އިނގިރޭސިވިލާތް، ވިލާތުގެ އިއްތިޙާދުން ބޭރުވުމަށް ނިންމި ނިންމުމާ ގުޅިގެން އެ އިއްތިޙާދުގެ ލީޑަރުން ބާއްވާ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމަރަން ބްރަސަލްސްއަށް ވަޑައިގެންފިއެވެ.
ކެމަރަން ވިދާޅުވީ އޭނާ ބްރަސްލްސްއަށް ވަޑައިގެންނެވުމުގެ ބޭނުމަކީ ވިލާތުގެ އިއްތިޙާދުން ބޭރުވުމަށް އިނގިރޭސި ރައްޔިތުން ނިންމި ނިންމުގެ ފަހަތުގައިވާ ސަބަބުތައް އެ އިއްތިޙާދުގެ ލީޑަރުންނަށް ސާފުކޮށްދެއްވުން ކަމަށެވެ. އެހެންކަމުން ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމުން އެ އިއްތިޙާދުގެ ޤައުމުތަކަށް ކުރާނެ ކަމަށްބެލެވޭ ސިޔާސީ އަދި އިޤްތިސާދީ އަސަރުތަކާ ބެހޭގޮތުން މި ސަމިޓްގައި ކުރުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަތުމުގެ ފުރުސަތު އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމަރަން އަށް ނޯންނާނެ ކަމަށް ޚަބަރުތައް ބުނެއެވެ.
އަނެއްކޮޅުން ވިލާތުގެ ޕާލަމެންޓުންވަނީ އެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމަށް ކުރަންޖެހޭ ގާނޫނީ އަދި އިދާރީ ކަންކަން އަވަހަށް ކުރުމަށް އިނގިރޭސިވިލާތަށް ގޮވާލާފައެވެ. ނަމަވެސް އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމަރަން ވަނީ ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމަށް ކުރަންޖެހޭ ކަންކަން ކުރަން ފެށޭނީ އަންނަ އޮކްޓޯބަރު ހިސާބުގައި ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.