ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޕީއެސްޖީ އަތުން 4-2 ގެ ނަތީޖާއަކުން ބަލިވުމާއެކު، މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދުމުގައި މެންޗެސްޓާ ސިޓީއަށް އިތުރު ޕްރެޝަރު ކުރިމަތިވެއްޖެއެވެ.
މި މެޗުން ޕީއެސްޖީ މޮޅުވުމާއެކު އެ ޓީމަށް ވަނީ 7 މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު ތާވަލުގެ 22 ވަނަ ލިބިފަ އެވެ. ސިޓީއަށް 7 މެޗުން ލިބިފައިވާ 8 ޕޮއިންޓާއެކު އެ ޓީމު އޮތީ 25 ވަނައިގަ އެވެ.
އެހެންކަމުން މި މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް ސިޓީއަށް ޖެހޭނީ މި މަހުގެ 30 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ކްލަބް ބްރޫޖް އާއި ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކުރުމަށެވެ. މީގެ އިތުރުން ޕީއެސްވީ އާއި ބެންފީކާ އާއި ސްޕޯޓިންގެ އިތުރުން ސްޓުޓްގާޓް ކުޅޭ މެޗުތަކުން އެ ޓީމުތައް ބަލިވެގެން ނޫން ގޮތަކަށް ސިޓީ އަށް މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ލިބިގެން ނުދާނެ އެވެ.
ޗެމްޕިއަންސް ލީގުގެ ފޯމެޓް މުޅިން ތަފާތު ގޮތަކަށް ރާވައިގެން މި އަހަރު އަލަށް ކުރިއަށް ގެންދާއިރު ޖުމްލަ 36 ޓީމު ވާދަކުރާ ލީގުގެ ފުރަތަމަ ބުރުގައި ކޮންމެ ޓީމެއް އަށް މެޗު ކުޅުމަށްފަހު ގަދަ އަށް ޓީމަށް ދެވަނަ ބުރުގެ ސީދާ ޖާގައެއް ލިބިގެންދާނެ އެވެ. އަދި 9 ވަނަ އާއި 24 ވަނަ އަށްދާ ޓީމުތައް ޖެހޭނީ ޕްލޭއޮފް މެޗުތަކެއް ކުޅުމަށެވެ.
ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށިއިރު ކޯޗު ޕެޕް ގަޑިއޯލާ ވަނީ ދެ ބަދަލެއް އެ ޓީމަށް ގެނެސްފަ އެވެ. އެގޮތުން ރުބެން ޑިއާސް އާއި ސަވީނިއޯގެ ބަދަލުގައި ލެވިސް އާއި ޖެކް ގްރީލިޝް ވަނީ ކުޅެން އަރުވާފަ އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސް ވަނަ މިނިޓުގައި ޖެކް ގްރީލިޝް ވަނީ ލަނޑެއް ޖަހާ މެންޗެސްޓަރ ސިޓީއަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ ތިން މިނިޓް ފަހުން އާލިން ހާލަންޑް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ނަމަވެސް މެޗުގެ 56 ވަނަ މިނިޓުގައި ޕީއެސްޖީގެ އޮސްމާން ޑެމްބެލޭ ވަނީ ލަނޑެއް ޖަހާ އެ ޓީމުގެ އުންމީދުތައް އައު ކޮށްދީފަ އެވެ.
ޕީއެސްޖީ އިން މި މެޗުގެ ނަތީޖާ އެއްވަރު ކޮށްފައިވަނީ މެޗުގެ 60 ވަނަ މިނިޓުގައި ބްރެޑްލީ ބާކޯލާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި މެޗުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.
މި މެޗުގައި ޕީއެސްޖީ އިން ފުރަތަމަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ 78 ވަނަ މިނިޓުގައި ޖޮއާއޯ ނެވެސް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގައި ގޮންޒާލޯ ރާމޯސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މި މެޗުން ޕިއެސްޖީއަށް 3 ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.