ޚަބަރު

އާސެނަލް މޮޅުވެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފި


ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޑީނަމޯ ޒެގްރެބްއާ ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް އާސެނަލްއިން ކަށަވަރުކޮށްފިއެވެ.

ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗު ކާމިޔާބު ކުރުމާއެކު އެ ޓީމަށް ވަނީ މި މުބާރާތުގައި މިހާތަނަށް ކުޅުނު ހަތް މެޗުން 16 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ ލިބިފަ އެވެ. ޑީނަމޯ ޒެގްރެބްއަށް ހަތް މެޗުން ލިބިފައިވާ 8 ޕޮއިންޓާއެކު އެ ޓީމު އޮތީ 26 ވަނައިގަ އެވެ.

ކްރޮއޭޝިއާގެ ޑީނަމޯ ޒެގްރެބްއާއި ދެކޮޅަށް އާސެނަލް ކުޅުނު މި މެޗުގެ ދެވަނަ މިނިޓުގައި ޑެކްލަން ރައިސް ވަނީ ލަނޑެއް ޖަހާ އާސެނަލްއަށް ކުރި ހޯދަދީފަ އެވެ. މި ލަނޑަކީ މާޓިނޭލީ ނަގައިދިން ހުރަހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

އަދި މި ލަނޑަށްފަހު ވެސް އެ ޓީމަށް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް މެޗުގެ ފުރަތަމަ ހާފުގައި ލިބިފަ އެވެ. އެގޮތުން ޑެކްލަން ރައިސް އާއި ޑިފެންޑަރ ގެބްރިއަލް ފޮނުވާލި ހަލަމަތައް ފާހަގަ ކުރެވެއެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ކައި ހަވަޓްޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. މި ލަނޑަކީ އާސެނަލްގެ ކޯޗު ކަމާއި މިކޭލް އާޓެޓާ ހަވާލުވި ފަހުން އެ ކްލަބުން ޖެހި 500 ވަނަ ލަނޑެވެ.

އާސެނަލް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ މެޗުގެ އިތުރު ވަގުތުގައި ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މުބާރާތުގައި ވާދަކުރާ ޓީމު ތަކުގެ ތެރެއިން ޑިފެންސް ލައިން އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި އާސެނަލް ހިމެނޭއިރު ކޯޗު އާޓޭޓާ އަށް ލިބިފައިވާ އަނެއް ހިތްހަމަޖެހުމަކީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ތިބި ރިކާޑޯ ކަލަފިއޯރީ އާއި އީތަން އެންވަނޭރީ އަނިޔާއިން ރަގަޅުވެ ޓީމާއި ގުޅިފައިވުމެވެ. މި މެޗުގައި އެ ދެ ކުޅުންތެރިން ކުޅެފައިނުވި ނަމަވެސް ދެ ކުޅުންތެރިންވެސް ވަނީ ބެންޗުން ފެނިފަ އެވެ.