ޚަބަރު

ކޭންގެ ޕެނަލްޓީން ބަޔާން މޮޅުވެ ހަތަރު ޕޮއިންޓުގެ ލީޑެއް ހޯދައިފި


ޖަރުމަނުގެ ބުންޑެސްލީގާގައި ރޭ ބޮރޫޝިއާ މޮންޗެންގްލަޑްބަކް އާއި ދެކޮޅަށް ބަޔާން މިއުނިކް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ބަޔާން މިއުނިކް ކާމިޔާބުކޮށް ތާވަލުގެ ކުރީގައި ހަތަރު ޕޮއިންޓުގެ ލީޑެއް ހޯދައިފި އެވެ.

ބަޔާން މިއުނިކް އިން މި މެޗު ކާމިޔާބުކުރުމާއެކު އެ ޓީމަށް ވަނީ މިހާތަނަށް ކުޅުނު 16 މެޗުން 39 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް ބަޔާ ލެވަކޫސަން އަށް 25 ޕޮއިންޓު ލިބިފައިވާއިރު ފްރެންކްފަރޓް އަށް ލިބިފައިވަނީ 30 ޕޮއިންޓެވެ.

ރަށުން ބޭރުގައި ބަޔާން މިއުނިކް ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ 68 ވަނަ މިނިޓުގައި ބަޔާން މިއުނިކަށް ލިބުނު ޕެނަލްޓީ އަކުން ހެރީ ކޭން ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. އެއީ ބަޔާންގެ މައިކަލް އޮލިސޭ އަށް ލޫކަސް އުލްރިޗް ފައުލް ކުރުމާއި ގުޅިގެން ރެފްރީ ދީފައިވާ ޕެނަލްޓީ އެކެވެ.

އުމުރުން 31 އަހަރުގެ ހެރީ ކޭން މި މެޗުގައި ކާމިޔާބުކޮށްދިން ލަނޑަކީ ލީގުގައި މި ސީޒަނުގައި އޭނާ ޖެހި 15 ވަނަ ލަނޑެވެ. އަދި މި ލަނޑާއެކު އޭނާ ވަނީ މި ސީޒަނުގައި ބުންޑެސްލީގާގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ވެފަ އެވެ.

ބުންޑެސްލީގާގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ބޮރޫޝިޔާ ޑޯޓްމަންޑާއި ދެކޮޅަށް ބަޔާ ލެވަކޫސަން ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން ލެވަކޫސަން ވަނީ މޮޅުވެފަ އެވެ.