އިރާޤުގައިވާ އައިއެސް ޖަމާއަތުގެ މައި މަރުކަޒުކަމަށްވާ ފަލޫޖާ މިނިވަން ކުރުމަށް އިރާޤު ސިފައިން ކުރިޔަށްގެންދާ އަސްކަރީ އޮޕަރޭޝަނާއި ގުޅިގެން އެރަށުން ފައިބަމުންދާ ޢާއްމުންނާއިމެދު އިރާޤު ސިފައިން އިހާނާތްތެރިކޮށް އަމަލު ކުރަމުން ގެންދާކަމަށް އދ.އިން ތުހުމަތުކޮށްފިއެވެ.
އދ.ގެ ތަރުޖަމާނަކު ވިދާޅުވީ ފަލޫޖާއިން ނުކުންނަމުންދާ ޢާއްމުން ބަލައި ފާސްކުރުމަށް އިރާޤު ސިފައިން ހިންގާ އަމަލުތަކުގައި އިންސާނީ ހައްޤުތަކަށް އަރައިގަންނަމުންދާ ކަމަށާއި އެކަމުގެ ސަބަބުން އޭގެ ތެރެއިން ބައެއްމީހުން މަރުވަމުންދާކަމަށެވެ. އަދި ފަލޫޖާ ދޫކޮށް ދާ ރެފިއުޖީންނަށް އިންސާނީ އެހީ ފޯރުކޮށްދޭނެ ވަޞީލަތްތައްވެސް އިރާޤު ސިފައިން އެކަށީގެންވާ ގޮތެއްގައި ޤާއިމްކޮށްފައިނުވާ ކަމަށާއި ނަތީޖާއެއްގެ ގޮތުން ގިނަބަޔަކު ހައިހޫނުކަމާއި ބަލިމަޑުކަން ތަހައްމަލް ކުރަންޖެހިފައިވާ ކަމަށްވެސް އދ.އިން ބުނެއެވެ.
ފަލޫޖާގައި އައިއެސްގެ ހަނގުރާމަވެރިން ފައިހަރުކޮށްލައިގެން ތިބި އެންމެ އެތެރޭގެ އަވަށްތަކަށްވެސް އިރާޤުގެ ލަޝްކަރުތައް މިހާރުވަނީ ވަދެފައެވެ. ނަމަވެސް އިރާޤު ސިފައިންނަށް އަދިވެސް މިނިވަން ކުރެވިފައިވަނީ ފަލޫޖާގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ބިން ކަމަށާއި ފަލޫޖާގެ އެތަށް ސަރަހައްދެއްގައި އައިއެސްގެ ހަނގުރާމަވެރިން އަދިވެސް ފިލައި އެބަތިބިކަމަށް ޤަބޫލްކުރެވެއެވެ.