮމޭޓަޑް ޓްރޭޑިންގ ނިޒާމަކީ، ބްރޯކަރުން އެމީހުންގެ އަމިއްލަ ޚިދުމަތްދޭ އެޕްލިކޭޝަންތައް ބޭނުންކޮށްގެން ފަސޭހަކަމާއެކު ބޭނުންކޮށްލެވޭގޮތަށް، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ނިޒާމެއްކަމަށެވެ. އަދި މި ޕްލެޓްފޯމްގެ އެހީގައި ކުރިއަށް އޮތް ތަނުގައި ބްރޯކަރުންގެ ޚިދުމަތްތައް މާކެޓުގައި އިތުރަށް ފުޅާކުރެވިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މި ޓްރޭޑްކަނެކްޓް ތްރޫކޮށް އޭޕީއައިއެއް ތްރޫކޮށް ކަނެކްޓް ކުރެވޭނެ ގޮތްތަކެއް އިންނާނެ މި ސިސްޓަމްތެރޭގަ ފެސިލިޓޭޓްކުރެވިފަ. އޭގެ މާނައަކީ އަސްލު ދެން ހަމަ އިތުރަށް ނަގާ ލައިސެންސްތަށްވެސް އަދި އެބޭފުޅުންގެ ޓެކްނޮލޮޖީއަށް ގުޅުވާލެވޭނެ. އެއީ އަޅުގަނޑު ގަބޫލުކުރެވޭ ގޮތުގައި އެންމެ ޔުނީކް ކަމަކީ އަލުގަނޑުމެންގެ މި ޓެކްމޮލޮޖީ ގާއިމްކުރެވިފައިވާ ގޮތާދޭތެރޭ. އަޅުގަނޑުމެންގެ މި ޓެކްނޮލޮޖީ ތްރޫކޮށް އެހެންފަރާތްތަކުގެ ޓެކްނޮލޮޖީ އިންޕްރޫވް ކުރަން ވަރަށް ބައިވަރު ފުރުސަތުތަކެއް އެބަ ލިބޭ. ދެން ޑޭޓާ ޝެއާ ކުރުމާއި އިންފޮމޭޝަން ޝެއާ ކުރުމާއި ރިއަލް ޓައިމް ޑޭޓާ މޮނީޓަރ ކުރުން" އައުޝަން ލަތީފް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ މާލީސެކިއުރިޓީޒްގެ ޤާނޫނުގެ ދަށުން ޕްރައިވެޓް ސްޓޮކް އެކްސްޗޭންޖެއްގެ ގޮތުގައި އެމް.އެސް.އީ ރަޖިސްޓަރީކޮށް، ކެޕިޓަލް މާރކެޓް ޑިވަލަޕްމަންޓު އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) އިން ލައިސަންސް ދީފައިވަނީ 2008 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 23 ވަނަ ދުވަހުއެވެ. ޕްރައިވެޓް ކުންފުންޏެއްގެ ގޮތުގައި ޚިދުމަތް ދެމުން އައި ވޭތުވެދިޔަ 17 އަހަރުގެ ތެރޭގައި، އެމް.އެސް.އީ އިން ދިވެހިރާއްޖޭގެ ސެކިއުރިޓީޒްގެ ބާޒާރު ތަރައްގީކޮށް ގިނަ ރައްޔިތުން ތަކަކަށް ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިދިނުމަށް، ޒަމާނީ ޓެކްކޮނޮލީގެ އުފެއްދުންތެރިކަމުގެ ތެރެއިން، އެކި ޚިދުމަތްތައް މާކެޓަށް ތަޢާރަފްކޮށްފައިވެއެވެ.