ޚަބަރު

ޓޫރިސްޓް ފެސިލިޓީތަކުން ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފި


  • ރިސޯޓުތަކުން ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު ނުވަތަ އާމްދަނީގެ 20% މާރުކުރަން ކުރަންޖެހޭ

ޓޫރިސްޓް ފެސިލިޓީތަކުން ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލު ރައްޔިތުންގެ ފާސްކޮށްފިއެވެ.
މިބިލް މަޖިލީހުން ފާސްކުރީ ޖަލްސާގައި ބައިވެރިވި 56 މެންބަރުންގެ ވޯޓުންނެވެ.

ބޭރު ފައިސާއާ ބެހޭ ބިލުގައިވާ ގޮތުން ރާއްޖޭގެ ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން، ނުވަތަ އެ މަހެއްގެ ތެރޭގައި އެ ފަރާތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ %20 ބޭންކިން ނިޒާމުގެތެރެއިން މާރުކުރަންޖެހޭނެއެވެ. އަދި ރިސޯޓުތައް ފިޔަވައި، ރާއްޖޭގައި ހިންގާ ގެސްޓު ހައުސްތަކާއި، ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ އުޅަނދުތަކާއި އެނޫންވެސް ތަންތަނަށް އަންނަ ފަތުރުވެރިއަކަށް 25 ޑޮލަރު ނުވަތަ އެތަނަކަށް މީލާދީ މަހެއްގައި ލިބޭ ބޭރު ފައިސާގެ ޢާމްދަނީގެ %20 މާރުކުރަންޖެހޭނެއެވެ.

ބިލު ދިރާސާކުރުމަށް ބޭއްވި މާލިއްޔަތު ކޮމިޓީ ސިއްރުން ކުރިއަށްގެންދިޔައިރު ކޮމިޓީގައި ބޭރު ފައިސާއާ ބެހޭ ބިލު ފާސްކުރީ ބައެއް ބަދަލުތައް ގެނައުމަށްފަހުގައެވެ. އެގޮތުން ބޮޑު ދެ ބަދަލެއްގެ ގޮތުގައި ގެނައީ ޑޮލަރު މާރުކުރުމުން އިސްތިސްނާވާ އުމުރު 10 އަހަރުން 12 އަހަރަށް މަތިކުރުމާއި ރިސޯޓަކަށް މާލީ ދައްޗެއްވާނަމަ ރިސޯޓަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓަށްވުރެ މަދުން މާރުކުރަން އިޚުތިޔާރު ދިނުމުގެ ބަދަލެވެ.

މީގެ އިތުރުން ލުއި ދެވޭނީ އެކަން އެމްއެމްއޭއިން ކޭސް ރިވިއުކުރުމަށްފަހުކަމަށްވެސް ކޮމިޓީން ގެނައި އިސްލާހުގައި ވަނީ ހިމަނައިފައެވެ.

ރާއްޖެއަށް ދިމާވެފައިވާ ބޭރު ފައިސާގެ މައްސަލަ ހައްލުކުރުމަށް ޤައުމީ ވިސްނުމެއްގައި އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ބިލަށް ބަހުސް ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ ވިދާޅުވެފައެވެ.