ޚަބަރު

ބަދަލުދިން މައްސަލާގައި ކުރީގެ ރައީސް ޞާލިހާއި ފައްޔާޒަށް ޖިނާޢީ ތަހުގީގެއް ހިންގަން މަޖިލީހުން ފާސްކޮށްފި


  • މިގޮތަށް ފާސްކޮށްފައިވަނީ 55 މެންބަރުންގެ ވޯޓުން

ކުރީ ސަރުކާރުގައި އުފެއްދެވި ސެޓަލްމަންޓް ކޮމިޓީން އެކި ފަރާތްތަކަށް ބަދަލު ދިން މައްސަލައިގެ ޖިނަޢީ ތަހުގީގެއް ހިންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ގޮތަށް މަޖިލީހުން ފާސްކޮށްފިއެވެ. މިގޮތަށް ފާސްކޮށްފައިވަނީ 55 މެންބަރުންގެ ވޯޓުންނެވެ.

މާލިއްޔަތު ކޮމިޓީން ފާސްކުރީ، ކުރީގެ ސަރުކާރުގެ ސެޓަލްމަންޓް ކޮމިޓީން ނިންމި ނިންމުމާ ގުޅިގެން، އެކި ފަރާތްތަކަށް ބަަދަލުދިން މައްސަލައިގައި އޭރު އޮތް އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ, އަދި އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާއިލާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ މިނިސްޓަރު ޢަލީ ޝިޔާމްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި ދައުވާކުރެވޭނަމަ އެކަން ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ލަފާ އެރުވުމަށެވެ.

އެ ކޮމިޓީގެ ނިންމުމުގައި ބުނެފައިވަނީ ދައުލަތުގެ އިސް މަޤާމެއްގައި ހުރެ, ޤާނޫނުއަސާސީއާއި ޤާނޫނުން މަތިކޮށްފައިވާ ވާޖިބުތަކާ ޚިލާފަށް, ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވެ, އެ ފައިސާއާއި މުދަލުގެ ޙައްގުވެރިން ފިޔަވައި އެހެން ފަރާތަކަށް ލިބިދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ތިން ބޭފުޅުންގެ މައްޗަށްވެސް ތުހުމަތު ކުރެވޭ ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރުމަށް ޕްރޮޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި ދެންނެވުމަށް ފެންނަ ކަމަށާއި, ދައުވާ ކުރެވޭ ވަރަށް ހެކި ލިބިއްޖެ ނަމަ ދަޢުވާ ކޮށްދިނުމަށް ދެންނެވުމަށްވެސް ކޮމިޓީން ވަނީ ނިންމާފައެވެ.

މީގެ އިތުރުން 2019 ވަނަ އަހަރުން 2023 ވަނަ އަހަރަށް ބަދަލު ދިނުމުގެ އުސޫލުގެ ދަށުން ސޮއިކޮށްފައިވާ އެއްބަސްވުންތަކަކީ އުފެދުމުގައި ވެސް ބާތިލް އެއްބަސްވުންތަކެއް ކަމުގައި ކޮމިޓީއަށް ފެންނަ ކަމަށާއި, އެ އެއްބަސްވުންތައް ބާތިލް ކުުރުމަށް ކުރަން ޖެހޭ އެންމެހާ ޤާނޫނީ ކަންކަން ކުރުމަށް ވަނީ ފާސްކޮށްފައެވެ. އަަދި މާލިއްޔަތު ޤާނޫނުން ބޭރުން އެއްވެސް ފަރާތަކަށް ބަދަލެއް ދީފައި ވޭތޯ ބަލައި, އެގޮތަށް ބަދަލުގެ ގޮތުގައި ދީފައިވާ އެއްޗެހި ދައުލަތަށް އަނބުރާ ހޯދުމަށް ބަންޑާރަ ނައިބަށާއި ކަމާ ގުޅުންހުރި އިދާރާތަކަށް އެންގުމަށްވެސް ވަނީ ފާސްކޮށްފައެވެ.

މި މައްސަލައާ ގުޅޭގޮތުން ކޮމިޓީގައި ވާހަކަދައްކަވަމުން ގިނަ މެންބަރުން ވަނީ މިއީ ވަކި މީހަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މައްސަލައެއް ނޫން ކަމަށާއި ކޮންމެ ބޭފުޅަކު ކުރިނަމަވެސް ދައުލަތުގެ ފައިސާ ނުޙައްގުން ބަޔަކަށް ދީފައިވާނަމަ އެކަން ބަލަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އަދި މި ސަރުކާރުން ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވާނަމަ އެ މައްސަލަވެސް ކޮމިޓީން ބަލާނެ ކަމަށް މެންބަރުން ވިދާޅުވިއެވެ.