ޚަބަރު

ސިޓީއަށް ކުރިމަތިވެފައިވާ ކަންތަކުން އަރައިގަނެވޭނެ – ގަޑިއޯލާ


މެންޗެސްޓަރ ސިޓީ އަށް މިހާރު ކުރިމަތިވެފައިވާ ކަންތައްތަކުން އަރައިގަނެވޭނެ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގަޑިއޯލާ ބުނެފި އެވެ.

ޕްރިމިއާ ލީގުގައި މާދަމާ ލިވަޕޫލް އާއި ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ގަޑިއޯލާ ބުނެފައިވަނީ އެ ޓީމު މިހާރު އޮތް ހާލަތުން ލީގު ހޯދުމުގެ ވިސްނުން ގެންގުޅުމުގެ ކުރިން ޓީމަށް މިހާރު ކުރިމަތިވެފައިވާ ކަންތައްތަކުން އަރައިގެން އަލުން އަނބުރާ މެޗުތަކުން މޮޅުވުމުގެ ވިސްނުމަށް ފޯކަސް ކުރަން ޖެހޭ ކަމަށެވެ.

މެންޗެސްޓަރ ސިޓީ އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ. އަދި ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފްތާގައި ފެނޫޑާއި ދެކޮޅަށް ކުޅުނު މެޗުގައި 3-0 ގެ ނަތީޖާ އަކުން ކުރީގައި އޮއްވާ ފެނޫޑް އިން ވަނީ ފަހަތުން އަރާ ތިން ލަނޑު ޖަހައިގެން މެޗު އެއްވަރުކޮށްފަ އެވެ.

ޕެޕް ގަޑިއޯލާގެ ކޯޗިން ހަޔާތުގައި މިހާތަނަށް ޖެހިޖެހިގެން ފަސް މެޗުން ބަލިވެފައިނުވާއިރު, މާދަމާ ލިވަޕޫލް އަތުން އެ ޓީމު ބަލިވެއްޖެ ނަމަ ލިވަޕޫލް އާއި ސިޓީ އާއި ދެމެދުވާ ފަރަގު 11 ޕޮއިންޓަށް އިތުރުވެގެންދާނެ އެވެ.

ގަޑިއޯލާ އިތުރަށް ބުނެފައިވަނީ ކޯޗެއްގެ ގޮތުގައި ގިނަ ދުވަސް ހޭދަކުރާއިރު މި ހުރިހާ ކަމަކާއި ކުރިމަތިލާން ޖެހޭނެ ކަމަށާއި އަދި މިކަމުން އަރައިގެންވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ކުޅުންތެރިން ފިޓްކޮށްތި ރަގަޅު ޓީމެއް އޮންނައިރު މެޗުތަކުން މޮޅުވާނެ ކަމަށާއި އަދި އެއީ ވަރަށް ފަސޭހަ ކަމެއް ކަމަށެވެ.

ނަމަވެސް ސިޓީ އަށް މިހާރު ކުރިމަތިވެފައިވާ ކަންތަކުގެ ޒިންމާ އޭނާ ނަގާ ކަމަށާއި އަދި މިކަމުން ޓީމަށް އަރައިގަނެވޭނެ ކަމަށްވެސް ގަޑިއޯލާ ވަނީ ބުނެފަ އެވެ. އޭނާ އިތުރަށް ބުނެފައިވަނީ ސިޓީ އަކީ މެޗުތަކުން މޮޅުވާން ބޭނުންވާ ޓީމެއް ކަމަށާއި އަދި އެކަންތައް އެ ގޮތަށް ނުދާނަމަ ކަންތައްތައް ބަދަލުވާނެ ކަމަށެވެ.