ޚަބަރު

ޒަކާތު ފަންޑުން ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމަށް އެއް އަހަރުތެރޭ 8 މިލިޔަނަށްވުރެ ގިނަ ރުފިޔާ


  • މިއަހަރު އެކަނި 14 ކުށްޖަކު ބޯން މެރޯ ހެދުމަށް ފޮނުވިފައިވޭ

  • މިހާރުވެސް 5 ކުށްޖަކު ދަނީ ބޯންމެރޯ ހަދަމުން

މިއަހަރުތެރޭ ޒަކާތު ފަންޑުން ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމަށް 8 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އެންސްޕާއިން ހާމަކުރައްވައިފިއެވެ.

އެންސްޕާއިން މިކަން ހާމަކުރެއްވީ އެއިދާރާއިން ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައެވެ.

އެންސްޕާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ތެލެސީމިއާ ބަލި ތަޙައްމަލް ކުރަމުންދާ 14 ކުށްޖަކުވަނީ ޒަކާތު ފަންޑުގެ ޚަރަދުގައި މިއަހަރު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފޮނުވާފައެވެ. މީގެ ތެރެއިން ބައެއް ކުދިންގެ ފަރުވާ ކުރިއަށްދާއިރު އަނެއްބައި ކުދިންވަނީ ފަރުވާ އެއްކޮށް ނިމިފައެވެ.

މިއަހަރު އެކި ދުވަސްވަރު 14 ކުށްޖަކު ބޯންމެރޯ ހެދުމަށް ފޮނުވާފައިވާއިރު، އޭގެ ތެރެއިން އެއް ކުއްޖަކު ނިޔާވެފައިވާ ކަމަށް މޯލްޑިވިއަން ބްލަޑް ސާވިސަސްއިން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. ބާކީތިބި ކުދިންގެ ތެރެއިން މިއަހަރުގެ މިހާތަނަށް 8 ކުއްޖެއްގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހަދާފައެވެ. އަދި މިވަގުތުވެސް 5 ކުއްޖަކު ބޯންމެރޯ ހަދަމުންދާ ކަމަށް އެންސްޕާގެ ތަފާސްހިސާބުތައް ދައްކައެވެ.

މިއާއެކު މިވީ އެއް އަހަރުތެރޭ ބޯންމެރޯ ހެދުމަށް ޒަކާތު ފަންޑުންވަނީ 8،033،646.37 ރުފިޔާ ޚަރަދުވެފައިވާ ކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ޒަކާތު ފަންޑުގެ އެހީގައި ކޮންމެ އަހަރަކު 10 ކުދިން، ބޯންމެރޯ ހެދުމަށް ފޮނުވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މީގެތެރެއިން އަންނަ އަހަރު ފޮނުވާ 10 ކުދިން ކަނޑައެޅުމުގެ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ. އެގޮތުން ބޯންމެރޯ ހަދަން ހުށައެޅި ކުދިންގެ ތެރެއިން، ސިއްޙީ ޙާލަތު ތަންދޭ ކުދިން ދެނެގަތުމަށް ބޭނުންވާ ޓެސްޓްތައް ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.

ރާއްޖެއަކީ އާބާދީގެ ނިސްބަތުން ތެލަސީމިއާ އާބާދީ އެންމެ ބޮޑު އެއް ޤައުމެވެ. ރާއްޖޭގެ ތެލަސީމިއާ ދަފްތަރުގައި 959 މީހުން ރަޖިސްޓްރީކޮށްފައިވާއިރު، 666 މީހުން މިވަގުތު ދުނިޔޭގައި އެބަތިއްބެވެ. ރާއްޖޭގެ މުޅި އާބާދީގެ %16.6 މީހުންނަކީ ތެލަސީމިއާ ވާރުތަކުރާގޮތް ހުންނަ މީހުންނެވެ.

ތެލަސީމިއާ މީހުންގެ ދެބައިކުޅަ އެއްބައި އާބާދީ ދިރިއުޅެނީ މާލެ ސަރަޙައްދުގައެވެ.