ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ދެ ޖަލްސާއެއް މި މަހު ބާއްވަން ނިންމައިފިއެވެ. 
މި ޖަލްސާތައް ބާއްވަން ނިންމާފައިވާކަން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ ޕީއެސްއެމް ނިއުސްއަށް ކަށަވަރުކޮށްދެއްވާފައެވެ. 
މެންބަރު ފަލާހު ވިދާޅުވިގޮތުގައި ދައުރުން ބޭރުން ޖަލްސާ ބާއްވަން ނިންމާފައިވަނީ މި މަހުގެ 16 އަދި 20ގައެވެ. މި ޖަލްސާތައް ބާއްވަނީ މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރުމުގެ މަސައްކަތް ކުރުމަށާއި އިތުރު އެހެން ބައެއް މަސައްކަތްތައް ނިންމުމަށް ކަމަށް ފަލާހު ވިދާޅުވިއެވެ. 
ފަލާހު މިހެން ވިދާޅުވެފައިވާއިރު އިލެކްޝަންސް ކޮމިޝަނާއި ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރުން އައްޔަން ކުރެއްވުމުގެ މަސައްކަތް މަޖިލީހުގެ ދައުރު ނިމުނުއިރު އޮތީ ނުނިމިއެވެ. 
އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމުގެ މަގާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މެންބަރަކު އައްޔަންކުރަން ޖެހޭ އިރު، އަންނަ ދައުރު ނުފެށެނީސް އެ މުއްދަތު ހަމަވެއެވެ. އެހެންވެ އެ މަސައްކަތް ދައުރުން ބޭރުން ބާއްވާ ދެ ޖަލްސާގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. 
ރައްޔިތުންގެ މަޖިލީހުގެ 2024ގެ ފަހު ދައުރު ނިންމާލައި މަޖިލިސް މިހާރު އޮތީ ޗުއްޓީގައެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން މިއަހަރުގެ ފުރަތަމަ ދައުރު ފެށޭނީ އަންނަ ފެބްރުއަރީ މަހުގެ 6 ގައެވެ.