ޚަބަރު

މިއަހަރުގެ އަމާޒާ ގާތަށް، 1.8 މިލިޔަން ފަތުރުވެރިން ރާއްޖެ އައިސްފި


  • މިހާތަނަށް 1.8 މިލިއަން ފަތުރުވެރިން ވަނީ އައިސްފައި

  • އެވްރެޖުކޮށް ދުވާލަކު 5485 ފަތުރުވެރިން އާދޭ

މިއަހަރުގެ ނޮވެމްބަރ މަހު ރާއްޖެއަށް 172،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައްކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު %5.7 އިތުރު ޢަދަދެކެވެ.

ސަރުކާރުން އަމާޒުހިފާފައިވަނީ މިއަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. އަހަރުގެ 11 މަސް ނިމުނުއިރު ރާއްޖެއަށް އައިސްފައިވަނީ 1،837،633 ފަތުރުވެރިންނެވެ. ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ނޮވެމްބަރު މަހު އެކަނިވެސް ރާއްޖެއަށް 172،985 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 163،658 ފަތުރުވެރިންނެވެ.

އެހެންކަމުން ޑިސެމްބަރު މަހު ރާއްޖެއަށް 162،367 ފަތުރުވެރިން އައުމުން ސަރުކާރުން މިއަހަރަށް ހިފާފައިވާ އަމާޒު ޙާސިލުވާނެއެވެ. އެވްރެޖްކޮށް މިހާރު މަހެއްގެ މައްޗަށް މިއަށްވުރެ އިތުރަށްވެސް ރާއްޖެއަށް ފަތުރުވެރިން އާދެއެވެ.

ވަކިވަކި މަސްމަހު ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދު:

* ޖަނަވަރީ: 192،385 ފަތުރުވެރިން
* ފެބްރުއަރީ: 217،398 ފަތުރުވެރިން
* މާރޗް: 194،227 ފަތުރުވެރިން
* އޭޕްރީލް: 168،366 ފަތުރުވެރިން
* މެއި: 119،875 ފަތުރުވެރިން
* ޖޫން: 123،284 ފަތުރުވެރިން
* ޖުލައި: 167،528 ފަތުރުވެރިން
* އޮގަސްޓް: 176،175 ފަތުރުވެރިން
* ސެޕްޓެމްބަރ: 132،795 ފަތުރުވެރިން
* އޮކްޓޯބަރ: 172،621 ފަތުރުވެރިން
* ނޮވެމްބަރ: 172،985 ފަތުރުވެރިން

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ 11 މަސްދުވަހު ރާއްޖޭގެ ފަތުރުވެރިކަން ވަނީ %9.1 ކުރިއެރުމެއް ހޯދާފައެވެ. އަދި މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 5485 ފަތުރުވެރިން އާދެއެވެ.

ސަރުކާރުން ލަފާކުރައްވަފައިވަނީ އަންނަ އަހަރު ރާއްޖެއަށް 2.2 މިލިޔަން ފަތުރުވެރިން އަންނާނެކަމަށެވެ.