ޒުވާނުންނަކީ ހުނަރުވެރި ބަޔަކަށް ހެދުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގައި ޢަމަލާއި ބަހުން ޝާމިލްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސެއިން މުޙައްމަދު ލަތީފް ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހުރަވީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ދިވެހިރާއްޖެ މިނިވަން ޤައުމެއްގެ ގޮތުގައި މިއަދު ދެމިއޮތީ ޤައުމުގެ މިނިވަންކަމަށްޓަކައި ޖިހާދުކުރެއްވި އަބްޠާލުންގެ ސަބަބުން ކަމަށެވެ. ނަމަވެސް ޒަމާން ބަދަލުވެ ހަނގުރާމަ ކުރާ ގޮތްތައްވެސް މިއަދު ބަދަލުވެފައިވާ ކަމަށެވެ. އެގޮތުން ކަނޑިއާއި ބަޑިއާއި ލޮންސި ބޭނުންކޮށްގެން ހަނގުރާ ކުރުމުގެ އިތުރަށް މިއަދު ފިކުރީ ނުވަތަ ހައިބްރިޑް ހަނގުރާމައެއް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މިފަދަ އުކުޅުތަކުން ޤައުމުތައް ސުންނާފަތި ކުރަމުންދާއިރު، އިންޓަނެޓުގެ ޒަރީއްޔާއިންވެސް ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމުގެ މަސައްކަތް ކުރެވޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިއީ ސިޔާސީ ހަލަބޮލިކަން އިތުރުކޮށް ސަޤާފީ ނުފޫޒުގެ ތެރެއިން ޤައުމިއްޔާތާއި، އިޤްތިޞާދީ ތަޞައްވުރުތަކާއި ތޮޅުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
މިއާއެކު މިއަދު އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހެނީ މިފަދަ ވިސްނުންތަކުން ދިފާޢުވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
" މިއަދު ހައިބްރިޑް ހަނގުރާމައިން ދަފާރާވުމަށް ކުރަންޖެހިފައިވާ ވަރަށް ގިނަ ކަންކަން އެބަހުރި. ސައިބަރ ރައްކާތެރިކުރުމުގެ ތަމްރީނުުތައް ދީ ނުރައްކާތައް ދެނެގަތުމުގެ އުކުޅުތައް ދަސްކޮށްދޭން އެބަޖެހޭ. އެކިގޮތްގޮތުން ފެތުރޭ މަޢުލޫމާތާއި ދެކޮޅަށް މަސައްކަތް ކުރަން މިއަދު މިވަނީ މަޖުބޫރުވެފައި. " ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ މުޖްތަމައުގެ ދުޅަހެޔޮކަމަށް ރައީސުލްޖުމްހޫރިއްޔާ ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ޤައުމުގެ މަސްހަލަތައްޓަކައި އެކި ފަރާތްތަކާއެކު ވަރަށް ގާތް ގުޅުމެއް ރައީސުލްޖުމްހޫރިއްޔާ ބާއްވަމުން އަންނަކަމަށް ވިދާޅުވިއެވެ. އަދި ޤައުމުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކޮށް ސުލްޙަވެރި ޤައުމެއްގެ ގޮތުގައި ބޭއްވުމަށް އެމަނިކުފާނުގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރައްވަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
މިކަމުގައި ޒުވާނުންގެ މުހިންމު ދައުރެއް އޮތްކަން ފާހަގަކުރައްވާ ނައިބު ރައީސްވަނީ މިއަދުގެ ޒުވާން ޖީލަކީ ނަމޫނާ ޖީލަކަށްވުމަށް ގޮވާލައްވާފައެވެ. އަދި ދޮންބަންޑާރައިން ފަދަ އަބްޠާލުންނަށް މިއަދު ޝުކުރު އަދާކުރެވޭނީ ޒުވާނުންނަކީ ފަންނީ ގޮތުން ހުނަރުވެރި ބަޔަކަށް ހެދުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ޝާމިލްވެގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި ޝުކުރު އޭގެ ހަޤީޤީ މާނައިގައި އަދުގެ ޒުވާނުން އަދާކުރިކަމުގައި އަޅުގަނޑު ދެކެނީ، ޒުވާނުންނަކީ ފަންނީ ގޮތުން ހުނަރުވެރި ބަޔަކަށް ވާން އަދުގެ ސަރުކާރުން ކުރައްވާ މުހިންމު މަސައްކަތްތަކުގައި އަމަލާއި ބަހުން ޝާމިލްކޮށްގެން. ޤައުމީ ތަރައްޤީއަށް ބޭނުންވާ ލަނޑުދަނޑިތައް ހާސިލްކޮށްގެން. ދުނިޔެ އަދު ކުރިމަތިލާފައިވާ ހައިބްރިޑް ހަނގުރާމައިގެ ހުނަރުތައް އަދުގެ ޒުވާނުން ދަސްކުރަން އަޅުގަނޑު ގޮވާލަން." ރައީސުލްޖުމްހޫރިއްޔާ ނައިބު ވިދާޅުވިއެވެ.
21 ވަނަ ގަރުނުގެ ތަހުޒީބާއި ތަމައްދުން ކޮންމެ މީހަކުވެސް ދަސްކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވިއެވެ.