ޚަބަރު

"ރާއްޖޭގައި ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވިގެންދާނީ ސަރަހައްދުތަކަކަށް ބަހާލައިގެން"


މުސްތަގުބަލުގައި ރާއްޖޭގައި ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވިގެންދާނީ މުޅި ރާއްޖެ ސަރަހައްދުތަކަކަށް ބަހާލައި، ހައިޕާފޯމަންސް ސެންޓަރުތަކެއް ގާއިމުކުރެވިގެން ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ 52 ހަފުތާގައި ހާސިލުކުރެވުނު ނަތީޖާތަކާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އިން ގެނެސްދިން ޚާއްސަ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ އެކި ސަރަހައްދުތަކުގައި ބޭއްވޭ މުބާރާތްތަކުގެ އެހީގައި ހައިޕާފޯމަންސް ސެންޓަރުތައް ބޭނުންކޮށްގެން މެޑެލް ހޯދާނެ އެތުލީޓުންނާއި، ފެންވަރު ހުރި އެތުލީޓުން ދެނެގަނެވޭނެ ކަމަށެވެ. އަދި އެފަދަ އެތުލީޓުންނަށް އޭރު ޚަރަދަކުރެވިގެންދާ ގައުމީ ކުޅިވަރު ފަންޑުން ކަމަށްވެސް ވިދާޅުވިއެވެ.

"އެސޯސިއޭޝަންތަކަށް ކޯޗުން ގެންނާނީތޯ ނުވަތަ ބޭރަށް ގޮސް ތަމްރީނުކުރާނީތޯ. އަދި އެހެނިހެން ޚަރަދުތައް ކުރާނީ ސްޕޯޓްސް ފަންޑުން" ރާފިޢު ވިދާޅުވިއެވެ.

ހައިޕާފޯމަންސް ސެންޓަރުތައް ހެދުމަށް އަންނަ އަހަރު ބަޖެޓުކުރެވިފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އޭގެ ބޭނުމަކީ ކުޅިވަރު ދަށްނުވާނެ ގޮތަށް ލެވެލްތައް ކަނޑައެޅި، އޭގެތެރެއިން އެތުލީޓުންގެ ފިންޓްނަސް ލެވެލް އާއި ނެޝަނަލް އެތުލީޓެއްގެ ފިޓްނަސް ހުންނަންވާ ލެވެލް ކަނޑައެޅިގެންދިޔުން ކަމަށެވެ. އަދި މި ވަގުތު ރާއްޖެއަށް މިކަހަލަ ނިޒާމެއް މުހިންމު ކަމަށާއި، އޮލިމްޕިކް ސައިޒުގެ ސްވިމިން ޕޫލެއް ރާއްޖޭގައި ގާއިމުކުރުމާއި، ޓެނިސް ކޮމްޕްލެކްސް ގާއިމުކުރުމުގެ މަސައްކަތަކީ މި އަހަރު މި އަމާޒަށް ވާސިލުވުމަށް ފެށުނު އެންމެ ބޮޑު ދެ މަސައްކަތް ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު ވަނީ މި ޕްރޮގްރާމުގައި ރާއްޖޭގައި ސަރަަހައްދީ ކުޅިވަރުގެ ހަރަކާތްތައް އޮންނަންޖެހޭ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ސަރަހައްދީ ގޭމްސްތަކާއި މުބާރާތްތައްވެސް އޮންނަން ޖެހޭ ކަމަށާއި، އެކަން ބަދަލުކުރެވޭނީ ގާނޫނާނަށް ގެންނަން ޖެހޭ ބަދަލެއް ގެނެސްގެން، ސަރަހައްދީ އޮތޯރިޓީތައް އުފެދިގެން ކަމަށްވެސް ވިދާޅުވިއެވެ.

"ރީޖަނަލް އޮތޯރިޓީ ފޯމްކުރީމައި އޭގެ މާނައަކީ ބޮޑީއެއް އެ ފޯމްކުރެވެނީއޭ. މިސާލަކަށް ނޯތު، ސެންޓްރަލް، ސައުތު އެ ބޮޑީއެއްގެ ހިމެނޭނެ އެކްޓިވިޓީސްތަކުގައި ޝާމިލުވާ ސްޓޭކް ހޯލްޑަރުން." ރާފިޢު ވިދާޅުވިއެވެ.

މަދުރުސަތާކުގެ ކުދިންގެ މެދުގައި ފަހަކަށް އައިސް މުބާރާތް ބޭއްވޭ އަދަދު އިތުރުކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެފަދަ މުބާރާތްތައް ބޭއްވެންވާނީ ތައުލީމާ ބެހޭ ވުޒާރާއާ މަޝްވަރާކުރެވިގެން، އެކެޑަމިކް ކަލަންޑަރަށް ބެލުމަށްފަހު ކަމަށެވެ.