ޚަބަރު

ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާ: ޑޮލަރުން ލިބުނު އާމްދަނީ ފުރަތަމަ ފަހަރަށް 1 ބިލިޔަނަށްވުރެ އިތުރު


  • ޑޮލަރުން ލިބުނު އާމްދަނީގެ އިތުރުން، ދިވެހި ފައިސާއިން ލިބުނު އާމްދަނީވެސް ވަނީ އިތުރުވެފައި

މިދިޔަ އަހަރު ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ އެއް ބިލިޔަނަށްވުރެ އިތުރުވެއްޖެއެވެ.

މިއީ ދިވެހި ދައުލަތަށް މީލާދީ އަަހަރެއްގައި އެއް ބިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ފުރަތަމަ ފަހަރެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރު ޑޮލަރުން ލިބިނު އާމްދަނީ ވަނީ 1.06 ބިލިއަން ޑޮލަރަށް އަރާފައެވެ. 2023 ވަނަ އަހަރު މި އަދަދު ހުރީ 949.74 މިލިއަން ޑޮލަރުގައެވެ.

ޑޮލަރުން ލިބުނު އާމްދަނީ އިތުރުވެފައިވާއިރު ދިވެހި ރުފިޔާއިން ލިބުނު އަމްދަނީވެސް ވަނީ މިދިޔަ އަހަރު އިތުރުވެފައެެވެ. އެގޮތުން 2024 ވަނަ އަހަރު ދައުލަތަށް 11.50 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު 2023 ވަނަ އަހަރު ލިބިފައިވަނީ 10.27 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

ޑޮލަރާއި ރުފިޔާއިން ލިބުނު އާމްދަނީގެ ޖުމްލައަށް ބަލާއިރު 2024ވަނަ އަހަރު ޖުމްލަ 27.89 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. މިއީ 2023 ވަނަ އަހަރު ލިބުނު 24.84 ބިލިއަން ރުފިޔާއާ އަޅާބަލައިރު އިތުރު އާމްދަނީއެކެވެ.

މިދިޔަ އަހަރު ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ދަޢުލަތަށް ލިބިފައިވަނީ މަރޗް، ޑިސެމްބަރު، ޖެނުއަރީ، ސެޕްޓެމްބަރު އަދި ފެބްރުއަރީ މަހުއެވެ. މި މަސްތަކަކީ އާއްމުކޮށް ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ފަތުވެރިން އަންނަ މަސްތަކެކެވެ. މި މަސްތަކުގައި 100 މިލިއަން ޑޮލަރަށްވުރެ އިތުރު އާމްދަނީއެއް ދައުލަތަށް ވަނީ ލިބިފައެވެ.

ޑޮލަރުން ލިބުނު އާމްދަނީގެ ތަފްސީލް

  • ޖީއެސްޓީ: 619.9 މިލިއަން ޑޮލަރު
  • ޓުއަރިޒަމް ލޭންޑް ރެންޓް: 123.6 މިލިއަން ޑޮލަރު
  • ޑިޕާޗަރ ޓެކްސް: 72.3 މިލިއަން ޑޮލަރު
  • ގްރީން ޓެކްސް: 70 މިލިއަން ޑޮލަރު
  • އިންކަމް ޓެކްސް: 55.9 މިލިއަން ޑޮލަރ

މީލާދީ އަހަރެއްގެ ތެރޭގައި ދައުލަތަށް ފުރަތަމަ ފަހަރަށް އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައި މިވަނީ އާމްދަނީ އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. އާމްދަނީ އިތުރުކުރަށް އަޅުއްވާ ފިޔަވަޅުތަކުގެ އިތުރުން، ބޭރު ފައިސާގެ ރިޒާވްވެސް ހަރުދަނާ ކުރުމަށް ސަރުކާރުން ވަނީ މީގެކުރިން އަޅުއްވާފައި ނުވާފަދަ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެގޮތުން ޤާނޫނާއި ޤަވާއިދުތަކަށް ބަދަލު ގެނެސް، ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭރު ފައިސާގެ ވަކި އިންސައްތައެއް ރާއްޖޭގައި މާރުކުރުމަށް ވަނީ ލާޒިމްކޮށްފައެވެ.