ޚަބަރު

ސާފިން ސްޓޭޑިއަމް ހަދަން ބްރިޖް ވިއު ޕްލެޓްފޯމް ރޫޅާލަނީ


ބައިނަލްއަގުވާމީ ފެންވަރަށް މުބާރާތްތައް ބޭއްވޭ ގޮތަށް މާލޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދު އަލުން ތަރައްގީކުރުމަށް ބްރިޖް ވިއު ޕްލެޓްފޯމް ރޫޅާލުމުގެ މަސައްކަތް ފަށައިފިއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި ރާޅުގަނޑު ސަރަހައްދުގެ މަސައްކަތް ތާވަލާ އެއްގޮތަށް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، އެ މަސައްކަތް ނުފެށި ލަސްވެގެން ދިޔައީ ރާއްޖޭގެ މޫދު ކުޅިވަރުތަކުގެ ސީޒަން ނިމުމުން މަސައްކަތް ފަށަން ހަމަޖެހިފަވާތީ ކަމަށެވެ. މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަނާއި މޯލްޑިވްސް ސާފިން އެސޯސިއޭޝަނުގެ ގިނަ މުބާރާތްތައް ބާއްވަނީ އެ ސަރަހައްދުގައެވެ.

ސަރުކާރުގެ 52 ހަފުތާގައި ހާސިލުކުރެވުނު ނަތީޖާތަކާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އިން ގެނެސްދިން ޚާއްސަ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވަނީ ރާއްޖޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ސާފިން އެރީނާއެއް އަންނަ އަހަރުގެ ތެރޭގައި ގާއިމުކުރެވިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އެއާއެކު ރާއްޖޭގައި ބައިނަލްއުގަވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވުމަކީ އަމާޒެއް ކަމަށްވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި ވަކިން ޚާއްސަކޮށް ސާފިން އެރީނާއެއް ގާއިމުކުރުމަކީވެސް އެމަނިކުފާނުގެ ވައުދުފުޅެކެވެ.

ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު މަސައްކަތް ނިންމައި، ސާފިން އެރީނާ އެސޯސިއޭޝަނާ ހަވާލުކުރުމެވެ. ރާއްޖޭގައި މި ފަހުން ވަނީ ސާފިން އަދި ބޮޑީބޯޑިންގެ ބައިނަލްއަގުވާމީ ގިނަ މުބާރަތްތަކެއް ބާއްވާފައެވެ. އަދި އެންމެ ފަހުން އެ ސަރަހައްދުގައި ބޭއްވުނީ މި މަހުގެ ކުރީކޮޅު ބޭއްވި ގައުމީ ބޮޑީބޯޑިން ލީގުގެ ބަނޑުފިލާ ޗެލެންޖެވެ.