މިއަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު، އޮކްޓޯބަރ މަހު މުދަލާއި ޚިދުމަތުގެ އަގު %0.16 ދަށްވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް ސްޓެޓިސްޓިކް ބިއުރޯގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އެންމެ ބޮޑަށް އަގު ދަށްވެފައިވަނީ ކަރަންޓުންނެވެ. އެގޮތުން ގޭބީސީތަކުގެ ކަރަންޓް ބިލުން %2.64 ވަނީ ދަށްވެފައެވެ.
މީގެއިތުރުން މޭވާއާއި ތަރުކާރީގެ އަގުވެސް ވަނީ ދަށްވެފައެވެ. އެގޮތުން ތަރުކާރީގެ ބާވަތްތަކުގެ އަގުތައް %3.91 އަދި މޭވާގެ ބާވަތްތަކުގެ އަގުތައް %1 ދަށްވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މޭވާއާއި ތަރުކާރީގެ ބާވަތްތައް ފިޔަވައި ކެއުމަށް ބޭނުންކުރާ އެހެނިހެން ބާވަތްތަކުގެ އަގުތައްވެސް މިއަހަރުގެ ސެޕްޓެމްބަރ މަހާއި އަޅާބަލާއިރު އޮކްޓޯބަރ މަހުގެ ތެރޭގައި ވަނީ ދަށްވެފައެވެ. އެއީ %0.44 އެވެ. ކެއުމަށް ބޭނުންކުރާ ބާވަތްތަކުގެ އަގު އޮކްޓޯބަރު މަހު ދަށްވެފައިވާއިރު އަގު އެންމެ ބޮޑަށް ދަށްވެފައިވާ ބާވަތްތަކުގެ ތެރޭގައި ފިޔާ، ލުނބޯ، ލޮނުމެދު، ގިތެޔޮ މިރުސް، ކެރެޓް ފަދަ އާންމުކޮށް ބޭނުންކުރާ ބާވަތްތައް ހިމެނެއެވެ.
މޯލްޑިވްސް ސްޓެޓިސްޓިކް ބިއުރޯގެ ތަފާސްހިސާބުތައް ދައްކާގޮތުން އަގު އެންމެ ބޮޑަށް އުފުލިފައިވަނީ މުވާސަލާތީ ޚިދުމަތްތަކުންނެވެ. އެގޮތުން މުވާސަލާތީ ޚިދުމަތްތަކުގެ އަގުތައް ވަނީ %2.88އަށް އިތުރުވެފައެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ވަނީ، 2025 ވަނަ އަހަރުން ފެށިގެން ސަބްސިޑީ ނިޒާމަށް ގެނައުމަށް ރާވާފައިވާ ބަދަލުތަކާއެކު އަންނަ އަހަރު ރާއްޖޭގެ ބާޒާރުގައި އިންފްލޭޝަން ރޭޓު ހުންނާނެކަމަށް ބެލެވެނީ %3.9 ގައިކަމެވެ. މި ސިޔާސަތުތައް ތަންފީޒްނުކުރާނަމަ އިންފްލޭޝަން ރޭޓު ހުންނާނެކަމަށް ބެލެވެނީ %0.8 ގައިކަމަށްވެސް ބަޖެޓް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައިވެއެވެ.