ޚަބަރު

އީ-ގަވަރނެންސް ހަރުދަނާކުރުމަށް އެސްޓޯނިއާގެ ތަޖުރިބާގެ ބޭނުންހިފަން ރާއްޖެއިން ޝަޢުގުވެރިކަން ފާޅުކޮށްފި


  • ޑިޖިޓަލް ދާއިރާގެ ރާއްޖޭގެ ތަސައްވުރު ހިއްސާކުރެއްވި

  • ސައިބަރ ސެކިއުރިޓީ އާއި ޑިޖިޓަލް ލިޓްރަސީ ކުރިއެރުވުމަށް މަޝްވަރާކުރެއްވި

އީ-ގަވަރނަންސް އާއި އައި.ސީ.ޓީ އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމަށް އެސްޓޯނިއާގެ ތަޖުރިބާގެ ބޭނުންހިފުމުގެ ޝަޢުގުވެރިކަން ރާއްޖެއިން ފާޅުކޮށްފިއެވެ. މި ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެތެރެއިން އެގައުމުގެ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއަރޒްގެ ސެކްރެޓަރީ ޖެނެރަލް ތޮނީސް ސާރު އެމަނިކުފާނުގެ އަރިހަށްކުރެއްވި އިޙުތިރާމުގެ ޒިޔާރަތުގައި ކުރެއްވި މަޝްވަރާތަކުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޑިޖިޓަލް ގޮތުން ބާރުވެރި ޤައުމަކަށް ރާއްޖެ ހެއްދެވުމަށް އެމަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރު ޙިއްޞާކުރައްވާ، ޢާންމު ޚިދުމަތުގައި ޑިޖިޓަލައިޒޭޝަނަށް އިސްކަންދިނުމަށް މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ.

ޑިޖިޓަލައިޒް ވުމަށް އެސްޓޯނިއާއިން އަދާކުރަމުންދާ އިސްދައުރަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަންނަ ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާ، އެކަމަށްޓަކައި އެ ޤައުމަށް އެމަނިކުފާނު ތާރީފު ކުރެއްވިއެވެ. އަދި އެސްޓޯނިއާއިން ގެންގުޅޭ އީޖާދީ ވިސްނުންތައް ބިނާވެފައިވަނީ، ދެފުށް ފެންނަ، ނަތީޖާ ނެރެވޭ، އިތުބާރުހުރި މިންގަނޑުތަކެއްގެ މަތީގަައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ހަމަ މިއާއެކު، ރާއްޖޭގެ އީ-ގަވަރނަންސް އާއި އައި.ސީ.ޓީ އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމަށް އެސްޓޯނިއާގެ ތަޖުރިބާގެ ބޭނުން ހިއްޕެވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވިއެވެ. މީގެ އިތުރުން، ސައިބަރ ސެކިއުރިޓީ އާއި ޑިޖިޓަލް ލިޓްރަސީ ކުރިއެރުވުމާއި، ލޯކަލް ގަވަރމެންޓްތަކުގެ ޑިޖިޓަލް ޤާބިލުކަން ހަރުދަނާކޮށް، ފެތުރިފައިވާ އާބާދީއަކަށް ޢާންމު ޚިދްމަތް ފޯރުކޮށްދިނުން އިތުރުކުރުން ފަދަ ކަންކަން، ޤައުމުގެ ތަރައްޤީގެ ލަނޑުދަނޑިތަކާ އެއް ހަމަ ކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުވައިލެއްވިއެވެ.

އެސްޓޯނިއާގެ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއަރޒްގެ ސެކްރެޓަރީ ޖެނެރަލް މިސްޓަރ ތޮނީސް ސާރް ދެއްކެވި ވާހަކަފުޅުގައި، އެކި ދާއިރާތަކުން ޑިޖިޓަލް ސިސްޓަމްތައް ތަންފީޒު ކުރުމުގައި އެސްޓޯނިއާއިން ކުރި ތަޖުރިބާތަކާއި ކުރިމަތިލި ގޮންޖެހުންތަކުގެ އިތުރުން، ވެރިކަން ހިންގުމާއި އާންމު ދިރިއުޅުމަށް އެކަންކަމުން ކުރުވި އަސަރުތައް ޙިއްސާކުރެއްވިއެވެ. އަދި ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން މަޤްޞަދުތައް ޙާޞިލުކުރުމުގައި އެސްޓޯނިއާގެ ތަޖުރިބާއާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު، އެސްޓޯނިއާގެ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒް އާއި ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާ ދެމެދު ވަނީ ފަހުމުނާމާއެއްގައި ސޮއިކުރައްވާފައެވެ.