ޚަބަރު

ފެޔަނޫޑް އަތުން ބަޔާން މިއުނިކް ބަލިވެއްޖެ


ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ފެޔަނޫޑްއާ ދެކޮޅަށް ކުޅުނު މެޗުން 3-0 ގެ ނަތީޖާއަކުން ބަލިވެ މުބާރާތުގެ ދެވަނަ ބުރުގެ ސީދާ ޖާގައެއް ހޯދުމުގައި ބަޔާން މިއުނިކަށް އިތުރު މައްސަލަތަކާއި ކުރިމަތިވެއްޖެއެވެ.

މި މެޗުން ބަޔާން މިއުނިކް ބަލިވުމާއެކު އެ ޓީމަށް 7 މެޗުން ލިބިފައިވާ 12 ޕޮއިންޓާއެކު އޮތީ ތާވަލުގެ 15 ވަނައިގަ އެވެ. ފެޔަނޫޑަށް 7 މެޗުން ލިބިފައިވާ 13 ޕޮއިންޓާއެކު ވަނީ ތާވަލުގެ 11 ވަނަ ލިބިފަ އެވެ.

މުބާރާތުގެ ދެވަނަ ބުރުގެ ސީދާ ޖާގައެއް ލިބިގެންދާނީ ގަދަ އަށް ޓީމަށް ކަމަށްވާއިރު ބަޔާން މިއުނިކް އަންނަ އަންގާރަ ދުވަހު ކުޅޭ މެޗުން މޮޅުވި ނަމަވެސް އެ ޓީމަށް ލިބޭނީ 15 ޕޮއިންޓެވެ. އަދި މިވަގުތު ގަދަ އަށެއްގައި ހިމެނޭ ޓީމުތައް މޮޅުވެއްޖެ ނަމަ ބަޔާން މިއުނިކަށް ޖެހޭނީ ޕްލޭއޮފް މެޗުތައް ކުޅުމަށެވެ.

ނެދަލޭންޑްސްގައި ކުޅުނު މި މެޗުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް މެޗުގެ ރެފްރީ ވަނީ މެޗު ސަސްޕެންޑްކޮށް ކުޅުން ހުއްޓުވާފަ އެވެ. އެއީ ދަނޑަށްވަދެ ތިބި ސަޕޯޓަރުން ބޭނުން ކުރި ފްލެއާސް ތަކުން އެރި ދުމުގެ ސަބަބުން ކުޅުންތެރިންނަށް އުނދަގޫ ވުމުގެ ސަބަބުންނެވެ.

މެޗުގެ ކުޅުން އަލުން ފެށިތާ 21 ވަނަ މިނިޓުގައި ފެޔަނޫޑްގެ ސެންޓިއާގޯ ޖިމިނޭޒް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ފެޔަނޫޑްއިން ލަނޑު ޖަހާ ލީޑު ނެގިތާ ގިނައިރުތަކެއް ނުވަނީސް ބަޔާން މިއުނިކް ހެރީ ކޭން އަށް ވަނީ ނަތީޖާ އެއްވަރު ކުރުމަށް ރަގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް އޭނާ ފޮނުވާލި ބާރު ހަމަލާ ފެނޫޑްގެ ކީޕަރު ޖަސްޓިން ބިޖްލޯ ވަނީ ދިފާއުކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ފެޔަނޫޑްއަށް ލިބުނު ޕެނަލްޓީ އަކުން ޖިމިނޭޒް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.

ދެވަނަ ހާފުގެ ކުޅުން ފަށައިގެން ބަޔާން މިއުނިކް އިން ވަނީ އެ ޓީމުގެ ކުޅުން ރަގަޅުކޮށް އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. އެގޮތުން ޖަމާލް މުސިއާލާ ފޮނުވާލި ނުރައްކާތެރި ހަމަލާ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.

މި މެޗުގައި ފެޔަނޫޑްއިން ޖެހި ތިންވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އަޔާސޭ އުއޭޑާ އެވެ.

މި ނަތީޖާ އާއިއެކު ފެޔަނޫޑްއަށް ވަނީ މުބާރާތުގެ ދެވަނަ ބުރުގެ ސީދާ ޖާގައެއް ހޯދުމަށް ބޮޑު ފުރުސަތެއް ލިބިފަ އެވެ. އެގޮތުން އަންނަ ހަފްތާގައި ފްރާންސްގެ ލިލް އާއި ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްގެން މުބާރާތުގެ ގަދަ އަށެއްގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ.