ރަޝިޔާއާއި ތުރުކީވިލާތުގެ ގޯސްވެފައިވާ ގުޅުންތައް ވަރަށް އަވަހަށް ރަނގަޅު ވެގެންދާނެ ކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ. އަންކަރާގައި ބޭއްވި ރޯދަ ވީއްލުމެއްގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ ދެޤައުމުގެ ދެމެދުގައިވާ މައްސަލަތައް ހައްލުކުރުމަށް ތުރުކީވިލާތުގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިފި ކަމަށާ ރަޝިޔާގެ ފަރާތުންވެސް މިއާއެއްވަރުގެ ފިޔަވަޅުތަކެއް އަޅާނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ.
އުރުދުޣާން މިމޭރުމުން ވާހަކަ ދެއްކެވީ ސޫރިޔާގެ މަތިން އުދުހެނިކޮށް މިދިޔަ އަހަރުގެ ފަހުކޮޅު ތުރުކީވިލާތުން ވައްޓާލި ރަޝިޔާގެ އަސްކަރީ މަތިންދާބޯޓުގެ މައްސަލާގައި މައާފަށް އެދިވަޑައިގެން ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕޫޓިން އަށް އުރުދުޣާން ސިޓީއެއް ފޮނުއްވާފައިވަނިކޮށެވެ. ރަޝިޔާގެ މަތިންދާބޯޓު ވައްޓާލި މައްސަލާގައި ރަޝިޔާއިން ވަނީ ތުރުކީވިލާތާ ގުޅުންތައް ކަނޑާލައި އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ބައެއް ފިޔަވަޅުތައްވެސް އަޅާފައެވެ. އަދި ގުޅުންތައް އަލުން ރަނގަޅު ކުރެވޭނީ މަތިންދާބޯޓު ވައްޓާލި މައްސަލާގައި ތުރުކީވިލާތުން މަޢާފަށް އެދުމުން ކަމަށްވެސް ރަޝިޔާއިން ބުނެފައިވެއެވެ.
ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިން އިން ހޯމަދުވަހުވަނީ ތުރުކީވިލާތުން ވައްޓާލި ރަޝިޔާގެ މަތިންދާބޯޓުގެ މައްސަލާގައި މައާފަށް އެދިވަޑައިގެން ރައީސް ވްލަޑިމިޔަރ ޕޫޓިން އަށް އުރުދުޣާން ސިޓީއެއް ފޮނުއްވިކަން ކަށަވަރުކޮށް ދީފައެވެ.