އަމީނީ މަގުގެ އިސްކަންދަރު ކޮށި ހިމެނޭ ސަރަޙައްދުގެ މަގު މަރާމާތުކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީން ފަށައިފިއެވެ.
މިމަސައްކަތް އެކުންފުނިން ފަށައިފައިވަނީ މަގުގެ ތާރުގަނޑު ހަލާކުވެގެން އެކަމުގެ ޝަކުވާތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރަމުންދިޔަ މަސައްކަތުގެ ދަށުން ސެގްމަންޓް 11 އަދި 12 ގައި ހިމެނޭ ޣިޔާސުއްދީން ސްކޫލުން ފެށިގެން ކުރީގެ އިމާރާތްކުރުމާއި ބެހޭ ވުޒާރާއާއި ހަމައަށް ތާރުއެޅުމުގެ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުގައެވެ. އަދި މިމަސައްކަތް ޖެހިގެން އައި ދުވަހުގެ ރެއާއި ހިސާބަށް 11 ވަނަ ސެގްމަންޓާއި ހަމައަށް ތާރުއެޅުމުގެ މަސައްކަތް ނިމިފައިވާކަމަށް އޭރު އާރްޑީސީންވަނީ ވިދާޅުވެފައެވެ. މިމަސައްކަތް ކުރު މުއްދަތެއްގެތެރޭގައި ނިންމާ އޭރުވަނީ އައްމުންނަށް ހުޅުވާލާފައެވެ.
މަގުގެ ތާރު އަޅާ ނިންމާ، ހުޅުވާލިތާ އަހަރެއް ނުވަނީސް އަމީނީމަގުގެ އިސްކަންދަރު ކޮށްޓާ ދިމާލުންވަނީ ތާރުގަނޑު އަޑިގުޑަންވެ ބައެއް ހިސާބުތަކުން އުފުލިފައެވެ. މީގެ ސަބަބުން އެމަގުގައި އުޅަނދުތައް ދުއްވާ އެކި ފަރާތްތަކުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިހާރު އާރްޑީސީންވަނީ މަގު އަލުން މަރާމާތުކުރުމުގެ މަސައްކަތް ފަށާފައެވެ.
އަމީނީމަގު މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ތާރު އަޅާފައިވާ ހިސާބަށް ގެއްލުންވެފައި ވުމުގެ ސަބަބުން އެ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން.#TeamRDC pic.twitter.com/qeFcmZcVs9
— Road Development Corporation Ltd (@rdcmaldives) January 11, 2025
އާރްޑީސީން ވިދާޅުވީ އަމީނީމަގު މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ތާރު އަޅާފައިވާ ހިސާބަށް ގެއްލުންވެފައިވާތީ އެސަރަޙައްދު މަރާމާތުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި މަގު މަރާމާތުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާނީ ދިގުމުއްދަތަކަށް މަގުގެ ބޭނުން ކުރެވޭގޮތަށް ބަލައިގެންކަމަށެވެ. އެގޮތުން ތާރުއެޅުމުގެ ކުރިން އަޅަންޖެހޭ އެކި ފަށަލަތައްވެސް ރަނގަޅަށް ހެދުމަށްފަހު އަލުން ތާރުއަޅާ، ތާރު ހިކުމަށް ދޭންޖެހޭ ވަގުތު ދޭނެކަން އެކުންފުނިން ވިދާޅުވެއެވެ.
އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫޢުގެ ދަށުން މަގު ތަރައްޤީކޮށްފައިވަނީ 13 ސެގްމަންޓަކަށް މަގު ބަހާލައިގެންނެވެ. މިދިޔަ ދައުރުގެތެރޭގައި މަސައްކަތް ނިންމުމަށް އޭރު މަސައްކަތް ކުރިނަމަވެސް އަމީނީ މަގުގައި ކޮނެގެން ކުރަންހުރި ނެޓްވޯކްގެ މަސައްކަތްތައް ގިނަވުމާއި އަދި އެކަމުގައި ދިމާވި އެކި ގޮންޖެހުންތަކާއެކު މަސައްކަތް ތާވަލާ އެއްގޮތަށް ނިމިފައެއް ނުވެއެވެ. އަދި މަގުގެ ފަހު 2 ސެގްމަންޓްގެ މަސައްކަތް ނިންމާ އާއްމުންނަށް ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.
އަމީނީ މަގުގެ އެކި ސަރަޙައްދުތަކުގައި ފާހަގަކުރެވިފައިވާ އެކި މައްސަލަތައް ހައްލުކުރުމަށް މަގުގެ "އެއްކޮޅުން އަނެއްކޮޅަށް" ބަލައި ފާހަގަ ކުރެވޭ މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިންވަނީ ވިދާޅުވެފައެވެ.