ޕަބްލިކް ސަރވިސް މީޑިޔާގެ ޗެނެލްތަކުން ގެނެސްދިން ކޮންޓެންޓެއްގައި ކީރިތި ޤުރުއާންގެ ބައެއް އުނިވެފައިވާތީ، އެކަމަށް ކުންފުނީގެ ފަރާތުން، އެކަމަށް މައާފަށްއެދޭކަމަށް ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ޗެނެލްތަކުން ގެނެސްދިން ކޮންޓެންޓެއްގައި، ކީރިތި ޤުރުއާންގެ ބައެއް އުނިވެފައިވާތީ، އެކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކުންފުނީގެ އިސް މުވައްޒަފުން ހިމެނޭ ކޮމިޓީއަކުން ބަލާފައިވާކަމަށް ކުންފުނިންވަނީ ބުނެފައެވެ.
މިކަމާއި ގުޅޭގޮތުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، ޕީއެސްއެމްގެ ޗެނެލްތަކުން ގެނެސްދިން ކޮންޓެންޓެއްގައި ކީރިތި ޤުރުއާނުގެ ބައެއް އުނިވެފައިވަނީ، އެޑިޓްކުރުމުގެ ސަބަބުންނޫންކަމަށެވެ. އަދި އެފަދަ ކަމެއް ދުވަހަކުވެސް ޕީއެސްއެމްއިން ނުކުރާނެކަމުގެ ޔަޤީންކަން މެނޭޖިންގ ޑިރެކްޓަރ ދެއްވިއެވެ. އަދި އެހެން އެކަން ދިމާވީ، ކޮންޓެންޓް، އެއް ކޮންޓްރޯލް ރޫމުން އަނެއް ކޮންޓްރޯލް ރޫމަށް ބަދަލުކުރުމުގެ ތެރޭގައިކަމަށް ޕީއެސްއެމްގެ އެމްޑީ ވިދާޅުވެފައެވެ.
"ލައިވްކޮށް ގެނެސްދޭ ޕްރޮގްރާމެއްގެ ސިގްނަލް، އެއް ކޮންޓްރޯލް ރޫމުން، އަނެއް ކޮންޓްރޯލް ރޫމަށް ބަދަލުކުރުމަކީ، ޢާއްމުގޮތެއްގައި ކުރާކަމެއް. އެހެންނަމަވެސް، އެފަދަ ހާލަތްތަކުގައި ސިގްނަލް ބަދަލުކުރަނީ، މީހަކު ވާހަކަ ދައްކާ ގަޑިއެއްގައި ނޫން. އެހެންނަމަވެސް، މި ދެންނެވި ކޮންޓެންޓް، އެއް ކޮންޓްރޯލް ރޫމުން އަނެއް ކޮންޓްރޯލް ރޫމަށް ބަދަލުކުރެވުނީ، ކީރިތި ޤުރުއާން ކިޔަވަމުން ދަނިކޮށް." ޕީއެސްއެމްގެ އެމްޑީ ވިދާޅުވިއެވެ.
ޕީއެސްއެމްގެ ޗެނެލްތަކުން ގެނެސްދިން ކޮންޓެންޓެއްގައި ކީރިތި ޤުރުއާންގެ ބައެއް އުނިވެފައިވާތީ، އެކަން ބަލައި އެވަގުތު ކޮންޓްރޯލް ރޫމްގައި ތިބި މުވައްޒަފުން މިހާރު އެމީހުންގެ މަސައްކަތުން އެކަހެރިކުރެވިފައިކަމަށް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައީދު ވިދާޅުވިއެވެ. އަދި ޕަބްލިކް ސަރވިސް މީޑިޔާގެ ޗެނަލްތަކުން ގެނެސްދިން ކޮންޓެންޓެއްގައި ކީރިތި ޤުރުއާނުގެ ބައެއް އުނިވެފައިވަނީ، އެޑިޓްކުރުމުގެ ސަބަބުންތޯ ބައްލަވައިދެއްވުން އެދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް މިހާރު ސިޓީއެއް ފޮނުވާފައިވާނެކަމަށް އެމްޑީ ވިދާޅުވިއެވެ.
ޕީއެސްއެމްއިން ލައިވްކޮށް ގެނެސްދިން ކޮންޓެންޓެއްގެ ޓެކްނިކަލް މައްސަލައެއްގައި ކީރިތި ޤުރުއާންގެ ބައެއް އުނިވެފައިވާތީ އެފަދަ ކަމެއް ތަކުރާރުނުވާނެގޮތެއްގެ މަތިން ކަންކަން އިންތިޒާމް ކުރަމުންގެންދާކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.