ޚަބަރު

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އުވާލަން ނިންމައިފި


  • ޕީޕީއެމް އުވާލަން އެ ޕާޓީގެ ސެނެޓުން ނިންމީ މިދިޔަ ޑިސެމްބަރު މަހު

  • ޕީޕީއެމް ރަސްމީކޮށް ރަޖިސްޓްރީކުރީ 27 އޮކްޓޫބަރު 2011

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމުން އެދިފައިވާގޮތަށް އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އުވާލައި ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކޮށްފިއެވެ.

ޕީޕީއެމް އުވާލުމަށް އެ ޕާޓީގެ ސެނެޓުން ނިންމީ މިދިޔަ ޑިސެންބަރު މަހުގެ ދެވަނަ ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ. މިގޮތަށް ނިންމީ ޕީޕީއެމް މިވަގުތު މަސައްކަތް ކުރަމުންދަނީ، ކޯލިޝަނެއްގެ ތެރެއިން ކަމަށްވާތީ މިވަގުތު ވެރިކަން ކުރަމުންދަނީ އެޕާޓީގެ އުސޫލްތަކާއި ފިކުރާއި އެއްގޮތް ޕާޓީއެއް ކަމުގައިވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ކަމަށްވެފައި، އެޕާޓީއާއި ޕީޕީއެމްގެ ގިނަ އަދަދެއްގެ މެންބަރުން ގުޅެމުން ދިއުމާއެކު ޕާޓީގެ ލީޑާޝިޕަށް ވަކިން ސިޔާސީ ހަރަކާތެއް ކުރިއަށް ގެންދިއުމުގެ ބޭނުން ނުފެންނަތީ ކަމަށް ޕީޕީއެމުން ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ޕީޕީއެމް އުވާލުމަށް އެ ޕާޓީގެ ސެނެޓުން ނިންމައި، ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާތީ، މިއަދުން ފެށިގެން އެ ޕާޓީ އުވާލާފައިވާ ކަމަށެވެ. އަދި އެ ކޮމިޝަނުގެ ސިޔާސީ ޕާޓީގެ ދަފްތަރުންވެސް އުނިކޮށްފައިވާ ކަމަށެވެ.

ޕީޕީއެމްއަކީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް އިސްވެ ހުންނަވާ 2011 ވަނަ އަހަރު އުފެއްދެވި ސިޔާސީ ޕާޓީއެކެވެ. ޕީޕީއެމް ރަސްމީކޮށް ރަޖިސްޓްރީކުރީ 27 އޮކްޓޫބަރު 2011 ގައެވެ.

އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމް އުވާލިއިރު އެ ޕާޓީގެ ދަފްތަރުގައި މިދިޔަ އަހަރު ނިމުނުއިރު 12،174 މެންބަރުން ތިއްބެވެ.

ޕީޕީއެމްގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އިސްކޮށް ހުންނަވައިގެން އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރުއެމްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އުވާލާފައެވެ. އެ ޕާޓީ އުވާލީ ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން ސިޔާސީ ޕާޓީގައި ހަމަވާންޖެހޭ މެންބަރުންގެ އަދަދު ހަމަނުވާތީއެވެ.