ސިއްހަތު

އާސަންދައިން ނުލިބޭ ބައެއް ބޭސް އާސަންދަ ލިސްޓަށް އިތުރުކޮށްފި


ހުސްނުވާ އާސަންދައިގެ ގޮތުގައި ދިވެހިރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ލިބިދެއްވުމަށް ސަރުކާރުން ހިންގަވާ މަޝްރޫޢަކީ ދިވެހި ސަރުކާރުގެ ބަޖެޓުން ރައްޔިތުންނަށް ކޮންމެ އަހަރަކު އެތައްސަތޭކަ މިލިޔަން ރުފިޔާ ހޭދަކުރައްވާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން މާލެއާއި އަތޮޅުތަކާއި އަދި ރާއްޖެއިން ބޭރުގެ ބައެއް ޤައުމުތަކުގެ ބައެއް ހޮސްޕިޓަލްތަކުން ބޭސްވަރުވާކުރެވެއެވެ. އަދި ބޭސްސިޓީތަކަށް ހިލޭ ބޭސް ލިބެއެވެ.

އާސަންދައިގެ ދަށުން މިހާތަނަށް ދެހާހަށްވުރެ ގިނަ ބާވަތުގެ ބޭސް ދިވެހިރައްޔިތުންނަށް ހިލޭ ދެއްވަމުން ގެންދަވައެވެ. އެހެންނަމަވެސް، އާސަންދައިގެ ދަށުން ހިލޭ ދޫނުކުރައްވާ ބޭސް މަދު ޢަދަދަކަށް ހުރެއެވެ. އާސަންދައިގެ ދަށުން ހިލޭ ދޫކުރައްވާނެ ބޭސްތަކުގެ ލިސްޓެއް، ސަރުކާރުން އާސަނަދް ކުންފުނި މެދުވެރިކުރައްވައި ތައްޔާރުކުރައްވައި ބަލަހައްޓަވަމުން ގެންދަވައެވެ. މިލިސްޓަށް މިދިޔަ އަހަރު ވަނީ ބަދަލު ގެންނަވާފައެވެ. އަދި ހުސްނުވާ އާސަންދައިގެ ތަޖުރިބާއާއި އަދި ޢާންމުންގެ ބައެއް ފަރާތްތަކުން ލިބިވަޑައިގެންފައިވާ ޚިޔާލުތަކަށް ބައްލަވައި މި ލިސްޓަށް މިއަހަރު ގެންނަވާ ބަދަލުތަކެއް ކަނޑައަޅުއްވައި، އެ ނިންމުމަށް ޖުލައި 15 ގައި ޢަމަލުރައްވަން ފަށްޓަވާނެކަން މިހާރު ވަނީ ހާމަކުރައްވާފައެވެ.

ހުސްނުވާ އާސަންދައިން ބޭނުންކުރަމުން އައި ބޭހުގެ ލިސްޓަށް ބަދަލު ގެނައީ އާސަންދައިގެ ދަށުން ދޫކުރާ ބޭސްތައް ރައްޔިތުންނަށް މިހާރަށްވުރެ ފަސޭހަކަމާ އެކު ލިބުމާއި ޚިދުމަތްދޭ ފަރާތްތަކަށް ދިމާވާ ދަތިތައް ޙައްލު ކޮށްދިނުންކަމަށް އާސަންދަ ކޮމްޕެނީން ބުނެއެވެ.

ޕީއެސްއެމް ނިވްސްއަށް މަޢުލޫމާތު ދެއްވަމުން އާސަންދަ ކޮމްޕެނީ ލިމިޓެޑްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ އާމިނަތު ޒީނިޔާ ވިދާޅުވީ، އާސަންދައިގެ ބޭހުގެ ލިސްޓު އިޞްލާޙްކޮށް ނެރޭއިރު ބޭހުގެ ލިސްޓުގައި ކުރިން ހިމެނިފައި ނުވާ ބައެއް ބޭސްތައް އަދި ޚާއްޞަކޮށް ބޮޑެތި ބަލިތަކުގެ އަގުބޮޑު ބޭސް ހިމަނާފައިވާ ކަމަށެވެ. އޭގެތެރޭގައި ކިޑްނީ ޓްރާންސްޕްލާންޓް ހަދާފައިވާ ފަރާތްތަށް ބޭނުންވާ އިންޖެކްޝަނާއި، ކެންސަރު ބަލީގެ ފަރުވާހޯދާ ފަރާތްތަކަށް ބޭނުންވާ ބޭސްވެސް ހިމެނެއެވެ.

ޢާންމު ގޮތެއްގައި ބޭނުންކުރާ ގިނަ ބޭސްތައް އާސަންދައިގެ ދަށުން ލިބެން ހުންނާނެކަމަށް އާސަންދަ ކޮމްޕެނީން ފާހަގަކުރެއެވެ. ޒީނިޔާ ވިދާޅުވީ، ޑޮކްޓަރުން ލިޔެދެއްވާ ބައެއް ބޭސްތައް ބޭސްފިހާރަތަކުން، އާސަންދައިގެ ދަށުން ލިބެމުން ނުދާކަމުގެ ޝަކުވާ ލިބޭތީއާއި ބައެއް ފާރމަސީތަކުން ބޭސްތަށް ނުލިބޭތީ އެކަމުގެ ޝަކުވާ އެކުންފުންނަށް ހުށަހެޅޭކަމަށެވެ. އެހެންކަމުން އިޞްލާޙްކޮށް އަލަށް ނެރޭ ލިސްޓުގެ ސަބަބުން މިކަންކަމަށް ހެޔޮ ބަދަލެއް އަންނަނާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

އާސަންދައިން އަލަށް އެކުލަވާލާފައިވާ ބޭހުގެ ލިސްޓުގައި ތިންހާހަށްވުރެ ގިނަ ބްރޭންޑްގެ ބޭސް ހިމަނާފައިވާކަމަށް އާސަންދަ ކޮމްޕެނީން ހާމަކުރެއެވެ.